ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށާއި އެއްބުރުން ޖަލްސާއަށް މުޅި ހޯރަފުށި ތައްޔާރު ވެއްޖެ

BMYKKXXCEAAMRTW.jpg_large

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދާއި އެމަނިކުފާނާއެކު ހއ ހޯރަފުއްޓަށް ވަޑައިގަންނަވާ ކެމްޕޭން ޓީމަށް މަރުޙަބާ ދެންނެވުމަށާއި އެއްބުރުން ޖަލްސާއަށް މުޅި ހޯރަފުށި ތައްޔާރުވެއްޖެއެވެ.

ހޯރަފުށީގައި ތިބި މިޕާޓީގެ އެޑްވާންސް ޓީމުން މައުލޫމާތު ދިން ގޮތުގައި މުޅި ހޯރަފުށި ވަނީ ވަރަށް ބޮޑަށް ތައްޔާރު ކުރެވި ޒީނަތްތެރި ކުރެވިފައި ކަމަށާއި ޚާއްޞަކޮށް ބަނދަރުމައްޗާއި ޚާއްޞަ މަރިޔާދުގެ ފާހަގަ ކޮށްލެވޭ ކަމަށެވެ. ހޯރަފުށީގެ އާބާދީގެ ބޮޑުބައެއް މިކަމުގައި ހަރަކާތްތެރިވާއިރު ޚާއްޞަ ގޮތެއްގައި ރަށުގެ ހުރިހާ ޒުވާނުންގެ ފޯރިއާ އެއްބާރުލުން ފާހަގަކުރެވޭ ކަމަށްވެސް އެޑްވާންސް ޓީމުން ބުންޏެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ ގިނަ ޢަދަދެއްގެ މެންބަރުންގެ ބޮޑު އެދުމެއް ކަމުގައިވާ އެމްޑީޕީގެ އޮފީހެއް ރައީސް ނަޝީދު މާދަމާ ހުޅުވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެއޮފީހުގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައިވާކަމަށް މައުލޫމާތުދިނެވެ.

މާދަމާރޭ ހޯރަފުށީގައި “އެއްބުރުން” ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެޖަލްސާގައި ގިނަ ޢަދަދެއްގެ ޒުވާނުން އެމްޑީޕީއާ ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.”ވަރަށް ގިނަ ޢަދަދެއްގެ ޒުވާނުން އެބަތިބި މިޕާޓީއާ ގުޅެން. އެކުދިން ބޭނުންވަނީ ރައީސް ނަޝީދުގެ ހާޒިރުގައި ސޮއިކުރަން” އެޑްވާންސް ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އެޑްވާންސް ޓީމުން ބުނީ މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރެއް ކަމުން ގިނަ ބަޔަކު ރަށުން ބޭރުގައިވާ ކަމަށާއި ނަމަވެސް ޖާގަ ލިބުނު ވަރަކުން އެމީހުން ހޯރަފުއްޓަށް އަންނަމުންދާ ކަމަށެވެ. އެގޮތުން މިރެއާއި މާދަމާވެސް ގިނަ އަދަދެއްގެ ބަޔަކު އައުމަށް ހަމަ ޖެހިފައިވާކަމަށް އެޓީމުން ބުނެއެވެ.

ރައީސް ނަޝީދާއި ކެމްޕޭން ޓީމު އަދި”މެނިފެސްޓޯ އޮޑި” މިހާރު ވަނީ މާލެއިން ފުރާފައެވެ. “މެނިފެސްޓޯ އޮޑީގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ހއ ހޯރަފުށިންނެވެ.