“ތިމަރަފުށީ ރައްޔިތުންނާއެކު އެމްޑީޕީ” ގެ ނަމުގައި އެމްޑީޕީން ޚާއްސަ ޖަލްސާއެއް ބާއްވައިފި

“ތިމަރަފުށީ ރައްޔިތުންނާއެކު އެމްޑީޕީ” ގެ ނަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިންތިޒާމްކޮށްގެން ބުދަ ދުވަހުގެރޭ އާޓިފިޝަލް ބީޗް ގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ އިދިކޮޅު ޑީއާރުޕީން ސަރުކާރުގެ ވަޒީރުންނާމެދު އިތުބާރު ނެތްކަމުގެ ވޯޓު ނަގާނޭ ކަމުގެ ވާހަކަ ކިތަންމެ ވަރަކަށް ދައްކަމުން ދިޔަ ނަމަވެސް އެކަމާ އެއްވެސް ވަރަކަށް ޖެހިލުންވެ ވަޑައި ނުގަންނަވާ ކަމަށާއި، އެއް ވަޒީރަކާމެދު އިތުބާރުނެތް ކަމަށް ފާސްކުރާ ތަނުން އާ ވަޒީރެއްގެ ނަން މަޖިލީހުން ފާސްކުރަމުން ގެންދާނެ ކަމުގައެވެ. އަދި ޑީއާރުޕީ އާއި ޕީއޭ އަށް މަޖިލިހުގެ އަޣްލަބިއްޔަތު އޮތް ނަމަވެސް ކުރިންވެސް މަޖިލީހުގައި އެޕާޓީތަކުން މަސައްކަތް ކުރަމުން ދިޔައީ، އަދި މިހާރުވެސް މަސައްކަތް ކުރަމުންދަނީ އާންމު ރައްޔިތުންގެ މަސްލަހަތަށް ބެލުމެއްނެތި ކަމުގައެވެ. އަދި ޑީއާރުޕީއަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ހެވަށް މަސައްކަތްކުރި ޕާޓީއެއް ނޫން ކަމުގައި ރީކޯ މޫސަ ވިދާޅުވިއެވެ.
މިޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޕާޓީ މަސްލަހަތަށް ވުރެ އާންމު ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ ޕާޓީ އެއް ކަމުގައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހދ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ޑީއާރުޕީން މައިގަނޑު ތިން ޕްލޭނެއް ގެންގުޅޭ ކަމަށާއި، އެ ތިން ޕްލޭނަކީ، ޑޮލަރު ތާށިކުރުމުގެ ޕްލޭން އަކާއި ޓޫރިޒަމް ދާއިރާ ހަލާކު ކޮށްގެން ސަރުކާރާމެދު ރައްޔިތުން ނަފްރަތު ކުރުވުމުގެ ޕްލޭން އަކާއި، އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއިމެދު އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ޕްލޭން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފ ބިލެތްދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވެސް މެންބަރު އަލްއުސްތާޛް އަހުމަދު ހަމްޒާ ވިދާޅުވީ ޑީއާރުޕީން ފަށާނެ ކަމަށް ވާހަކަދެކެވޭ، ވަޒީރުންނާމެދު އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ސިލްސިލާގައި އެންމެ ފުރަތަމަ އިތުބާރުނެތް ކަމުގެ ވޯޓުނަގާނޭ ކަމަށް އެ ޕާޓީން ބުނަމުންދާ ހޯމް މިނިސްޓަރ މުޙައްމަދު ޝިހާބަކީ މިވަގުތު ސަރުކާރުގައި ހުންނެވި އެންމެ ޤާބިލް އެއް ވަޒީރު ކަމުގައެވެ. އަދި އެފަދަ ބޭފުޅަކާއި މެދު އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިފިނަމަ ޑީއާރުޕީން ރައްޔިތުންނަށް ހެޔޮއެދޭ މިންވަރު އެނގިގެންދާނެ ކަމުގައި ވިދާޅު ވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ އިތުރުން ތ ތިމަރަފުށީ ދާއިރާގެ ވަގުތީ ނަތީޖާއިން ކުރި ހޯއްދަވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަފާ ވެސް ވާހަކަ ދެއްކެވިއެވެ.