ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ބޭނުމަކީ ހަމައެކަނި އެއިންތިޚާބުކޮށް ރާއްޖޭގެ ވެރިކަމަށް އައުން ނޫން ކަމަށާއި އެއަށްވުރެ މުހިއްމީ ދިވެހިންގެ ޤައުމިއްޔަތާއި އިސްލާމްދީން ދިފާއުވެ ރާއްޖެ ތަރައްޤީ ވެގެންދާނޭ ފަދަ ޑިމޮކްރެޓިކް ހަމަތަކެއް ޤާއިމް ވެގެން ދިއުން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކު ފާނު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ 116 ވަނަ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
މިމޭރުމުން ރައީސް ނަޝީދު ވިދާޅުވީ ކެމްޕޭނުގެ ޙަޤީގީ ބޭނުމަކީ ދިވެހިރާއްޖޭގެ ޤައުމިއްޔަތާއި ދިވެހިންގެ މާތްވެގެންވާ އިސްލާމްދީނާ، ދިވެހިންގެ އިންސާނީ ޙައްޤުތައް އަދި ދިވެހިންނަށް ބޭނުންވާ ތަރައްޤީގެ ފުރުޞަތުތައް ލިބޭނޭ ގޮތަކަށް ސަރުކާރު އުފެދޭނޭ ގޮތެއް ވެގެން ދިއުން ކަމަށެވެ.
“މިއަދު ހަމަގައިމުވެސް އަޅުގަނޑު މިހުރީކީ ހަމައެކަނި އިންތިޚާބު ކާމިޔާބު ކުރާކަށް ނޫން. އަޅުގަނޑުމެންގެ އެންމެ މުހިއްމު އެންމެބޮޑު މަސްއޫލިއްޔަތަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުން. އަޅުގަނޑުމެންގެ ދަރިންނާ ދަރިންގެ ދަރިންނަށް މިފަދަ ޑިމޮކްރެޓިކް އިންތިޚާބު ތަކެއްގައި ވާދަކުރެވި ޤައުމަށްޓަކައި މަސައްކަތް ކުރެވޭނޭ ފުރުސަތުތަކެއް އަޅުގަނޑުމެން މިކުރާ މަސައްކަތުން ލިބިގެން ދިއުން” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ނޫން ކަމަށާއި އެމްޑީޕީގެ ބޭނުމަކީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތަކެއް ޤާއިމް ކުރުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މިއިންތިޚާބު ކާމިޔާބު ކުރާއިރު ދެވަނަ ބަޔަކީ ނުވަތަ ވާދަވެރިންނަކީ ކޮންބައެއްކަން ކަނޑައަޅަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުގައި އެއްވަނައަށް ދާނެ ކަމާމެދަކު ހިތުގައި އެއްވެސް ޝައްކުކަމެއްނެތް ކަމަށާއި ރާއްޖޭގެ ގިނަ ރައްޔިތުންވެސް އެގޮތަށް ޤަބޫލު ކުރާ ކަމަށެވެ. މީގެ އިތުރުން ދެވަނައަށް ދާނީ ކޮންބައެއްތޯއާއި ވާދަވެރިންނަށް ވާނީ ކޮންބައެއްތޯ ރައްޔިތުން ސުވާލު ކުރައްވާ ކަމަށެވެ. އެހެންކަމުން މިފަހަރު ވާދަވެރިންގެ ގޮތުގައި ބައިތިއްބާނީ ކޮންބައެއްތޯވެސް މިއިންތިޚާބުގައި ކަނޑައަޅަން ޖެހިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތުގެ އަހުލުވެރިން ނުވަތަ ބާޣީން ވާދަވެރިންގެ ގޮތުގައި ތިބޭކަށް ދިވެހިރައްޔިތުންނެއް ނޭދޭ ކަމަށާއި އެހެންކަމުން ދެވަނަ ބަޔަކަށް އެބޭފުޅުން ނުގެންނެވޭނެ ކަމަށެވެ.
“މިދަންނަވާ ވާހަކައަކީ އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް ދެވަނައިގާ ބާއްވާކަށް އަޅުގަނޑުމެންނަށް ފުރުސަތު ދެވޭކަށް ނެތޭ، މިފަހަރު އެކަން ކޮށްދެވޭކަށް ނެތޭ. އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތުގައި ބާއްވާނީ ކޮންބައެއް ކަމާމެދު” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޕޭން ވަރަށް ފޯރިއާއެކު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ފައިސާގެ އެހީތެރިކަނވެސް ޕާޓީއަށް ހެޔޮއެދޭ ޕާޓީގެ ޢާއްމު މެންބަރުން ދެމުންދާކަމަށެވެ.
“ޢާއްމު މެންބަރުން 5 ރުފިޔާއިން 10 ރުފިޔާއިން ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ދަނީ އޮއްސަމުން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ މުޅި ރާއްޖޭގައި އެމްޑީޕީއިން ހިންގާ ކެންޕޭންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރުވެސް އަދާ ކުރައްވާފައެވެ.