ނަންބަރު:MDP-2013-PR-43
ތާރީޚް: 13 ޖޫން 2013 (ބުރާސްފަތި)
އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކަކީ އިންތިޙާބަކާ ނުލާ އެމްޑީޕިގެ ތެރެއަށް ގަދަވެގަނެގެން އުޅޭ މީހެއް ކަމަށާއި އަދި މޫސަގެ ފިކުރަށް ތަބާނުވުމަށް ޝެއިޙް ޝަހީމް ގޮވައިލި ގޮވައިލުން މި ޕާޓީއިން އެންމެ ވަރުގަދަ އިބާރާތުން ކުށްވެރި ކުރަން
އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކަކީ އިންތިޙާބަކާ ނުލާ އެމްޑީޕިގެ ތެރެއަށް ގަދަވެގަނެގެން އުޅޭ މީހެއް ކަމާއި، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތު އޭނަގެ ދަނބިދަރިފުޅު ޖާވިދު (ޖާ)ގެ މައްޗަށް ކުރެވޭ ކަމަށާއި އެހެންކަމުން މޫސަ އާއި މޫސަގެ ފިކުރަށް ތަބާނުވުމަށް އައްޝެޙް މުޙައްމަދު ޝަހީމް އަލީ ސައީދު ގޮވައިލި ގޮވައިލުން މި ޕާޓީއިން އެންމެ ވަރުގަދަ އިބާރާތުން ކުށްވެރި ކުރަމެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ޗެއަރޕާސަން މޫސާ މަނިކަކީ މި ޕާޓީގެ މެމްބަރުންގެ ލޯތްބާ އިޙްތިރާމް ލިބިފައިވާ ބޭފުޅެއްކަމާއި ތިރީސް ހާހަށްވުރެ ގިނަ މެމްބަރުން ވޯޓުން އިންތިޚާބު ވެފައިވާ ބޭފުޅެއްކަމުގައި ދަންނަވަމެވެ. އަދި މި ޕާޓީގެ މެމްބަރުންނަކީ ބަޣާވާތް ކޮށްގެން ވެރިކަމަށް އަރާ ތިބި ޝެއިޙް ޝަޙިމްމެންފަދަ ބޭފޫޅުން ދައްކަވާ މިފަދަ ހަޤީގަތާ ޙިލާފު ވާހަކަތައް އެއްގޮތަކަށްވެސް ބަލައި ގަންނާނެ ބައެއްނޫން ކަމުގައިވެސް ދަންނަވަމެވެ.
އަދި، މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޤަތުލުގެ މައްސަލައިގެ ތަޙްޤީޤުގެ ސައްޙަކަމާއިމެދު ސުވާލުުއުފެދިފައިވާހިނދު މި މައްސަލައިގައި މީހެއްގެ މައްޗަށް ކަމެއް ސާބިތުވުމުގެ ކުރިން މި ޕާޓީއަށް ނިސްބަތްވާ ބައެއްގެ ބޮލުގައި އެއްވެސް އިލްޒާމެއް އެޅުވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރެވޭނޭ ކަމެއްނޫންކަމަށާއި، މިފަދަ ސާބިތު ނުހިފޭ ވާހަކަތަކަކަށް ބިނާކޮށް މުޙައްމަދު ޝަހީމް އަލީ ސައީދު މި ޕާޓީ އަށް ނިސްބަތްވާގޮތަށް ފިތުނަވެރި ވާހަކަތައް ފެތުރުމަކީ ހިތާމަހުރި ކަމެއްކަމުގައި ދަންނަވަމެވެ. އަދި މި ޕާޓީ އަކީ އެއްވެސް އިރެއްގައި އަނިޔާވެރިކަމަށް ގޮވާލާ ޕާޓީއެއް ނޫން ކަމުގައިވެސް ދަންނަވަމެވެ.
ވީމާ މިފަދަ ހަޤީގަތާ ޙިލާފު ވާހަކަތައް ދެއްކުން ހުއްޓާލުމަށް ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ވާދަވެރި ސިޔާސީފަރާތްތަކަށް އިލްތިމާސްކުރަމެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް