ނަންބަރު:MDP-2013-PR-44
ތާރީޚް: 14 ޖޫން 2013 (ހުކުރު)
ހުޅުމާލޭގަ އިޙްތިޖާޖް ކުރަމުން ދިޔަ ރައްޔިތުންތަކެއްގެ ތެރެއިން އެތައް ބަޔެއްގެމައްޗަށް ފުލުހުން އަނިޔާވެރިވެ، ގަދަބާރުން ހައްޔަރުކުރި ކުރުން މިޕާޓީން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރުން
މިއަދު ) 14 ޖޫން 2013- ހުކުރު( ހުޅުމާލޭގެ ރައްޔިތުންތަކެއް ބަސް ދަތުރު ޙިދުމަތުގެ އަގު ބޮޑުކުރާ މައްސަލައިގައި ހިތްހަމަނުޖެހި އެކަމާ ދެކޮޅަށް އަޑު އުފުލާ އިޙްތިޖާޖް ކުރަމުން ދަނިކޮށް ފުލުހުން މުޒާހަރާ ރޫޅާލާ އޭގެ ތެރެއިން އެތައް ބަޔެއްގެމައްޗަށް އަނިޔާވެރިވެ، ގަދަބާރުން ހައްޔަރުކުރި ކުރުން މިޕާޓީން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީގެ 27 ވަނަ މާއްދާއާ 32 ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. އެޙައްޤުގެ ބޭނުންކޮށް މިއަދު ހުޅުމާލޭގައި ބަޔަކު މީހުން އެބައި މީހުންގެ ޝުޢޫރުތައް ފާޅުކުރަމުން ދަނިކޮށް އެޙައްޤު ނިގުޅައިގަނެ އޭގެތެރެއިން ބަޔަކަށް ވަރަށް އަނިޔާވެރިވެ ބިޑިއަޅުވައިގެން ހައްޔަރު ކޮށްފައިވާކަމާއި އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އުމުރުން އެންމެ 9 މަހުގެ ތުއްތު ކުއްޖެއްގެ މަންމަ ހިމެނޭކަމީ މިޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ.
މީގެ އިތުރުން އިހުތިޖާޖް ކުރަމުންދިޔަ މީހުންގެ އިހްސާސްތަކާއި ޝުޢޫރުތައް އެޝުޢޫރުތައް ރައްދުވާ ފަރާތްތަކަށް އިއްވައިދީ ހެދުމަށް މަސައްކަތް ކުރަމުންދިޔަ ނޫސްވެރިންގެ ފޮޓޯތަކާއި ވީޑިއޯފަދަ ތަކެތި ޑިލީޓް ކުރުވާ ބައެއް މީޑިޔާތަކުގެ ނޫސްވެރިން ހައްޔަރުކޮށްފައިވާކަން އެއީ މިޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ. މީގެ ތެރޭގައި އޮންލައިން ޓީވީ ޗެނަލެއް ކަމަށްވާ އައިލެންޑް ޓީވީގެ ނޫސްވެރިޔަކުވެސް ހިމެނޭކަން ފާހަގަ ކޮށްލަމެވެ.
އެހެންކަމުން ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މުއައްސަސާތަކުން ހަނުހިމޭނުން ނުތިއްބަވާ މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށާއި، ޤާނޫނު އަސާސީގެ ޙައްޤެއް ބޭނުންކޮށް ސުލްހަވެރި އިޙްތިޖާޖް ކުރަމުން ދިޔަ މީހުންގެ ތެރެއިން މިއަދު ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް މިޕާޓީން ގޮވާލަމެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް