ރައްޔިތުންގެ މަޖިލީހުގައި ހިންގާ ކަންކަން ނިމެމުންދަނީ ރުފިޔާއަށް ބަރޯސާވެގެން ކަމަށްވާނަމަ ޤައުމުގެ އެންމެހާކަންތައްތައް ނިމެމުންދާނީ ރުފިޔާ ގިނަ ފައިސާވެރިން ބޭނުންވާގޮތަށް – ރައީސް

15 ޖުލައި 2010

ރައްޔިތުންގެ މަޖިލީހުގައި ހިންގާ ކަންކަން ނިމެމުންދަނީ ރުފިޔާއަށް ބަރޯސާވެގެން ކަމަށްވާނަމަ ޤައުމުގެ އެންމެހޭކަންތައްތައް ނިމެމުންދާނީ ރުފިޔާ ގިނަ ފައިސާވެރިން ބޭނުންވާގޮތަށް ކަމަށާއި ރައްޔިތުން އެދޭގޮތަށް ކަންތައް ނިމިގެން ނުދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ކެމްޕެއިންއަށް ވާގިވެރިވުމުގެ ގޮތުން ރޭ އާޓިފިޝަލް ބީޗް ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރުފިޔާއަށް ނުވަތަ ކޮރަޕްޝަނަށް ބަރޯސާވެގެން ކަންތައްތައް ހިނގަމުން އަންނަ ޤައުމެއްގައި ހުރިހާ ކަމެއް ނިމެމުންދާނީ އާންމު ރައްޔިތުން ނިކަމެތިވެ، ފައިސާވެރިން ބޭނުންގޮތަށް އެމީހުންގެ މަންފާއިތުރުވާނެގޮތަށް ކަމަށާއި އެފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ” ރާއްޖޭގެ ރައްޔިތުން ބޭނުންވާގޮތަށް މަޖިލީހުގެ މެންބަރުން ވޯޓުލަމުންގެންދާތަން އިރާދަކުރެއްވިއްޔާ ރައްޔިތުން ދެކޭނެ” ކަމަށްވެސް ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ހެޔޮ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި އަށަގެންނެވުމަށް ކަމަށާއި އެފަދަ ވެރިކަމެއް ކުރުމަށްޓަކާ އައު ޤާނޫނު އަސާސީއެއް އެކުލަވާލެވުނު ކަމަށާއި ރައީސުލްޖުމްޙުރިއްޔާއަކާއި ރައްޔިތުންގެ މަޖިލީހެއް އިންތިޚާބުކުރެވުނު ކަމަށް އަދި މިހާރު މިއޮތީ ސްޕްރީމް ކޯޓެއް އެކުލަވާލަން ޖެހިފައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އުޅުނުއިރު ޕާޓީތަކުންނާއި ކެންޑިޑޭޓުން، ރައްޔިތުންނަށްޓަކައި ކަންތައްތައް ކޮށްދޭނެގޮތް ބުނެދިން ކަމަށާއި ރައްޔިތުން ވޯޓުދެއްވަމުންގެންދެވީ އެކަންކަމަށް ބައްލަވައިގެން ކަމަށެވެ. ނަމަވެސް އިންތިޚާބުން މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެވުނީމާ ރައްޔިތުންގާތު ދެއްކި ވާހަކަތައް ހަނދާންނައްތާލުމަށްފަހު އެޑްވާނަސްކޮށް 1 މިލިއަނަށް ވިކި، ފަހުން 2 މިލިއަންލިބޭ ގޮތަށް، ޖުމްލަ 3 މިލިއަނަށް ބައެއް މެންބަރުން މަހުޖަނުންނަށް ވިކެންފެށީ ކަމުގައި ރައީސް ވިދާޅުވިއެވެ.
” އަޅުގަނޑުމެންނަށްވެސް އެގޮތަށް ރުފިޔާ ދެވިދާނެ. ކުރިއަށް 1 މިލިއަން ރުފިޔާވެސް ދެވިދާނެ. ނަމަވެސް އެގޮތަށް ކޮރަޕްޝަންގެތެރެއިން އެކަންކުރާކަށް ބޭނުމެއް ނޫން. މިހާތަނަށް ވާނީ ވަރަށް ގިނަ ތަފާތު އިންތިޚާބުތަކުގައި ވާދަކޮށްފައި. އަވަށު ކޮމިޓީ އިންތިޚާބަށް ވާދަކުރިން،. ޔުނިވަރސިޓީގަ އޮތް އިންތިޚާބަކަށް ވާދަކުރިން. މަޖިލީހުގެ މާލޭ ގޮނޑިއަށް ވާދަކުރިން. ރިޔާސި އިންތިޚާބުގައި ވާދަކުރިން. އެހެން ނަމަވެސް އެފަދަ ގޮތަކުން އެއްވެސް މީހަކަށް އެންމެ ރުފިޔާއެއްވެސް ދިފައެއް ނުވާނެ. ރުފިޔާ ދީފައި ވޯޓުގަތުމަކީ އެންމެފަހުން ކުރަން ޖެހުނު ކަމަށް ވީނަމަވެސް އެކަމެއް ނުކުރާނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާއަކީ މިސަރުކާރު އެކުލަވާލެވުނު ފަހުން، ސިޔާސި ޕާޓީއަކުން ބޭއްވި އެންމެ ބޮޑު ޖަލްސާއެވެ. މި ޖަލްސާއަށް 10،000 އަށްވުރެ ގިނަ މީހުން ހާޒިރުވެފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް މި ޖަލްސާ ހިނގަމުން ދަނިކޮށް އިދިކޮޅު ފަރާތްތަކުން ހަތިޔާރާއެކު ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކަށް ހަމަލާދީ ޒަޚަމްކުރުމާ ގުޅިގެން، މިޖަލްސާ ވަނީ މެދުކަނޑާލާފައެވެ. ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ފެށި ނަމަވެސް އިރުކޮޅެއް ނުވެ އަނެއްކާވެސް ޖަލްސާ ހުއްޓާލިއެވެ.