މާލޭގައި ދިރިއުޅޭ ށ، ރ އަދި ލ އަތޮޅުގެ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން، އަޙުމަދިއްޔާ ސްކޫލް ކުރިމައްޗަށް ވާގޮތަށް ހުންނަ އިމާރާތުގެ ތިރީގައި އެމްޑީޕީން ތައްޔާރުކުރި ޖަގަހައަށް 22 ޖޫން 2013 ދުވަހުގެ ރޭ އިރާކޮޅު ބަޔަކު އެކިފަހަރުމަތިން ހަމަލާދީ، އެތަނުގެ ބިއްލޫރިތައް ތަޅާލައި، އެޖަގަހައަށާއި އެ ސަރަހައްދަށް ކުކުޅުބިސް ތަކެއް އުކާފައިވެއެވެ.
އެ ޖަގަހައަށް މި ހަމަލާތައް އަމާޒުކޮށްފައިފަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު އެތަން ރަސްމީކޮށް ހުޅުވައިދެއްވުމަށް ވަޑައިގަންނަވާ ވަގުތާއި ދިމާކޮށް ކަމުން، އެތަނުގައި އެމްޑީޕީގެ ނިސްބަތުންގިނަ މެމްބަރުންތަކެއް ހަރަކާތްތެރިވަމުންދިޔަ ވަގުތަކު މި ގޮތްކުޑަ، މުޑުދާރު އަދި ފިނޑި ޢަމަލު ހިންގާފައި އެވަނީ އެކަންކަމުން ހަލަބޮލި ކުރިމަތިލުންތަކެއް އުފެއްދޭތޯ ކަމުގައި ބެލެވެއެވެ.
6 ފެބްރުއަރީ 2012 ވީ އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެއަށް އަރައިގަނެ އެތާތިއްބެވި އެތަކެއް މެމްބަރުންނަށް ބޮޑެތިވެގެންވާ ހާނީއްކަތައްކޮށް، އެތާހުރި އެތައްހާސްރުފިޔާގެ މުދަލަށް ގެއްލުން ދިނުމާއި، 07 އަދި 08 ފެބްރުއަރީ 2012 ގައި ފުރަމާލޭގެ މަގުތައްމަތީ އެމްޑީޕީގެ އިސްސަފުގެ މެންބަރުންނަށް ލާއިންސާނީ އެތަކެއް ހާނީއްކަ ކުރުމުގެ ޢަމަލުތަކާ ޖަދަލުތައް ފެށީ ފުލުހުންނާއި ސިފައިންގެ ވަކިބަޔަކު ކަން ކޯނީގެ ރިޕޯޓުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެބަޔަކާ މެދު ކަމާބެހޭ އެހެން މުއައްސަސާއަކުން އަދިވެސް ފިޔަވަޅު ނޭޅި ދާކަން އެއީ މި ބާވަތުގެ ގޮތްކުޑަ އަދި ފިނޑި މާރާމާރީ ތައް ހިންގުމުގެ އިތުރު ފުރުޞަތު އެފަދަބަޔަކަށް ލިބޭނޭ ކަމެއްކަމުގައި ފާހަގަވެއެވެ.
ފުލުހުންނާއި ސިފައިންގެ ވެރީންގެ ގޮތުގައި މިހާރުވެސް އެތިއްބެވީ މިދެންނެވި އަނިޔާވެރިކަމާއި ޣައިރުގާނޫނީ ބާރުވެރިކަމުގެ ޖަދަލުތައް ރާއްވަވައި ހިންގެވުމުގެ މޭސްތިރިން ކަމުގައި ވާތީ، އިންތިޚާބީ ވާދަވެރިކަން ބޮއްސުންލިޔަ ނުދިނުމަށްޓަކައި އަދި މިގައުމުގެ މަޞްލަހަތަށްޓަކައި އެބޭފުޅުން މަގާމުން ދުރުކުރެއްވުމަށް ކަމާއި ބެހޭ އެންމެހާ މުއައްސަސާއަކުންނާއި އަދި އެކުވެރި ދަވްލަތްތަކުން އެޅުއްވޭންހުރި ހުރިހާ ފިޔަވަޅެއް ވަގުތުން އަޅުއްވައިދެއްވުމަށް އެމްޑީޕީން އިލްތިމާސްކުރަމެވެ.
