މާލޭގައި ދިރިއުޅޭ ކޮލަމާފުށީގެ އެމްޑީޕީ މެންބަރުންނަށް ޚާއްސަ ބައްދަލުވުމެއް ބާއްވައިފި

އިބްރާހީމް ރާމިޒް

ގއ. ކޮލަމާފުށީ ޒުވާނުން އިސްނަގައިގެން މާލޭގައި ދިރިއުޅޭ އެރަށު އެމްޑީޕީ މެންބަރުންނަށް ރޭ ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެމްޑީޕީއަށް ބޮޑު ސަޕޯޓެއް އޮންނަ ކޮލަމާފުށީގެ ޒުވާނުން ރޭ(21ޖޫން 2013-ހުކުރު) މަންދުކޮލެޖުގައި ބޭއްވި މިބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށާއި، އެމްޑީޕީގެ ސިޔާސަތުތަކާއި، ހަރަކާތްތައް ހިނގަމުންދާ ގޮތާއި ބެހޭ މައުލޫމާތު މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮލަމާފުށީގެ އެމްޑީޕީ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދޭ އަދި ތާއީދުކުރާ ފަރާތްތަކަށް ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް މި ބައްދަލުވުން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭ ގޮތުން މައުލޫމާތުދެއްވީ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަތީފް އެވެ. ބައިވެރިންނަށް ވެސް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލި މި ފޯރަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް ވަހީދު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ކޮލަމާފުށީ އެމްޑީޕީ މެންބަރުންގެ ތެރެއިން 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނެނީ މުހައްމަދު ރައޫފް އާއި، މުހައްމަދު ޒާހިރު އާއި، އަބްދުﷲ ޖަމީލް އާއި، އިސްމާއީލް ފައުޒީ އާއި އިބްރާހީމް ދީދީގެ އިތުރުން ހަސަން ވަހީދު އެވެ.

މާލޭގައި ކޮލަމާފުށީގެ މެންބަރުން ބައްދަލުވުމެއް ބާއްވާފައިވާއިރު، ކޮލަމާފުށީގައި ވަނީ އެމްޑީޕީގެ ސިލްސިލާ ކަންމަތީ ބައްދަލުވުންތައް ވެސް ފަށާފައެވެ. އެގޮތުން މިދިޔަ ހުކުރުވިލޭރޭ ސިލްސިލާ ފުރަތަމަ ކަންމަތީ ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު، މިފަދަ އިތުރު ބައްދަލުވުމެއް ކޮލަމާފުށީ ދެކުނު އަވަށުގެ ސަރަހައްދެއް ގައި މިއަންނަ ހުކުރުވިލޭރޭ އޮންނާނޭ ކަމަށާއި، އެބައްދަލުވުމުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުން ފެނިގެންދާނޭ ކަމަށް ކޮލަމާފުށީ އެމްޑީޕީ އޮފީހުން މައުލޫމާތުދެއެވެ.