ހަރާމް ވެގެންވާ ބޮޑު ބަޣާވާތަކުން ހޯދާފައި ނަހަލާލް ވެރިކަމުގައި ތިބި މީހުން ފުޅާ ކޯލިޝަންގެ ނަމުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ނަމުގައި މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކީވެސް ބަޣާވާތުން ހޯދި ވެރިކަން ދިފާއު ކުރުމުގެ މަސައްކަތް ކަމުގައި ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުހައަމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ “އެއްބުރުން ބޯޑިންޕާސް” ގެ ނަމުގައި އެމްޑީޕީގެ އައްޑޫ ސިޓީ ދާއިރާއިން އިންތިޒާމް ކުރެއްވި ފަންޑްރެއިޒަރ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިރާދަފުޅާއެކު މިހާރުގެ މި ނަހަލާލުވެރިކަން އަޅުގަނޑުމެން ނިންމާލާނީ ވޯޓުން، މުޅި ރާއްޖޭގެ އެކިކަންކޮޅުގައި އެއްދުވަހާކާ އެކީ ނުކުމެ، އެއްބުރުން ކަމަށާޢި މާތްރަސްކަލާނގެ ހަރާމްކުރައްވާފައިވާ ބަޣާވާތަކުން ވެރިކަމަށް އަރާވަޑައިގެން އިންނެވި ބާގީ ވަހީދު، ބަގީ ވެރިކަން ދެމެހެއްޓުމުގެ ރޭވުމުގައި، އަޅުގަނޑުމެނާ ވާދަކުރައްވަނީކަމަށް ވިދާޅުވެ، ކެމްޕެއިން ދަތުރުތަކާ ހަރަކާތައް ފައްޓަވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އެވިދާޅުވާ ހަރަކާތްތައް 2012 ވަނަ އަހަރުގެ ފެބްރުއަރީމަހު 5 ވަނަދުވަހުގެރޭ ހިލާލީގޭގައި ވެސް ހިންގަވާތަން އަޅުގަނޑުމެންނަށް ފެނުނު ކަމަށާއި އެ ވިދާޅުވާ ކެމްޕޭން ހަރަކާތްތައް ފެބްރުއަރީ 7 ވަނަދުވަހާއި 8 ވަނަ ދުވަހުވެސް އަޅުގަޑުމެން ތަހައްމަލު ކުރީމު ކަމަށެވެ.
“އެ ވިދާޅުވާ ކެމްޕޭން ހަރަކާތްތައް ދެން ބަދަލުވެގެން ދިޔައީ އެމްޑީޕީގެ ހީވާގި އަދި ކުރީ ސަފުގައި ތިއްބެވި މެމްބަރުންނަށް ކޯޓުގައި ދައުވާކުރުމަށް. ތިމާމެންގެ އަތުގައި މުގުރު ބުރިއާއި ބާރު އޮތީމާ، ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން، އެމްޑީޕީގެ މެމްބަރުންނަށާއި އެމްޑީޕީއަށް ތާއީދު ކުރާ އެތައް ރައްޔިތުންނަށް ހަމަލޮލަށް ނިދިނުލިބި ކުރާ މަސައްކަތައް ހުރަސް އަޅަން ކަންކަން ކުރަނީ، ހިތުން އަޅުގަނޑުމެންގެ ކެމްޕޭނަށް ހުރަސް އަޅަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ ގައި ވާދަވެރި ރިޔާސީ ކެންޑިޑޭޓަކާއި، މަޖިލީހުން ފިޔަވަޅު އެޅުއްވި ބަނޑުކޮށްޓާ އަނެއް މެމްބަރާއި، ހަޞްމަކަށް ހުންނެވި އާދަންފުޅު ކިރާވޯޓްދެއްވައިގެންވެސް އެހިންގަވަނީ ބާގީންގެ ކެމްޕޭނު ކަމަށެވެ.
