މެނިފެސްޓޯ އޮޑީގެ މެންބަރުންނަށް ހދ. ކުމުންދޫއިން ޖޯޝުންފުރިގެންވާ މަރުޚަބާއެއް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މިހާރު ފަށާފައިވާ މެނިފެސްޓޯ އޮޑި ހދ. ކުމުންދޫއަށް ބަނދަރު ކުރުމުން އޮޑީގެ މެންބަރުންނަށް ކުމުންދޫގެ ރައްޔިތުން ޖޯޝުން ފުރިގެންވާ މަރުޚަބާއެއް ދަންނަވައިފިއެވެ.

މިއަދު ކުމުންދޫއަށް އެމްޑީޕީގެ މެނިފެސްޓޯ އޮޑި ކުރި ދަތުރުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަކޮށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕްގެ ނައިބު ލީޑަރ ޢަލީ ވަހީދު ވަނީ ވާހަކަ ދައްކަވާފައެވެ. ޢަލީ ވަހީދުގެ ވާހަކައިގައި މެނިފެސްޓޯ އޮޑީގެ ދަތުރުގެ ބޭނުމާއި ޙާޞިލް ކުރަންބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. އަދި ރައީސް ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިޙާބްގައި ވޯޓް ލާންވީ ކީއްވެގެންކަން ވަރަށް ރަނގަޅަށް ސާފުކޮށްދެއްވިއެވެ. އަދި މި ދަތުރަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ސީދާ ރައީސް ނަޝީދު އިސްނަންގަވައިގެން އެމަނިކުފާނު ބޭނުންފުޅު ވެލައްވައިގެން، ރައްރަށުގެ ރައްޔިތުންގެ ހާލަތު ވަރަށް ކައިރިން ދެނެގަނެ، ރައްޔިތުންގެ ބޭނުންތައް އަހައި އޮޅުން ފިލުވުމަށް ކުރަމުންދާ ދަތުރެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކުމުންދޫއަށް އެމްޑީޕީ މެނިފެސްޓޯ އޮޑި ކުރި ދަތުރުގައި ރަށުގެ އެކިއެކި ޓީމުތަކާއި ބައްދަލު ކުރުމަށް މެނިފެސްޓޯ އޮޑީގެ މެންބަރުން ތިން ގްރޫޕަކަށް ބަހާލައިގެން ރަށުގެ ރައްޔިތުންނާއެކު ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުން ތަކުގައި ރަށުގެ ހާލަތު ދެނެގަތުމަށް ރަށުގެ ރައްޔިތުން ކައިރިން މައުލޫމާތު އަހާ އޮޅުން ފިލުވުމަށްފަހު ކުމުންދޫގެ ރައްޔިތުންގެ ސުވާލުތަކަށް މެނިފެސްޓޯ އޮޑީގެ މެންބަރުން ޖަވާބު ދެއްވިއެވެ.
ކުމުންދޫގައި އޮތް ބައްދަލުވުން ތަކުގައި ރަށުގެ ޒުވާނުންނާއި ވިޔަފާރިވެރިންގެ ބައެއް ފަރާތްތަކާއި ރަށުގެ އިސް ބައެއް ރައްޔިތުންނާއި ބައްދަލުކޮށް މައުލޫމާތު ބަދަލު ކުރެވުނެވެ. އަދި ކުމުންދޫގެ މަދަނީ ޖަމުއިއްޔާތަކާ ބައްދަލުކޮށް ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާއިބެހޭ ގޮތުންނާއި އެމްޑީޕީގެ ސިޔާސަތު ތަކާއިގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރެވުނެވެ.

މެނިފެސްޓޯ އޮޑީގެ މެންބަރުން ކުމުންދޫއަށް ކުރި ދަތުރުގައި ކުމުންދޫގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެންޕެއިން ޓީމާއި ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމާއި ކުރިއަށް އޮތް އިންތިހާބުގެ ވޯޓްގެ މަސައްކަތުގައި އެމްޑީޕީގެ ފަރާތުން އިސްވެ ހަރަކާތްތެރިވާ މެންބަރުންނަށް މައުލޫމާތު ހިއްސާކޮށް، ހޭލުންތެރިކަން އިތުރު ކުރުމަށް އެކިއެކި މައުލޫމާތު ފޯރުކޮށްދެވުނެވެ.