އެމްޑީޕީ ހަރުގެއެއް ހދ. ކުރިނބީގައި ހުޅުވައިފި.

941548_427871587310281_1417933935_n

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ފަށައިފައިވާ “އެއްބުރުން” ކެންޕެއިން ޕްރޮގްރާމް ތަކުގެ ތެރެއިން އެމްޑީޕީގެ ސިޔާސަތުތައް ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޑީޕީން ދަތުރު ފަށައިފައިވާ މެނިފެސްޓޯ އޮޑީގެ ދަތުރުގެ ތެރޭގައި ހދ. ކުރިނބީގައި އެމްޑީޕީގެ ހަރުގެއެއް ހުޅުވައިފިއެވެ.

އެމްޑީޕީ މެނިފެސްޓޯ އޮޑީގައި ދަތުރުކުރައްވާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ކުރިނބީގައި މިއަދު )12ޖޫން 2013-ބުދަ( ހަރުގެ ހުޅުވުމަށްފަހު އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވާ ވާހަކަތައް އަމާޒު ކުރެއްވީ މިހާރު އެމްޑީޕީން ރައްޔިތުންނަށް ހުށަހަޅަމުންދާ ސިޔާސަތު ތަކާއިގުޅޭ ގޮތުންނެވެ. މިއަދުގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑިޕީ ޕޮލިސީ ކޮމިޓީގެ މެންބަރަކާއި ގެސްޓްހައުސް ވިޔަފާރީގެ ތަޖްރިބާކާރު ބޭފުޅެއް ވާހަކަ ދެއްކެވިއެވެ.

ކުރިނބީގައި އެމްޑީޕީގެ ހަރުގޭގައި މެންބަރުންނާއި ބައްދަލު ކުރުމަށްފަހު ދެން ކުރިއަށް ގެންދިޔައީ ވަކިވަކި ގްރޫޕްތަކަކަށް ބަހާލައިގެން ރަށުގެ އެކިއެކި ފަރާތްތަކާއި ބައްދަލު ކުރުމެވެ. އެގޮތުން ރަށުގެ އެކިސަރަޙައްދު ތަކަށް ޓީމްގެ މެންބަރުން ޒިޔާރަތްކޮށް ރަށުގެ މީހުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައިސް ގެސްޓް ހައުސް ވިޔަފާރި އާއި ބޭހޭ މައުލޫމާތާއި ދަނޑުވެރިކަމާ ބެހޭ މައުލޫމާތު ފޯރު ކޮށްދީފައިވެއެވެ. އަދި އެމްޑީޕީގެ އިޖްތިމާޢީ ރައްކާތެރި ކަމުގެ ޕްރޮގްރާމްގެ މައުލޫމާތާއި ރައްޔިތުން ބޭނުންވާ އެނޫންވެސް މައުލޫމާތު ފޯރުކޮށްދިނެވެ. އަދި ރަށުގެ ވިޔަފާރިވެރިންނާއި އޮޑިވެރިން އަދި މަދަނީ ބައެއް ޖަމާޢަތްތަކުގެ އިސްވެރިންނާ ބައްދަލުކޮށް އެފަރާތްތަކުން އެމްޑީޕީއަށް ހިއްސާ ކުރަން ބޭނުންވާ މައުލޫމާތު ބަދަލު ކުރެވުނެވެ.

މެނިފެސްޓޯ އޮޑީގެ މެންބަރުން ކުރިނބީއަށް ކުރި ދަތުރުގައި ކުރިނބީގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެންޕެއިން ޓީމްގެ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމާއި ކުރިއަށް އޮތް އިންތިހާބުގެ ވޯޓްގެ މަސައްކަތުގައި އެމްޑީޕީގެ ފަރާތުން އިސްވެ ހަރަކާތްތެރިވާ މެންބަރުންނަށް މައުލޫމާތު ހިއްސާ ކުރުމާއި ހޭލުންތެރިކަން އިތުރު ކުރުމަށް އެކިއެކި މައުލޫމާތު ފޯރުކޮށްދެވުނެވެ. އަދި އެމްޑީޕީއަށް ސޮއި ކުރަން ބޭނުންވާ މެންބަރުން ސޮއި ކުރުން ކުރިއަށް ގެންދެވުނެވެ.

އަދި އެމްޑީޕީގެ މެނިފެސްޓޯ އޮޑީ ހދ. ކުރިނބީއަށް ދިއުމުން ކުރިނބީގެ ރައްޔިތުންވަނީ އޮޑީގެ މެންބަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.