ނަންބަރު:MDP-2013-PR-45
ތާރީޚް: 16 ޖޫން 2013 (އާދީއްތަ)
ސަރުކާރުގެ އަދި އެކި މުއައްސަސާ އަށް ނިސްބަތްކުރެވޭ ފާރުފާރުގައި ޕާޓީކުލަލުމަކީ އެދެވިގެންވާ ކަމެއް ނޫން
ސަރުކާރުގެ އަދި އެކި މުއައްސަސާ އަށް ނިސްބަތްކުރެވޭ ފާރުފާރުގައި ޕާޓީކުލަލުމަކީ އެއްވެސް ޕާޓީއަކުން ކުރުން އެދެވިގެންވާ ކަމެއް ނޫން ކަމަށާއި އެކަން ވަގުތުން ހުއްޓާލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނަށާއި ހެޔޮއެދޭ ހުރިހާ ފަރާތަކަށް އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށާއި ތާއީދުކުރާ ފަރާތްތަކަށް އެމްޑީޕީން އިލްތިމާސް ކުރަމެވެ.
ސަރުކާރުގެ އަދި އެކި މުއައްސަސާ އަށް ނިސްބަތްކުރެވޭ ފާރުފާރުގައި ޕާޓީކުލަލަމުން ގެންދާ ކަމުގެ ނިސްބަތުން ގިނަ ޝަކުވާތަކެއް މާލޭ ސިޓީ ކައުންސިލުން ވަނީ މިޕާޓީ އާއި ހިއްޞާކުރައްވާފައެވެ. ސަރުކާރުގެ އަދި އެކި މުއައްސަސާ އަށް ނިސްބަތްކުރެވޭ ފާރުފާރުގައި ޕާޓީކުލަލުމަކީ އިލެކްޝަންސް ކަމިޝަނުގެ ގަވާއިދުތަކާ ޚިލާފްކަމެއް ކަމަށާއި، ދަވްލަތުގެ އެއްވެސް ޢިމާރާތެއްގައި ޕާޓީގެ ކުލަލުން، ޕޯސްޓަރު، ނިޝާން، ބެނަރ ފޮތިދެމުން ފަދަ ސިޔާސީ ޕާޓީއަކަށް ނިސްބަތްކުރެވޭ އެއްވެސް ހާމަކުރުމެއް ވަނީ މަނާކުރެވިފައިކަމުގައި ފާހަގަކުރަމެވެ.
ގަވާއިދާ ޚިލާފްނުވެ އަމިއްލަ ގޭގެއާއި ޢިމާރާތްތަކުގައި ކުލަލުމާއި، ޕޯސްޓަރާއި، ބެނަރ އަދި ފޮތީ ގެ ހާމަކުރުންތަކުން މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދަށް ތާއީދު އިތުރުކުރުން އިސްކޮށްގެން ޕާޓީގެ މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން މަސައްކަތްކުރުމަށް އިލްތިމާސްކުރަމެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް