މިއަހަރު ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްނޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މިޙައްމަދު ނަޝީދަށް ތާޢީދު ހޯދުމުގެ މަސައްކަތް ކުރުމަށް މާލޭގައި ކެންޕެއިން ދެ ޖަގަހަ ހުޅުވައިފިއެވެ.
ރޭ )23 ޖޫން 2013-އާދިއްތަ( ރައީސް ނަޝީދު ހުޅުއްވައި ދެއްވި ކެންޕެއިން ދެ ޖަގަހައަކީ ށ.ރ.ލ. އަތޮޅާއި މައްޗަންގޮޅި ތަމްޞީލް ކުރުމަށް އަޙްމަދިއްޔާ ސްކޫލް ކުރުމަތީގައި ހުރި ޖަގަހައަކާއި ފޯއްމުލައް ތަމްޞީލް ކުރުމަށް ހެންވޭރު ރޯޝަނީ މަގުގައި ތައްޔާރު ކުރެވުނު ޖަގަހަ އެކެވެ.
ޖަގަހަ ހުޅުއްވައި ދެއްވުމުގެ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީން ކުރަމުންދާ ކެންޕެއިން މަސައްކަތައް ގޯނާ ކުރުމުގެ ގޮތުން ބަޔަކު ހިންގާ ޢަމަލަކަށް ފަސްނުޖެހޭނެ ކަމަށާއި އެމްޑީޕީން އެއްބުރުން އިންތިހާބް ކާމިޔާބު ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީން އެއްވެސް ބަޔަކު ދެކެ ނަފްރަތު ނޫނީ ރުޅިއަންނަން ބޭނުން ނުވާކަމަށާއި ބިހާއި ގަލުގެ ގޯނާ ކުރުންތައް އަމާޒުވިއަސް އެމްޑީޕީން ބިހެއްވެސް ގަލެއްވެސް ނޫކާނެ ކަމަށާއި ނުވަތަ އެކަމުގެ ބަދަލު ހިފަން އެމްޑީޕީން ނުނިކުންނާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކަންކަން ރަނގަޅު ކުރެވޭނީ ނަފްރަތުން ނޫނީ ރުޅިއައިސްގެން ނޫން ކަމަށާއި ކަންކަން ރަނގަޅު ކުރެވޭނީ ލޯބިން ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ތަރައްޤީގެ ޕާޓީކަމަށާއި އެމްޑީޕީން ކުރާނެ ކަމަކީ ތަރައްޤީގެ އާ ސިޔާސަތެއް އެކުލަވައިލާ އެ ސިޔާސަތު ރައްޔިތުންނަށް ސާފުކޮށްދިނުން ކަމަށެވެ.
ރޭ އަޙްމަދިއްޔާ ކުރިމަތީގައި ހުޅުވުނު ށ.ރ.ލ. އަތޮޅު އަދި މައްޗަންގޮޅި ކެންޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމީއްޔާތުގައި ށ.ރ.ލ އަތޮޅުގެ ކެންޕެއިން ކޯޑިނޭޓަރ އަދި އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ވާހަކަފުޅު ދެއްކެވިއެވެ.
ރޭގެ ކެންޕެއިން ޖަގަހަ ހުޅުވުގެ މި ދެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރުންނާއި ޤައުމީ މަޖިލިސްގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. އަދި އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުންނާއި ސަޕޯޓަރުން ވަނީ މި ދެ ރަސްމީޔާތުގައި ބައިވެރިފައެވެ.