15 ޖުލައި 2010
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ވިޔަފާރި ކުންފުންޏެއް ހަދައިގެން ހިންގާ ރައްޔިތުންގެ މަޖިލީހެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ސ. ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗްގައި ރޭ އެމްޑީޕީ އިން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލްހާން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން، އެމަޖިލީހުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންގެންދާ ކަމަށާއި އެގޮތުން މިހާރު ދައުލަތުގެ މީޑިއާ ހައިޖެކް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ދެންފެންނާނީ އެސްޓީއޯ އާއި އެނޫން ވިޔަފާރި ކުންފުނިތައްވެސް ހައިޖެކްކުރަން އުޅޭތަން ކަމަށް އަލްހާން ވިދާޅުވިއެވެ. .
އެމްޑީޕީގެ ޕަބްލިކް ރިލޭޝަންސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޒުވާން މަޖިލިސް މެންބަރު، އަލްހާންގެ ވާހަކަފުޅުގައި ރާއްޖެ އަމާން ބަނދަރަކަށް ގެންދެވުމަށްޓަކައި މިކުރައްވާ މަސައްކަތް ރައީސް ނަޝީދަށް ކުރެއްވޭނެ ކަމަށާއި، އެކަން ކާމިޔާބު ކުރެވޭނޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައި މިވާ މަސައްކަތް ހުއްޓަވާލައްވައިފިނަމަ މި ޤައުމުން ޑިމޮކްރަސީ ނެތިގެން ހިނގައިދާނޭ ކަމަށް ވިދާޅުވެ، ރައީސަށް ލިބިވަޑަގެންފައިވާ ބާރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ކުރެއްވުމަށް ރައީސް ނަޝީދަށް، އަލްހާން ގޮވާލެއްވިއެވެ.
ޚުދުމުޚުތާރުކަމާއިއެކު ބާރުގެ ބޭނުން ކުރައްވަމުން ގެންދަވަނީ ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނުޢަލީ އާއި މަޖިލީހުގެ ރައީސް ކަމަށާއި، އެހެންކަމުން މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެންމެ މަތީ ބާރު ބޭނުންކުރަން ޖެހިއްޖެ ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ހީލަތާއި މަކަރު ރައީސް ނަޝީދުގެ އެބަހުންނެވި ކަމަށާއި، ކުރީގެ ރައީސާއި މިހާރުގެ ރައީސްގެ ވަރަށް އަރިހުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު ލިބިލައްވާފައިވާ ކަމަށާއި، ރައީސް ނަޝީދަކީ ސިއްރު އެޖެންޑާއެއް ނެތި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ރިޝްވަތު ދިނުމާއި، ޣައިރު ޤާނޫނީ ގޮތުން މި ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު މަހުޖަނު ޤާސިމް އިބްރާހީމް އާއި ޕީއޭގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަންކުރުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމަކީ ” ސިޔާސީ ނުފޫޒު ފޯރާފައިވާ، ތިލަފަތުގެ އެއްކޮޅަށް ބަރުވެފައިވާ” ނިންމުމެއް ކަމަށް އަލްހާން ތަކުރާރުކޮށް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މުސްތަޤްބަލަށްޓަކައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ އިދިކޮޅު ސިޔާސީ ފަރާތްތައް އިސްތިޢުފާ ދޭންޖެހޭ ކަމަށް ވިދާޅުވަމުން އަލްހާން ވަނީ ޑީއާރުޕީގައި ތިއްބެވި އެމަނިކުފާނަށް ސަޕޯޓްކުރައްވާ ބޭފުޅުން އަވަހަށް އެމްޑީޕީއާ ގުޅުމަށް ދަޢުވަތު ދެއްވާފައެވެ.