ކާމިޔާބު ދަތުރު ތަކަކަށްފަހު މެނިފެސްޓޯ އޮޑި މާލެ އަތުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ފަށައިފައިވާ “އެއްބުރުން” ކެންޕެއިން ޕްރޮގްރާމް ތަކުގެ ތެރެއިން އެމްޑީޕީގެ ސިޔާސަތުތައް ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހދ. އަޮޅުގެ ރަށްތަކަށް ކުރި ކާމިޔާބު ދަތުރުތަކަށްފަހު މެނިފެސްޓޯ އޮޑި ރޭ)17 ޖޫން 2013 -ހޯމަ( މާލެ އަތުވެއްޖެއެވެ.

އެއޮޑީގެ މެންބަރުން ރޭ މާލެ ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ގިނަ ޢަދަދެއްގެ މެންބަރުން ވަނީ ރޭ ޓީޖެޓީ ސަރަހައްދަށް އެއްވެފައެވެ.

މިދަތުރަކީ ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލާންވީ ކީއްވެގެންކަން ސާފުކޮށްދިނުމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިސްނަންގަވައިގެން އެމަނިކުފާނު ބޭނުންފުޅު ވެލައްވައިގެން، ރައްރަށުގެ ރައްޔިތުންގެ ހާލަތު ވަރަށް ކައިރިން ދެނެގަނެ، ރައްޔިތުންގެ ބޭނުންތައް އަހައި އޮޅުން ފިލުވުމަށް ކުރަމުންދާ ދަތުރެއްކަމަށް މެންބަރުންވަޏި ފާހަގަ ކުރައްވާފައެވެ.

އެގޮތުން ރަށްރަށުގެ ހާލަތު ދެނެގަތުމަށް ރަށްރަށުގެ ރައްޔިތުން ކައިރިން މައުލޫމާތު އަހާ އޮޅުން ފިލުވުމަށްފަހު ރަށްރަށުގެ ރައްޔިތުން ކުރި ސުވާލުތަކަށް މެނިފެސްޓޯ އޮޑީގެ މެންބަރުން ޖަވާބު ދެއްވާފައި ވެއެވެ. މި ބައްދަލުވުން ތަކުގައި އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ މެންބަރުންނާއި އެމްޑީޕީ ޕޮލިސީ ކޮމިޓީގެ މެންބަރުން ބައިވެރިވެ ރައްޔިތުންނަށް އެމްޑީޕީގެ ސިޔާސަތުތައް އިތުރަށް ވަނީ އޮޅުން ފިލުވައިދެއްވާފައެވެ.

އެމްޑީޕީގެ މެނިފެސްޓޯ އޮޑީގެ މެންބަރުން ކުރިއަށް ގެންދިޔަ ބައްދަލުވުން ތަކުގައި ރަށުގެ ޒުވާނުންނާއި ވިޔަފާރިވެރިންނާއި، ރަށުގެ އިސް ބައެއް ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ބަދަލު ކުރެވުނެވެ. އަދި މަދަނީ ޖަމުއިއްޔާތަކާ ބައްދަލުކޮށް ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާއިބެހޭ ގޮތުންނާއި އެމްޑީޕީގެ ސިޔާސަތު ތަކާއިގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރެވުނެވެ.

ރޭ ނިންމާލި ދަތުރުތަކަކީ ރާއްޖޭގެ އުތުރަށް ކުރި ދަތުރުތަކެއް ނަމަވެސް މެނިފެސްޓޯ އޮޑީގެ މިފަދަ އިތުރު ދަތުރުތައް ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.