ކޮލަމާފުށީ ގައި އެމްޑީޕީގެ ކަންމަތީ ސިލްސިލާ ޖަލްސާތައް ފަށައިފި

ކޮލަމާފުށިން އިބްރާހީމް ރާމިޒް

ގއ. ކޮލަމާފުށީގައި އެމްޑީޕީގެ ސިލްސިލާ ކަންމަތީ ޖަލްސާތައް ފަށައިފިއެވެ.

ކޮލަމާފުށީ އެމްޑީޕީ އޮފީހުން އިސްނަގައިގެން ފެށި މި ޖަލްސާތައް ފެށުމުގެ ގޮތުން ރޭގެ ޖަލްސާ ބާއްވާފައިވަނީ އެރަށު އަމީނީ މަގުގައި ދެރަހަގޭ ކުރިމަތީގައެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި ރޭގެ ޖަލްސާ ގައި އެމްޑީޕީއާ އަލަށް ގުޅުނު 2 މެންބަރެއްގެ އިތުރުން ކޮލަމާފުށީ ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ އަތީފް އާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސާ ނައީމާ ގާސިމް ވެސް ވާހަކަދެއްކެވިއެވެ.

އަލަށް އެމްޑީޕީގެ ހަރަކާތްތަކާ ގުޅި، ރޭގެ ޖަލްސާ ގައި ވާހަކަދެއްކެވި ޒުވާން 2 މެންބަރުންނަކީ ކޮލަމާފުށީ ގައި ހުންނަ ގއ.އަތޮޅު މަދަރުސާގެ ސްކޫލް ބޯރޑްގެ ޗެއަރޕާސަން މަރިޔަމް ސައީދާ އާއި، އެރަށު ސިއްޙީ މަރުކަޒު ގިނަ ދުވަސްތަކެއް ވަންދެން ހިންގެވި މުޙައްމަދު އިސްމާއީލް އެވެ.

މި ޖަލްސާގައި މުހައްމަދު އިސްމާއީލްގެ ވާހަކަ ޒުވާނުންނާއި ރިޔާސީ އިންތިޚާބުގެ މައްޗަށް ބިނާކުރެއްވިއިރު، މަރިޔަމް ސައީދާ ދެއްކެވި ވާހަކައިގައި އެމްޑީޕީގެ ފަޅުވެރިންނާ އެކު އޭނާ ދަތުރުފެއްޓެވީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި، އެ އޮޑީގެ ދަތުރު އެއްވެސް މަންޒިލެއްގައި މަޑުކުރުމެއް ނެތި، ނިޔާމައިގައި އެއްބުރުން މަންޒިލާ ހަމައަށް ގެންގޮސްދިނުމުގައި އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން މިންވަރަކުން މަސައްކަތްކުރުމުގައި ދެމިހުންނަވާނޭ ކަމަށް ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7 ގައި ބަދަލުކުރި ފަހުން އެކި ދާއިރާތަކުން ކޮލަމާފުށީގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މާލެއަށް ހިޖުރަކުރަމުންދާ ކަން މަރިޔަމް ސައީދާ ހިތާމައާ އެކު ފާހަގަކުރެއްވިއެވެ.

މިފަދަ އިތުރު ބައްދަލުވުމެއް ކޮލަމާފުށީ ދެކުނު އަވަށުގެ ސަރަހައްދެއް ގައި މިއަންނަ ހުކުރުވިލޭރޭ އޮންނާނޭ ކަމަށާއި، އެބައްދަލުވުމުގައި ވެސް މުޅިން އާ މޫނުތަކެއް ފެންނާނޭ ކަމަށް ކޮލަމާފުށީ އެމްޑީޕީ އޮފީހުން މައުލޫމާތުދެއެވެ.