ދިވެހިރާއްޖޭގެ އިންތިޚާބީ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު މިރާއްޖެއިން ޑިމޮކްރަސީ ފޮހެލުމަށް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު މަސައްކަތްކުރައްވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރަން

noosbayan

ދިވެހިރާއްޖޭގެ އިންތިޚާބީ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު މުޅި ދިވެހިރާއްޖޭގެ ޅަފަތުގައިވާ ޑިމޮކްރަސީގެ ނިޒާމު ގަޑުބަޑުކޮށް މިރާއްޖެއިން ޑިމޮކްރަސީ ފޮހެލުމަށް މުޙައްމަދު ވަޙީދު ހަސަން މަނިކު މަސައްކަތްކުރައްވާތީ އެކަން މިޕާޓީއިން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ.

ބުރާސްފަތި ދުވަހު)20 ޖޫން 2013( ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފައިވަނީ މުޙައްމަދު ވަޙީދު ހަސަން މަނިކުގެ )ސިޔާސީ ޕާޓިގެ ޤާނޫނުގައި ބުނާ ސިޔަަސި ޕާޓި އަކަށްވާން ބޭނުންވާ 10000 މީހުންވެސް ހަމަ ނުވާ( ޤައުމީ ޢިއްތިހާދު ޕާޓީން އެޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ގިނަ އަދަދެއްގެ މީހުންނަކީ އެފަރާތްތަކަށް ނޭނގި އޮޅުވާލައިގެން ހުށައަޅާފައިވާ ފޯމުތަކެއްކަމުގައެވެ. މީގެ ތެރެއިން ނިޔާވެފައިވާ މީހުންގެ ފޯމުތައް ނިޔާވި ތާރީޚްގެ ފަހުން ސޮއިކޮށް ޤައުމީ އިއްތިހާދު ޕާޓީއަށް ވަނުމަށް ފޯމު ހުށައަޅާފައިވާކަމަށް އޭސީސީން ބަޔާންކޮށްފައިވެއެވެ. އަދި ފޯމުތައް ހުށައެޅުމުގައިވެސް ބޮޑެތި އޮޅުވާލުމާއި މަކަރު ހަދާފައިވާކަމަށް އޭސީސީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

2008 ވަނަ އަހަރު އިސްލާޙްކުރެވުނު ޤާނޫނޫ އަސާސީއަކީ ފުރަތަމަ ފަހަރަށް ދައުލަތުގެ ބާރުތައް ވަކި ކުރެވި މިނިވަން މުވައްސަސާތައް އުފެދި ދެފުށް ފެންނަ ދައުލަތެއް ބިނާކުރުމުގެ ބިންގަލެވެ. ދިވެހިރައްޔިތުން މިއަދު އެދިއެދި ތިބީ ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމުވެ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް މިޤައުމުގައި އަށަގަތުމަށެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުން ދިވެހިރާއްޖޭގެ ތަރައްޤީގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތްތައް މަގުފަހިވެގެންދިޔައެވެ. މިސިޔާސީ ނިޒާމުގެ އެންމެ ބޮޑު ބެނުމަކީ ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންގެ ވޯޓަކުން ސަރުކާރު އިންތިޚާބުކުރުމެވެ. ދައުލަތުގައި ސިއްރުކުރެވިފައިވާ އެތައް ބައެއްގެ މަޢުލޫމާތު މަދު ބައެއްގެ ވަގުތީ ބޭނުމަށް ސިޔާސީ ޕާޓީއަކުން ބޭނުންކޮށްގެން މަކަރާތް ހީލަތް ހެދުމަށް ބޭނުންކޮށް، ވަކި މީހެއްގެ ވަގުތީ ސިޔާސީ ބޭނުމަށް މުޅި ޑިމޮކްރަޓިކް ނިޒާމް ގަޑުބަޑު ކުރުމަށް މަސައްކަތް ކުރާކަމީ މިޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. މިފަދަ ބޮޑު އޮޅުވާލުމާއި މަކަރާއި ހީލަތާއި އަދި ދައުލަތުގެ މުވައްސަސާތަކުގައި ރައްކާކުރެވިފައިވާ ސިއްރު މަޢުލޫމާތުތައް ޤައުމީ ޢިއްތިހާދު ޕާޓީން ބޭނުންކޮށްފައިވާތީ މިކަން ހިނގައިދިޔަގޮތް މިހާރުން މިހާރަށް ތަޙްޤީޤްކޮށް ޤައުމީ ޢިއްތިޙާދު ޕާޓީގެ ލީޑަރު ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ގޮވާލަމެވެ.

ދިވެހިރައްޔިތުން ބުރަ މަސައްކަތުން އެތައް ޤުރުބާނީތަކެއް ވެގެން ހޯދާފައިވާ މިސިޔާސީ ނިޒާމު ދަމަހައްޓަން ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް މި ފުރުސަތުގައި އަރުވަމެވެ.