އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވެރިކަމަށް ހޮވަން ޖެހޭ ސަބަބަކީ ރައްޔިތު މީހާއަށް ދާއިމީ ފައިދާ ލިބިގެންދާނޭތީ ކަމަށް މެނިފެސްޓޯ އޮޑީގެ ދަތުރުމަތީގައި އުޅުއްވާ ޕާލަމެންޓް ގްރޫޕްގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މެނިފެސްޓޯ އޮޑީގައި ދަތުރު ކުރައްވާ ރައްޔިތުންގެ މަޖިލިސް މެންބަރުން މިހެން ވިދާޅުވީ އެމްޑީޕީ މެނިފެސްޓޯ އޮޑި މިހާރު ހދ. ގެ ރަށްތަކަށް ކުރަމުންދާ ދަތުރުގައި ވައިކަރަދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެއެއް ހުޅުއްވައި ދެއްވުމަށްފަހު އެތަނަށް ހާޒިރުވެތިބި ރައްޔިތުންނާ މުޙާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވައިކަރަދޫގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ މެންބަރު ޢަލީ ވަހީދު ވިދާޅުވީ ބައެއް ރިޔާސީ ކެންޑީޑޭޓުން ދައްކަވަނީ ވަގުތީ މަންފާގެ ވާހަކަ ކަމަށާއި ލެޕްޓޮޕާއިން ކޮންޕިއުޓަރ ދެއްވާނެ ވާހަކަ ކަމަށެވެ. އަދި އަނެއްބައި ބޭފުޅުން ތެޔޮނަންގަވާނެ ކަމަށް ވިދާޅުވާއިރު ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުނުވާ ކެންޑިޑޭޓަކުވެސް އުޅުއްވާ ކަމަށެވެ. ޢަލީ ވަހީދު ވިދާޅުވީ ލެޕްޓޮޕާއި ކޮންޕިއުޓަރ އަކީ ވަގުތީ އެއްޗެއް ކަމަށާއި ތެޔޮ ނެގޭނީ ފުރަތަމަ ތެޔޮ ހުރިކަން ޔަޤީންކޮށްގެން ކަމަށް ވިދާޅުވިއެވެ. އެމްޑީޕީން ހުށަހަޅައިދެނީ މުއްސަނދިން އަތުން ނަގައިގެން ނުލިބޭ މީހުންނަށް މަންފާކޮށް ކޮށްދިނުމުގެ ސިޔާސަތު ތަކެއް ކަމަށާއި ސަލާންޖެހުން ހުއްޓުވާ ސިޔާސަތުތަކެއް ކަމަށް ޢަލީ ވަހީދު ވިދާޅުވިއެވެ.
ޢަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް އެއްބުރުން އިންތިޙާބު ކާމިޔާބު ކޮށްދިނުމަކީ ޢާއްމު ރައްޔިތުމީހާއާއި އޭނަގެ އާއިލާ އަދި ރަށުގެ ތަރައްޤީ ކުރުމަށް މިއަދު އޮތް ހަމައެކަނި ގޮތްކަމަށްވެސް ވިދާޅުވިއެވެ.
ވައިކަރަދޫގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ވިދާޅުވީ ރައީސް ނަޝީދަކީ ހިތްވަރު ގަދަ ބޭފުޅެއް ކަމަށާއި އަދި އަބަދުވެސް ރައްޔިތުންނަށް ހެޔޮގޮތް ހޯއްދަވައި ދެއްވުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކަށް ބައެއް ފަރާތްތަކަށް ކެތް ނުކުރެވޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދު ކުރިން ހޮވިވަޑައިގަތުމުންވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޖަލައްލާ ގޮނޑި ގެއްލުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާ ކަމަށް ރައީސް ނަޝީދު އިންތިޙާބް ކުރުމުންވެސް ބަޔަކަށް ކެތްނުކުރެވިގެން ބަޣާވަތްކޮށް ވެރިކަން ވައްޓާލާފައިވާ ކަމަށާއި އެހެންނަމަވެސް ހިތްވަރަކާއެކު ނުކުމެވަޑައިގެން ރައްޔިތުންނަށް ހެޔޮ ދިރިއުޅުމެއް ހޯއްދަވައި ދެއްވުމަށް ގަދައަޅާ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕް މެންބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެންބަރަކު އަދި ޚާއްޞަކޮށް އެމްޑީޕީއާ ދާއިމީ ގޮތަކަށް ދުރައް ނުދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި މިހާރު ކޮންމެވެސް ގޮތަކުން ފެޔަށް ޖެހިފައިވާ މެންބަރުން އެމްޑީޕީއާ ގުޅެންވީ ވަގުތު މިއޮތީ ޖެހިފައިކަމަށާއި އެހެން ކަމުން އެފަދަ ފަރާތްތަކަށް އެމްޑީޕީއާ ގުޅުމަށް ގޮވާލެއްވިއެވެ. އަދި ޒުވާނުންނަށްވެސް ކުރިމަގު އޮތީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ހުރިހާ ސިޔާސަތު ތަކަކީވެސް އާމްދަނީ އިތުރު ކުރުމަށް ހުޅުވިފައިވާ ފުރުޞަތެއް ކަމަށާއި އެފަދަ ސިޔާސަތުތަކެއް ތަންފީޒު ކުރެވޭނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އެއްބުރުން ހޮވައިގެން ކަމަށް ވިދާޅުވިއެވެ.
ވައިކަރަދޫގެ ހަރުގެ ހުޅުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ދޭނަމޭ ކިޔައިގެން އަންނަ ބަޔަކު އަންނާނެ ކަމަށާއި އެހެންނަމެސް އެމީހުންނަކަށް މިއަދު ދެވޭނެ އެއްޗެއް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ. އެހެންކަމުން ދޭނަމޭގެ އަވާގައި ޖެހިގެން ނުދިއުމަށް އަލީ ރިޒާ އިލްތިމާސް ކުރެއްވިއެވެ.
އަލީ ރިޒާ ވިދާޅުވީ ބޭނުންވަނީ ދާއިމީ ކަމެއް ވުންކަމަށާއި ރަށުގެ ތަރައްޤީ އާއި ރައްޔިތުންގެ ތަރައްޤީ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ޚިޔާރު ކުރަންވީ ދޭނަމޭ ކިޔައިގެން އަންނަ މީހުންގެ ބަދަލުގައި ރައްޔިތުންނަށް، ރަށުގެ ތަރައްޤީ ގެނައުމަށް ރައީސް ނަޝީދު ކަމަށް ވިދާޅުވިއެވެ.
މިއަދު ވައިކަރަދޫއަށް އެމްޑީޕީ މެނިފެސްޓޯ އޮޑި ކުރި ދަތުރުގައި އެރަށުގައި ހަރުގެ ހުޅުވުމުގެ އިތުރުން ވައިކަރަދޫ މަތި އުތުރު އޮފީސް ހުޅުވުމާއި ދިދަ ނެގުން އޮތެވެ. ހަރުގެ ހުޅުއްވާދެއްވީ އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަލީވަހީދު އެވެ. އެމްޑީޕީ ވައިކަރަދޫ އޮފީސް ހުޅުއްވައިދެއްވީ އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރު ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒްއެވެ. އެމްޑީޕީ އޮފީހުގެ ދިދަ ނަންގަވައިދެއްވީ އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރު އަޙްމަދު ސަމީރު އާއި ހއ.ހދ. އަތޮޅުގެ ކެންޕެއިން ކޯޑިނޭޓަރ ޝިފާ މުޙައްމަދު އެވެ.