30 ޖެނުއަރީ 2009
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވައި ވަގުތީ ނަތީޖާއިން ނާކާމިޔާބުވެފައިވާ ޣައްސާން މައުމޫން، މިދިޔަ ހަފުތާގައި ތިމަރަފުއްޓަށްކުރި ކެންޕެއިން ދަތުރާއި ދެކޮޅަށް އެރަށު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ކުރި ސުލްހަވެރި އިހްތިޖާޖުގައި، މުސްތަފާގެ ވެސް އަދި އެމްޑީޕީގެ ވެސް އެއްވެސް އަތެއް ނުވާ ކަމުގައި އިލެކްޝަންސްގެ ވަގުތީ ނަތީޖާއިން ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް، މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ތިމަރަފުށީގެ މައްސަލައާ ބެހޭ މައުލޫމާތު ދެއްވުމަށް ހޯމަ ދުވަހު މެންދުރުފަހު ދަރުބާރުގޭ ފަންސަވީހުގައި އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވަމުން، މުސްތަފާ ވިދާޅުވީ މި އިހުތިޖާޖުގައި އެމްޑީޕީގެ ފަރާތުން އެއްވެސް ބަޔަކު ނުކުމެފައި ނުވާ ކަމަށާއި، މި އިހުތިޖާޖަކީ ރަށުގެ މަސްލަހަތު ދިފާއު ކުރުމަށް އަމިއްލަ ޖަމިއްޔާތަކުން އިސް ނަގައިގެން ބޭއްވި އެއްވުމެއް ކަމުގައެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ ޣައްސާންގެ އެދަތުރުގައި، މާލޭގައި ގްރޫޕް މާރާމާރީ ހިންގާ ބައެއް ފަރާތްތައް ބައިވެރިވާ ކަމުގެ މައުލޫމާތު އެކިގޮތްގޮތުން ރަށުގެ ރައްޔިތުންނަށް ލިބުމުގެ ސަބަބުން ތިމަރަފުށީގެ އާންމު މަސްލަޙަތު ގެއްލޭ ފަދަ އަމަލެއް ނުކުރުމަށް އެދި ކެނޑިނޭޅި 3 ދުވަސް ވަންދެން އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އަޑުގަދަކުރާއިން އިޢުލާން ކުރަމުން ދިޔަކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައެވެ. އަދި ރައްޔިތުންގެ އިޙްސާސްތަކަށް ބެލުމެއްނެތި މާލޭގައި ގްރޫޕް މާރާމާރީ ހިންގުމުގައި ހަރަކާތްތެރިވާ ދިހަ ވަރަކަށް ކުދިން ޣައްސާން މައުމޫން ދަތުރުކުރި ލޯންޗްގައި ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިކަމާގުޅޭ ވީޑިއޯތައް ތިމަރަފުށީގައި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައި ވިދާޅުވެ، އެފަދަ ވީޑީއޯތައް ހުރިނަމަ އާންމު ކުރެވޭތޯ މަސައްކަތް ކުރާނޭ ކަމުގައި މުސްތަފާ ވިދާޅުވިއެވެ.
މިނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ތިމަރަފުށީ ދާއިރާއާ ގުޅޭ ކަންކަމަށް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އައްޔަން ކޮށްފައިވާ ކޮމިޓީގެ މެންބަރު، ޑރ. އިބްރާހީމް ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް ތިމަރަފުށީ ވޯޓުގެ މައްސަލަ އަޑުއެއްސެވުމަށް އެމަނިކުފާނުވެސް ވަޑައިގެންނެވި ކަމަށާއި، މިމައްސަލަ މުސްތަފާ ކާމިޔާބު ކުރައްވާނޭ ކަމުގެ އުއްމީދު ވަރަށް ބޮޑުކަމުގައެވެ. މީގެ އިތުރުން ތިމަރަފުށީގެ މައްސަލަ ހައްލުކުރުމުގައި ދިވެހި ފުލުހުން ކެތްތެރިކަމާއެކު ދައްކާފައިވާ ރީތި މިސާލަށް ޑރ އިބްރާހީމް ދީދީ ވަރަށް ބޮޑަށް ތައުރީފް ކުރެއްވެވިއެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފ ބިލެއްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަހުމަދު ހަމްޒާ ވަނީ ތިމަރަފުށީގެ މައްސަލައާއި ގުޅިގެން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ޖިނާޢީ ބަދުނާމުތަކެއް އެމްޑީޕީގެ ބޮލުގައި އިދިކޮޅު ފަރާތްތަކުން އަޅުވާފައިވާ ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.