ރައިސް ނަޝީދު މެނިފެސްޓޯ އޮޑި އިފްތިތާޙް ކޮށްދެއްވައިފި

ehburun ha. hoarafushi 2 110613 (15)

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ފަށައިފައިވާ “އެއްބުރުން” ކެންޕެއިން ޕްރޮގްރާމް ތަކުގެ ތެރެއިން އެމްޑީޕީގެ ސިޔާސަތުތައް ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޑީޕީން ދަތުރު ފަށައިފައިވާ މެނިފެސްޓޯ އޮޑި ރައީސް މުޙައްމަދު ނަޝީދު ރޭގަ(11 ޖޫން 2013-އަންގާރ) އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މެނިފެސްޓޯ އޮޑި ރޭގަ އިފްތިތާޙް ކޮށްދެއްވުމަށްފަހު މިއަދު ހެނދުނު އޮޑިއަށް ވަޑައިގެން މެންބަރުންނާއި ބައްދަލު ކުރައްވާ މަސައްކަތް ރޭވިފައިވާ ގޮތާއި މަސައްކަތް ކުރިއަށް ދާނެ ގޮތް އޮޅުން ފިލުއްވިއެވެ. އަދި މެނިފެސްޓޯ އޮޑި ރަށްރަށަށް ގޮސް އެރަށްރަށުގައި މަސައްކަތް ކުރިއަށް ގެންދާއިރު، އެރަށްރަށުގެ ރައްޔިތުންށަށް އެމްޑީޕީގެ ސިޔާސަތު އޮޅުން ފިލުވައިދިނުމުގައި ކުރެވިދާނެ ބައެއް ކަންކަން އޮޅުން ފިލުއްވައި އިރުޝާދު ދެއްވިއެވެ. އަދި މެނިފެސްޓޯ އޮޑީގެ ހަޤީޤީ ބޭނުމަކީ ކޮބައިކަމާއި މި ޕްރޮގްރާމްގެ ސަބަބުން އެމްޑީޕީގެ ސިޔާސަތުތައް އިތުރަށް ރައްޔިތުންނަށް އޮޅުންފިލައިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މެނިފެސްޓޯ އޮޑީގެ ބައިވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ ވިޔަފާރިވެރިންނާއި އޮޑިވެރިންނާއި އަދި މަދަނީ ޖަމުއިއްޔާތަކުގެ އިސްފަރާތްތަކުގެ ވާހަކަތައް އަޑުއަހައި އެފަރާތްތަކުގެ ބޭނުންތައް އޮޅުންފިލައިގެން ދިއުމަކީ ސިޔާސަތު އެކުލަވައިލުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށާއި އެފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އޮޅުން ފިލުއްވުމަށް އެދިވަޑައިގެންނެވިއެވެ.

މެނިފެސްޓޯ އޮޑިއަކީ އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް އިތުރަށް އޮޅުން ފިލުވައި ދިނުމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ކެންޕެއިންނަށް ތާޢީދު އިތުރު ކުރުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ޕްރޮގްރާމެކެވެ.

ރައީސް ނަޝީދު އާއި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު މެނިފެސްޓޯ އޮޑިއަށް ވަޑައިގެންނެވުމުން ރައީސް ނަޝީދަށާއި ޕާޓީގެ ޗެއަރޕާސަންއަށް މަރުޙަބާ ދެންނެވީ މެނިފެސްޓޯ އޮޑީގެ ޗީފް ކޯޑިނޭޓަރ އެމްޑީޕީގެ ޕާލިމެންޓް ގްރޫޕްގެ ނައިބް ލީޑަރ ޢަލީ ވަހީދާއި ޓީމްގެ ބައިވެރިނާއި މެނިފެސްޓޯ އޮޑީގެ ކެޕްޓަން އެވެ.