ޖީއެމްއާރުގެ އެއްބަސްވުން އިއާދަކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިލްތިމާސް ކުރައްވައިފި

noosbayan

ޖީއެމްއާރުގެ އެއްބަސްވުން އިއާދަކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިލްތިމާސް ކުރައްވައިފި

މާލޭ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމަށް އިންޑިއާގެ ޖީއެމްއާރު-މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގސް ކޮންސޯޓިއަމްއާ ހަވާލުކުރަން ޤާއިމުކުރި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ނުހަނު ގިނަގުނަ ފައިދާ ކުރާނެ އެއްބަސްވުމެއްކަމަށާއި އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓު ކުރާ މިންވަރު އިތުރުވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރަމެވެ. މިއެއްބަސްވުން އެކުލަވާލެވުނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބިޑްކޮށް، ވަރލްޑް ބޭންކާއި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ ބެއްލެވުމުގެ ދަށުންކަންވެސް ފާހަގަކުރަމެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ބޭރުގެ ފަރާތްތަކަށް އެއެގްރިމެންޓުގެ ސަބަބުން ދިވެހިސަރުކާރަށް ކުރާ އިތުބާރު އިތުރުވެގެންދިޔައެވެ. ދުނިޔޭގެ އެންމެ ކުރިއަރަމުން އަންނަ މަޝްހޫރު އަދި ބައިނަލްއަޤްވާމީ އެތައް އެއަރޕޯޓުތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އިންޑިޔާގެ ޖީއެމްއާރު އަދި މެލޭޝީއާ އެއަރޕޯޓސް ހޯލްޑިންގްސްއިން އިބްރާހިމް ނާސިރު އިންޓާރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށް ކުރެވުނު އެގްރީމަންޓަކީ ދިވެހި ތާރީޚުގައިވެސް ލިބުނު އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓަށް ވީނަމަވެސް، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ މަދުބަޔަކު ބޭނުންކޮށްގެން ބަޣާވާތަކުން ސަރުކާރު ވައްޓާލުމަށްފަހު ދިވެހި ސަރުކާރާއި އަމިއްލަ ފަރާތަކާ ދެމެދު ވެފައިވާ މިއެގްރިމަންޓު ވަނީ ސިޔާސީ ވަކި މަޤްޞަދެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ޤާނޫނީ އަސާސީއާއި ޤާނޫނީ ހަމަތަކާއި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ބައިނަލްއަޤްވާމީ ގުޅުންތަކަށާއި ރާއްޖޭގެ ތަރައްޤީއަށް އެކަމުގެ ސަބަބުން ލިބިގެންދާނެ ގެއްލުމަށް އަޅާލުމެއްނެތި ބާޠިލްކޮށްފައެވެ.

އިސްވެދެންނެވުނު އެއްބަސްވުން ބާޠިލްކުރުމަށްފަހު އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ގުޅުން ހީނަރުވެ އަކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅެމުން އަންނަކަން ފާހަގަ ކުރަމެވެ. ފާއިތުވީ މަސްތަކުގެ ތެރޭގައި މިމައްސަލައަށް ކުރިއެރުމެއް ލިބިފައިނެތި ދިވެހިރާޢްޖޭގައި ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ދާދި ފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެއަރޕޯޓް ތަރައްޤީކޮށް ހިންގުމުގެ އެގްރީމަންޓާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ އެއެއްބަސްވުމާމެދު އެމަނިކުފާނުގެ ވިސްނުންފުޅަކީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެމަސައްކަތް ކުރިއަށް ގެންގޮސްފައިނުވާކަމެވެ. މިކަން ފާހަގަކުރާ ހިނދު، އެއަރޕޯޓު ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނު ގެ ފަސްވަނަ މާއްދާގެ ދަށުން ސަރުކާރަށް ނިންމޭނެ ކަމެއް ކަމުގައި ޤަބޫލުކުރަމެވެ. ކަންކަން ހުރީ މިހެން ކަމުގައި ވިއަސް، މިއަދު ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުން ވަރުގަދަކޮށް ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމަށް ނިމުމެއް ގެނެސް އަދި ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއަށް ކުރާ އިތުބާރު ބޮޑުކޮށް ރާއްޖޭގެ ތަރައްޤީއަށް މަގުފަހިވާނެ ކަންކަން ނިންމުމަކީ މިއަދު އަޅުގަނޑުމެން އެންމެން ކުރާން ޖެހިފައިވާ ކަމެކެވެ. އެހެންކަމުން ރައީސް މައުމޫނު އިޝާރާތް ކުރައްވާފައިވާ ފަދައިން ރައްޔިތުންގެ މަޖިލިހުން ޖީއެމްއާރު އެގްރީމަންޓާމެދު މަޝްވަރާކޮށް އެއެއްބަސްވުން އަލުން އިއާދަކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

އިންޑިޔާއާއި ދިވެހިރާއްޖެއާއި ދެމެދުގައިވާ ގާތް ގުޅުމަށް ބަލަންވާވަރަށް ނުބަލައި ޒިންމާދާރުކަން ކުޑަކޮށް ވަގުތީ ސިޔާސީ ބޭނުމެއް ފުއްދުމަށް ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅޭގޮތަށް މިފަދަ ބޮޑު އެއްބަސްވުމެއްގެ މައްސަލަ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ނިންމަވާފައިވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ. އަދި ދިވެހިރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު އެފަދަ ބޮޑު ނިންމުމެއްގައި ހިމެނިފައިނުވާތީ އެކަމުގެ ސަބަބުން މިޤައުމަށް އަގުނުކުރެވޭ ވަރުގެ ގެއްލުން ލިބެމުން އަންނަކަން ފާހަގަ ކުރަމެވެ. އަދި ވީއެންމެ އަވަހަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެއަރޕޯޓު ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވަމާމެދު ބަޙުސްކުރެވި މިމައްސަލަ އަވަހަށް ޙައްލު ކުރުމަކީ މިއަދު މިޤައުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.


ބަޔާން ނެރުނީ: ރައީސް މުޙައްމަދު ނަޝީދުގެ އޮފިސް