ނޫސްބަޔާން: ވަގު ނޫޓް ގިނަ އަދަދަކަށް ބަހައި ދައުރުކުރުވަމުން ގެންދާ ގެންދިއުމާމެދު އެންޖީއޯތަކުން ނާއި ޖަމިއްޔާ ތަކުން، ކްލަބްތަކުންނާއި ކުޅިވަރުގެ އެކުވެރީން އަދި ޚާއްޞަގޮތެއްގައި ދިވެހި ރައްޔިތުމީހާ ވަރަށް ބޮޑަށް ސަމާލުވުމަށް ގޮވާލުން

noosbayan

ނަންބަރު:MDP-2013-PR-42
ތާރީޚް: 10 ޖޫން 2013 (ހޯމަ)

ވަގު ނޫޓް ގިނަ އަދަދަކަށް ބަހައި ދައުރުކުރުވަމުން ގެންދާ ގެންދިއުމާމެދު އެންޖީއޯތަކުން ނާއި ޖަމިއްޔާ ތަކުން، ކްލަބްތަކުންނާއި ކުޅިވަރުގެ އެކުވެރީން އަދި ޚާއްޞަގޮތެއްގައި ދިވެހި ރައްޔިތުމީހާ ވަރަށް ބޮޑަށް ސަމާލުވުމަށް ގޮވާލުން

ދިވެހި ރުފިޔާގެ ވަގު ނޫޓް ގިނަ އަދަދަކަށް ބަހައި ދައުރުކުރުވަމުން އެބަގެންދާ ކަމުގެ ރިޕޯޓް ތައް މިޕާޓީ އަށް ލިބެމުން އެބަދެއެވެ. މިއީ ކޮންބަޔަކުކުރާކަމެއްކަން ނުހޯދި މިކަން ހިނގަމުން އަންނަތާ މިހާރު މަސްތަކެއް ވެދާނެކަމަށް ލަފާކުރެވެނީ މީގެ ހަފްތާތަކެއް ކުރީއްސުރެ 500ރ އާއި 100ރ ބަލައިގަތުމުގައި ރާއްޖޭގައި ހިންގާ ބޭންކްތަކުން ކުރިއަށްވުރެ ބޮޑަށް ސްކްރީން ކުރަމުން ގެންދާތީއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ މިފަހަކަށް އައިސް 500ރ އާއި 100ރ ގެ ވަގު ނޫޓްތަކެއް ދައުރުވަމުންއެބަދޭ ކަމަށާއި، ވަގުނޫޓާއިމެދު ސަމާލުވުމަށް 09 ޖޫން 2013 ދުވަހު ކުރެއްވި އިޢުލާނަކުން އަނެއްކާވެސް އިލްތިމާސް ކުރައްވާފައެވެ. ވަގު ނޫޓެއް ކަމަށް ޝައްކު ކުރެވޭ ރުފިޔާ އެމްއެމްއޭ އަށް ގެންގޮސް އެކަން ޔަގީންކޮށްފައި ނޫނީ އެ ނޫޓެއް ބޭނުން ނުކުރުމަށްވެސް އެމްއެމްއޭއިން އަންގަވާފައިވެއެވެ.

ހީލަތްތެރި އަދި ޣައިރުޤާނޫނީ މުޢާމަލާތްތައް ވަގުނޫޓް ދީގެން ހިންގަނީ ކޮންމެބަޔަކު ކަމުގައިވިޔަސް މިރާއްޖޭގައި ވަގުނޫޓް ދައުރުކުރުވުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު ކަންބޮޑުވާ އަދި އެންމެ މަތީ ދަރަޖައިގާ ކުށްވެރިކުރާ ޢަމަލުތަކެކެވެ. މިކަންކަން ތަހުގީގު ކޮށް ހުއްޓުވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުއްވުމަށް ކަމާބެހޭ ދައުލަތުގެ މުއައްސަސާ ތަކަށް މިޕާޓީން އިލްތިމާސްކުރަމެވެ.