ދިވެހިރައްޔިތުންގެ އުއްމީދު އެޕާޓީއަކާ ގުޅިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ފަރެސްމާތޮޑާ ގެއެއްގެ ދޮރުތައް ފަޅާލައި، އެގޭގެ ދޮށީޢުމުރުގެ ބޭފުޅުންނަށް ހާނީއްކައާއި ގެއްލުން މެދުވެރިކުރެއްވައި އެހިންގެވީވެސް ބާޣީންގެ ކެމްޕޭން ކަމަށާއި ކޮންމެ ރަށަކަށް ވަޑައިގަތުމުގެ ކުރިން އެރަށުގެ ޒުވާނުން ހައްޔަރުކޮށް، އަސޭމިރުސް ދުން ޖަހައި ބިޑިއަޅުވައިގެން އެކުދިން ވަޒީފާއިންނާއި ސްކޫލުން ވަކިކުރާނެ ކަމުގެ އިންޒާރުދީ، ޓެރަރިޒަމްގެ ދައުވާ ކޮށް އެހިންގަވަނީވެސް ބަގީންގެ ކެމްޕޭނު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބާގީންގެ ކެމްޕޭނު ދަތުރުތަކަށާ ހަރަކާތްތަކަށް އެމްޑީޕީން ހުރަސް އަޅާކަމަށް ވިދާޅުވާއިރު، 7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހު މެންދުރު އެކެއް ޖެހިތަނާ ރާއްޖޭގެ ރައްޔިތުންނާ މުޚާތަބު ކުރެއްވީ ހަގީގަތުގައިވެސް މަޖުބޫރީ ހާލަތުގައި ކަމަށެވެ.
“މަގާމުން އިސްތިއުފާ ދީފިން ކަމުގައި، އެދުވަހު އެފަދައިން، އަޅުގަނޑުގެ ދުލުން ބުނުމަށް މެދުވެރިވި ގިނަ ސަބަބު ތަކެއް މިހާރުވާނީ ތިޔަ އެންމެ ބޭފުޅުންނަށް ހާމަވެގެންގޮސްފަ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްޕުޅުން، ހާމަވެގެން ދިޔަ ހަގީގަތްތަކުގެ އެންމެ އަލިގަދަ އެއް ނަތީޖާއަކީ، ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނެއް މިގައުމުގެ މުސްތަގްބަލަށްޓަކައި އެމްޑީޕީ އާއި ގުޅިވަޑައިގެންނެވުން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލް އުވާލުމަށް އިންޒާރު ދީ ރަށުކައުންސިލްތައް ހިންގުމަށް ބަޖެޓު ދޫނުކޮށް އެހުރަސް އަޅަނީ ރައްޔިތުންގެ ތަރައްޤީއަށް ކަމަށާއި ރައްޔިތުން އެކަމަށް ވިސްނެވުމަށް ގޮވާލައްވާ ކަމަށެވެ.
ބާގީ ވަހީދާއި ބަޣާވަތުގެ ބައިވެރިންގެ ޢަމަލު ތަކުގެ ސަބަބުން މިހާރު މިވަނީ އިންޑިޔާ ކަނޑުގައި، ދުނިޔޭގެ އެހެންވެސް ބާރުވެރި ގައުމުތަކުގެ ވާދަވެރި ހަރަކާތްތަކާ އަޅުގަނޑުމެންގެ ޒަމާންވީ އަވަށްޓެރި ގައުމުތަކުން ކުރިމަތިލާން މެދުވެރިކުރުވާފައި ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ރަތްމަހަކަށް ނުގޮވާހާ އެއްޗެހި އިންޑިޔާއަށް ގޮވާ، ހިލަ އާއި ހިލަވެލި ނުލިބި، ބޭސްފަރުވާއަށް ނުދެވި އައްޑޫސިޓީގެ ރަށްތަކުގެ ބަނދަރުތައް ހުއްޓުނީމާ އެ ހުރަސްއެޅެނީ ދިވެހިރައްޔިތުންގެ ތަރައްޤީއަށް ކަމަށެވެ.