ދަންނަވާފައެވާ ބާވަތުގެ ޣައިރުޤާނޫނީ ބާރުގެ ޖަދަލު އެހިންގަވަނީ ވާދަވެރި ސިޔާސީ ލީޑަރުންނަށް ތާއީދުނެތް މިންވަރު މިދުވަސްވަރު ހާމަވަމުންދާތީ އެބޭފުޅުންގެ ޖަޒުބާތުތައް ކެކިއަރައިގެން ކަމުގައި ބައެއް މުއައްސަސާއިންވެސް ވަނީ ފާހަގަކުރައްވާފައެވެ. ސިޔާސީ ވާދަވެރިކަމުގައި ކުރެއްވި އެތަކެއް ހާނީއްކަ އާއި ޕާޓީގެ މުދަލަށް ދެވިފައިވާ އަދަދުނުކުރެވޭ ގެއްލުންތައް، ދަންނަވާފައެވާ ފަހަރުތަކުގެ އިތުރުން ރާޅުގަނޑުގައްޔާއި އުސްފަސްގަނޑުގައިވެސް އަދި މިރާއްޖޭގެ ކިތަންމެ ރަށެއްގައި އެމްޑީޕީގެ މެމްބަރުން ވަނީ ކެތްތެރިކަން
އިސްކުރައްވައި ތަހައްމަލު ކުރައްވާފައެވެ.
މާތްރަސްކަލާނގެ ހަރާމްކުރައްވާފައިވާ ޖަރީމާތަކެއް ހިންގަވައިގެން ބަގާވާތަކުން ވެރިކަމު އަރުއްވައި ތިއްބަވައިގެން އެބަގާވަތުގައި ހިމެނިވަޑައިގަންނަވާ އެކި ފެންވަރުގެ ވެރީން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދަށް އެކިބާވަތުގެ ހާނީއްކައާއި ދުއްތުރާތައް ކުރިމަތިކުރެއްވުމާއި، މި ޕާޓީގެ އެކިޖަގަހައާއި މުދަލަށް ގެއްލުންދިނުމާއި، އެމްޑީޕީ މެމްބަރުންނަށް ހަމަލާ ދިނުމާ، މިޕާޓީގެ އެތަކެއް މެމްބަރުންނާއި މެދު ޝަރުއީ ދުއްތުރާތައް ކުރިމަތިކުރުމާއި، އަޞްލާއި ޚިލާފް ތުހުމަތު ނަތީޖާތަކުން އުފެދޭ އޮޑިޓް ރިޕޯޓްތަކާއި އަދި ދައުލަތުގެ މަޢުލޫމާތު ތަކެއް ވަގަށް ނަންގަވައިގެން މިޕާޓީން މެމްބަރުން ވަގަށް ނެންގެވުން ފަދަ ޣައިރުޤާނޫނީ ކިތައްމެ ކަމަކާ އެމްޑީޕީގެ މެމްބަރުން ޖަދަލު ނުކުރައްވައި ކެތްތެރިކަން އިސްއެކުރައްވަނީ، ވޯޓު ދީގެން ތަހުޒީބުގޮތުގައި މި ނަހަލާލު ބަގާވަތް ނިމުމަކަށް ގެނައުމަށް ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުގައި އެއްދަވަހަކާ އެއްފަހަރާ ރައްޔިތުން ނުކުންނަވައި، މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދަށް ވޯޓު ދެއްވައިގެން، އެއް ބުރުން، މި އިންތިޚާބު އިރާދަފުޅާއެކު ކާމިޔާބު ކުރައްވާނެތީ ކަމުގައި ދަންނަވަމެވެ.
ވުމާއެކު، ވާދަވެރި ސިޔާސީ ލީޑަރުންވެސް އެބޭފުޅުންގެ ސިޔާސަތުތަކެއް އިތުރަށް ހާމަކުރެއްވޭތޯ ބައްލަވައިގެން މިކަމުގެ ފަންނީ ހަރަކާތްތަކާއި ތަހުޒީބުގޮތްތައް އިސްކުރައްވައިގެން ވާދަކުރެއްވުމަށާ، ވާދަވެރި ސިޔާސީ ލީޑަރުން ނިވަލުގައި ތިއްބަވައިގެން، އެމްޑީޕީގެ އެކިޖަގަހައާއި މުދަލަށް ގެއްލުން ދިނުން ހުއްޓާލުމަށާއި އެމްޑީޕީ މެމްބަރުންނަށް ހަމަލާ ދިނުން ހުއްޓާލުމަށް އިލްތިމާސްކުރަމެވެ.