ތައުލީމާ ގުޅޭ އެމްޑީޕީގެ ސިޔާސަތު މިއަދު އިފްތިތާހް ކޮށްފި

highered.newspic

ތައުލީމާގުޅޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން:ދިވެހީންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށް” މިއަދު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްފިއެވެ. ޅ. ނައިފަރުގައި ތައުލީމާ ގުޅޭ އެމްޑީޕީގެ ސިޔާސަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމާއި އެކުއެކީ ރާއްޖޭގެ 19 އަތޮޅާއި މާލެ ސިޓީގައި އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އޮތެވެ.

މިއަދު އެމްޑީޕީން އިފްތިތާޙް ކުރި ސިޔާސަތު އިފްތިތާޙް ކޮށްދެއްވަމުން ސިޔާސަތު އިފްތިތާހް ކޮށްދެއްވި ބޭފުޅުން ދެއްކެވި ވާހަކަ ފުޅުގައި އެމްޑީޕީގެ އަމާޒަކީ އެމްޑީޕީގެ ވެރިކަމެއްގައި ދެވޭ ތައުލީމުގައި އިސްލާމްދީނާއި ކީރިތި ޤުރުއާން އަދި ޢަރަބި ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނޭ ކަމަށެވެ. އެގޮތުން ވެރިކަމުގެ ދައުރުގެ ތެރޭގައި ޑިގްރީ ފެންވަރުގެ 300 ޓީޗަރުން މަދުވެގެން ތަމްރީނު ކުރުމަށާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްލާމިކް ފެކަލްޓީ އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ތައުލީމާ ބެހޭ ސިޔާސަތުގައި ކަނޑައަޅާފައިވާނޭ ކަމަށެވެ.

އަދި ރާއްޖެއިން މަތީތައުލީމަށް ދާ ދަރިވަރުންގެ މިހާރުގެ ނިސްބަތަކީ 40 އިންސައްތައަށް ބަދަލު ކުރުމަކީ ރައީސް ނަޝީދުގެ ވަރަށްބޮޑު އެދުންފުޅެއް ކަމަށެވެ. އެހެންކަމުން ކުއްޖާ އުފަންވީއްސުރެ ބެލެނިވެރިންނާއި ސަރުކާރުން ފައިސާލާވާގޮތައް ހަޔަރ އެޑިއުކޭޝަން ސޭވިންގ ސްކީމެއް ތަޢާރަފް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން 6150 ޒުވާނުންނަށް މަތީތައުލީމް ހޯދުމަށް ލޯނާއި ސްކޮލަރޝިޕް ދިނުމަށް 500 މިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށާއި ކިޔެވުމަށް ދޭ ލޯނު އަނބުރާ ދައްކާއިރު އެޒުވާނަކު ދައްކަން ޖެހޭނީ ވަޒީފާ އަދާކުރާ ޒުވާނާގެ މަސްދުވަހުގެ އާމްދަނީގެ 8 އިންސައްތައަށްވުރެ މަތިނުވާ ޢަދަދެއް ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އަދި އެމްޑީޕީން މިފަހަރު ބޮޑަށް ބަލާފައިވަނީ ތައުލީމީ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށާއި މަސައްކަތަށް ޒުވާނުން އަހުލުވެރިކުރުމަށް ބާރު އެޅުވުމުގެ ގޮތުން ތައުލީމާއި ތަމްރީނު ދިނުމަށް ކަމަށް ތައުލީމާ ގުޅޭ ސިޔާސަތު އިފްތިތާހް ކޮށްދެއްވި ބޭފުޅުން ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ފަށާފައިވާ ހުނަރު ޕްރޮގްރާމާއި ތައުލީމީ ޒުވާނުން އުފެއްދުމާވެސް ވަރަށް ބޮޑަށް ގުޅުވާލާފައިވާނޭކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

ތައުލީމީ ސިޔާސަތު އިފްތިތާހް ކުރުން އޮތް ސަރަހައްދުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ހާޒިރުވެފައިވާއިރު މިސިޔާސަތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކުރި ސުވާލުތަކަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރުންނާއި ސިޔާސަތު އިފްތިތާހް ކޮށްދެއްވި ބޭފުޅުން ޖަވާބު ދެއްވާފައި ވެއެވެ. އަދި މިސިޔާސަތާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ބައެއް ރަށްރަށުގައި އާއްމު ހަފްލާތައްވެސް ބާއްވަމުން ގެންގޮސްފައިވެއެވެ.