“މާތްރަސްކަލާނގެ ހަރާމްކުރައްވާފައިވާ ޖަރީމާތަކެއް ހިނަގައިގެން ވެރިކަމު އެރިބަޔަކު، އެ ނަހަލާލު ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި، އަޅުގަނޑުމެންގެ އަމާން މިގައުމު، މިހާރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަޅު ވިލާގަނޑެއްގެ ދަށަށް ފުރޮޅާލައި، މިލޮބުވެތި ރާއްޖެ، މިވަނީ ގޮތްނޭނގޭ ނުރައްކަލާއި، ނާމާންކަމުން ފުރިގެންވާ އަނދަވަޅެއްގެ އަނގަމަތިކޮށްފައި. އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓޭން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިފަދަ ހިތާމަވެރި ގައުމީ ކަންކަމާ ގުޅިފަ މިއޮތީ ތަހުގީގީ އަދި ތަންފީޒީ އިދާރާތައް ކަމަށާއި އެތަންތަނަށް ވެރިވެގަތް މަދު ބަޔަކު އެގެންދަނީ އެއްވެސް ތަހުގީގެއް ހަމަހަމަ ގޮތުގައި ނުހިންގައި، ސިޔާސީ އެދުމާއި ވިޔާފާރީގެ ނާޖާއިޒް ފައިދާގެ ދަހިވެތިކަން އިސްކުރި އެހެން ބަޔަކު އަންގާ ގޮތަކަށް ޖެހިލުމެއްނެތި ކަންކުރަމުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ޙަޤީޤީ ބާރަކީ، ރައްޔިތުންނަށް ޚިދުމަތްކޮށް، އެ ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމުގެ މަސައްކަތުގައި ފަސްނުޖެހުން ކަމަށާއި ބަޣާވާތުގެ ކުރިން އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ އަދި ކޮށްދޭން ފަށާފައިވާ ކަންތައްތަކަށް މިވަނީ ބަޣާވާތުގެ ސަބަބުން ހުރަސްއެޅިފައި ކަމަށެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތުގެ ކުރީގައި ސްކޫލް ތަކުގައި ފޮތްފަންސުރާއި ޓީޗަރުން ހަމަވުމުގެ އިތުރުން 116 މަދަރުސާއެއްދަންފަޅިއަށް ބަދަލުކުރެވި 243 ކްލާސްރޫމް އިތުރަށް އެޅި ބާވެ ވީރާނާވެފައިވާ ކްލާސްރޫމްތައް މަރާމާތު ކުރެވިފައިވާކަމަށެވެ. އަދި ކާމިޔާބުކަމާއެކީގައި ހިނގި ދަތުރުފަތުރުން އެއްމިލިއަން މީހުން ދަތުރުކޮށްފައިވާއިރު ބަޣާވާތުގެ ފަހުން އެކަންކަން ހުއްޓި 100 ރުފިޔާއަށް ކުރި ދަތުރު އެއްހާސް ރުފިޔާއަށް ކުރަން ޖެހިފައިވާ ކަމަށެވެ.
“އަޅުގަނޑުމެން އެދި މިގޮވަނީ މިނޫން ގޮތެއް ވުމަށް. މިއަދުގެ މިހާސްކަމުން އަރައިގަނެވޭނޭ މަގެއް ފެނުމަށް. ބޭނުމީ ވަޒީފާއެއް. ބޭނުމީ ގޯއްޗެއް. ގެއެއް. ފްލެޓެއް. ބޭނުމީ ބަލިވީމާ ބޭސްކުރެވޭނޭ ގޮތެއް. ދަރިންނަށް ރަނގަޅު ތައުލީމެއް. ބޭނުމީ ލިބޭއެއްޗެއް އިތުރުވުން. އަތްމަތި ތަނަވަސްވުން. ބޭނުމީ ތަރައްޤީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.