ދިވެހި ރުފިޔާގެ ވަގު ނޫޓާއި ބައެއްފަހަރު ވަގު ޑޮލަރު ބަހައި ދައުރުކުރުވުމުގެ ހީލަތްތެރި މުޢާމަލާތްތައް ފެންމަތި ވަނީ ސިޔާސީ ވާދަވެރިކަން އިތުރުވާ ދުވަސްވަރު ކަމާއި، މިކަންކަން ހިންގުމުގައި ކުރިއަށް އޮންނަ އިންތިޚާބަކަށް ނުވަތަ އެ ނޫންވެސް ސިޔާސީ ކަންކަމަށް ނާޖާއިޒު ނުފޫޒު ފޯރުމުގައި ވަގުނޫޓް ބޭނުންކުރާކަން ފާހަގަވެއެވެ. 2008 ވަނަ އަހަރު ދެކުނުގެ އަތޮޅަކުން ފެނުނު ވަގުނޫޓްތައް އެއީ އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ޕާޓީއަކަށް ގޮނޑިމޭޒު ފަދަ ތަކެތި ގަތުމަށާ ކުލަލުމާ ފޮތިދެމުން ފަދަ ޚިދްމަތްތަކަށް އަދާކުރި ފައިސާގައި ހިމެނުނުނު ނޫޓްތަކެއްކަން ވަނީ އެނގިފައެވެ.

ސިޔާސީ ވާދަވެރިކަން އިތުރުވެގެންދިޔަ ދުވަސްވަރެއްގައި 2006 ވަނަ އަހަރު ތެރޭ އޭރުގެ ސަރުކާރުން ހިންގަވަމުންގެންދެވި ގއ. ކޫއްޑޫ މަސްކާރުޚާނާގެ ތިޖޫރީއެއްގެ ތެރެއިން މިލިޔަނަކަށްވުރެ ގިނަ ރުފިޔާގެ ވަގުނޫޓް ފެނުމާއި އޭގައި މުޅިންހެންވެސް ހުރީ 500ރ ގެ ނޫޓްކަމާ އޭގެ ތިން މަސް ކުރިން ވެސް ތިން ލައްކަރުފިޔާގެ ވަގުނޫޓްގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވާކަން ފާހަގަވެފައިވެއެވެ.

ތަކެއްޗަށާއި ޚިދުމަތަށާ ހަދިޔާ އަށާ ސަޔަށް ކަމަށްބުނެ އަދާކުރާ ވަގުނޫޓްގެ ގެއްލުންތައް މެދުވެރިވަނީ އެ ލިބެވޭ، އޭގައި ހިފާ ނުވަތަ ރައްދުވާ ފަރާތަށެވެ. ވަގުނޫޓް ގެ ހީލަތްތެރި މުޢާމަލާތްތަކުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވަނީ އާންމު ރައްޔިތުންގެ ގިނަބަޔަކަށާއި މިރާއްޖޭގެ އިގްތިޞާދަށްވެސްމެއެވެ. ވުމާއެކު، ވަގު ނޫޓް ގިނަ އަދަދަކަށް ބަހައި ދައުރުކުރުވަމުން ގެންދާ ގެންދިއުމާމެދު އެންޖީއޯތަކުން ނާއި ޖަމިއްޔާ ތަކުން، ކްލަބްތަކުންނާއި ކުޅިވަރުގެ އެކުވެރީން އަދި ޚާއްޞަގޮތެއްގައި ދިވެހި ރައްޔިތުމީހާ ވަރަށް ބޮޑަށް ހޭލުންތެރިކަމާ ސަމާލުކަން އިސްކުރެއްވުމަށް މި ޕާޓީން އިލްތިމާސްކުރަމެވެ. ޭ މަގުން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ދައުލަތުގެ ރަސްމީ ހުރިހާ މުއައްސަސާއަކަށް މިޕާޓީން ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް