ހަމަނުޖެހުމަށް މަގުފަހިވެދާނެ އަމަލުތައް ހުއްޓާލުމަށް ކުރާ އިލްތިމާސް ތަކުރާރުކުރުން

noosbayan

24 ޖޫން 2013 ދުވަހުގެ ރޭ ހެންވޭރު ޕާރކް ކަންމަތީގައި ބޭއްވުނު “ބިޔަބޮޑު މުޅި ހެންވޭރު އެއްބުރުން” ބައްދަލުވުމުގެ ތެރެއަށް ބަޔަކު ވަދެ އެމްޑީޕީ އާއި ދެކޮޅަށް ހަޅޭއްލަވައި، އެތާތިބިބަޔަކު ކޮއްޕާ، ބައެއްމީހުނަށް ފައިން ހަމަލާދީ ހަދާފައިވާތީ އެ ގޮތްކުޑަ މުޑުދާރު އަދި އަނިޔާވެރި ޢަމަލުތައް އެމްޑީޕީ އިން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. މާލޭގައި ދިރިއުޅޭ ށ، ރ އަދި ލ އަތޮޅުގެ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން، އަޙުމަދިއްޔާ ސްކޫލް ކުރިމައްޗަށް ވާގޮތަށް ހުންނަ ޢިިމާރާތުގެ ތިރީގައި އެމްޑީޕީން ތައްޔާރުކުރި ޖަގަހައަށް ވެސް ބަޔަކު ހަމަލާދީ، ބިއްލޫރިތައް ތަޅާލައި، އެތަނަށް ކުކުޅުބިސް އުކުމަށް ފަހު ޖެހިގެން އައިރޭ އަނެއްކާވެސް ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލާފައެވެ.

ސިޔާސީ ހަރަކާތްތަކުގައި، ޚާއްޞަ ގޮތެއްގައި 07 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ވޯޓްލުމަށް ހަމަޖެހިފައިވާ ދިވެހި ރާއްޖޭގެ ރިޔާސީ އިންތިޚާބަށް އެކި ސިޔާސީ ލީޑަރުން ކުރައްވަމުން ގެންދަވާ ކެމްޕޭން ހަރަކާތްތަކުގައި، ހަމަނުޖެހުމަށް މަގުފަހިވެދާނެ ޢަމަލުތައް ނުހިންގެވުމަށާއި އެފަދަކަންކަން ހުއްޓާލެއްވުމަށް އެމްޑީޕީން ވަނީ މީގެ ކުރީގައިވެސް އެތައްފަހަރަކު އިލްތިމާސް ކޮށްފައެވެ.

އެމްޑީޕީއާއި ދެކޮޅު ޝުއޫރު ލިޔެފައިވާ ކަރުދާސް ބޯޑުތައް ހިފައިގެން ތިބެ ހެންވޭރުގެ ބައްދަލުވުމަށް ހުރަސްއެޅި ބައެއްޒުވާނުން އެއީ ކޮންބަޔަކުކަން މިހާރު ވަނީ ފާހަގަކުރެވިފައެވެ. އެމްޑީޕީގެ އިސް ބައެއް މެމްބަރުން ނަޞޭހަތްދެއްވުމުންވެސް އެ ޒުވާނުން ގެންދިޔައީ ހަޅޭއްލަވައި މެގަފޯނު މެދުވެރިކޮށް އެތާ ހަމަނުޖެހުމެއް އުފެއްދޭތޯ މަސައްކަތްކުރަމުންނެވެ. ގަޑިއެއްހާ އިރު ވަންދެން އެ ޒުވާނުންގެ އަޑުގަދަ ކުރުންތަކާއެކު އެއްވުން ކުރިއަށް ގެންދިޔަ ނަމަވެސް، ހަމަނުޖެހުމެއް ހިނގިޔަނުދީ އެމްޑީޕީގެ މެމްބަރުން އެތަނުގައި ހަރަކާތްތެރިވެލެއްވީ، އެސަރަހައްދުގައި ހިނގާފާނެ ކަމަކާމެދު ފުލުހުންގެ އަޅާލުމެއްނެތިކަން ފާހަގަވަނީ އެތަނަށް އެއްވެސް ފުލުހަކު އައިސްފައި ނުވާތީއެވެ.

މިރާއްޖޭގެ އަމަން ބެލެހެއްޓެވުމުގެ އިދާރާގެ ވެރިންގެ ގޮތުގައި މިހާރު އެތިއްބެވީ އެމްޑީޕީ އާއި ކަނޑައެޅިގެން ހަތުރުވެރި ޝުޢޫރުތައް ފާޅުކުރެއްވުމާ، ބަޣާވާތަކުން ބާރުވެރި މަގާމުތަކަށް އެރުއްވީއްސުރެ އެމްޑީޕީގެ މެމްބަރުންނާމެދު ލާއިންސާނީ ހާނީއްކައާއި އަނިޔާ ހިންގެވުމާއި، ޕާޓީގެ މުދަލަށާއި ތަކެއްޗަށް ގެއްލުންދެއްވުގެ އަމުރުތައް ކުރައްވާ ޚާއިނުން ތަކެއް ކަމުގައި ވިޔަސް، ފުލުހުންނާ ސިފައިންގެ ތެރޭގައިވެސް އަމަން އަމާންކަމާއި ގައުމީ މަޞްލަޙަތަށް އިސްކަންދެއްވާނެ ފުލުހުން ތިއްބަވާނެކަން ފާހަގަކޮށް މިފަދަ ހަޑި މުޑުދާރު އަދި އަނިޔާވެރި ޖަރީމާތައް ހުއްޓުވުމަށް އެފަދަ ފުލުހުންނާ ސިފައިން ކެތްތެރިކަމާއި ހިކްމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވަމުން ގެންދެވުމަށް މިޕާޓީން ގޮވާލަމެވެ.

ކުޅިވަރު އެކުވެރީންގެ ގޮތުގައި އެކުއުޅޭ ޒުވާނުން ލައްވައި ނާޖާއިޒު އަދި ނުސިޔާނު ކަންކަން ވާދަވެރި ސިޔާސީ ލީޑަރުން ރާއްވަވައިގެން ހިންގެވުމަކީ މާއްދީ ކިތަންމެ ބޮޑު ހޭދައެއްކުރައްވައިގެން ކުރައްވާ ކަމެއް ކަމުގައިވިޔަސް އެއީ އެޒުވާނުންނަށް މެދުވެރިކުރެއްވޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމުގައި ފާހަގަކޮށް އެކަންކަން އެންމެ މަތީދަރަޖައިގާ އެމްޑީޕީން ކުށްވެރިކުރަމެވެ.

ހުރިހާ ޕާޓީއަކުންނާއި ސިޔާސީ ލީޑަރުން ވެސް ހަމަނުޖުހެމަށް މަގުފަހިވެދާނެފަދަ ޢަމަލުތައް ކުށްވެރިކުރައްވައި އެކަންކަން ހުއްޓެވުމުގެ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށް މިޕާޓީން އިލްތިމާސްކުރަމެވެ.

25 ޖޫން 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް