އެމްޑީޕީ “މެނިފެސްޓޯ އޮޑި” މިއަދު ތިލަދުންމައްޗަށް ފުރާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައިދީ އެސިޔާސަތުތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގެ ތެރެއިން “މެނިފެސްޓޯ އޮޑި” މި ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މިއަދު ފަށާ މެނިފެސްޓޯ އޮޑި މިއަދު(10 ޖޫން 2013-ހޯމަ) ތިލަންދުންމައްޗަށް ފުރާނެއެވެ.

އެމްޑީޕީ ކެންޕެއިން ޓީމުން މައުލޫމާތު ދެއްވިގޮތުގައި މިއަދު މިފެށޭ ޕްރޮގްރާމްއަކީ އެމްޑީޕީގެ ސިޔާސަތަކާއި ގުޅިގެން ރައްޔިތުން ހޭލުން ތެރިކަން އިތުރު ކުރުމާއި އިންތިހާބުގައި ވޯޓް ލުމަށް ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ. އަދި މިއަދު މިފެށޭ ޕްރޮގްރާމްގެ ދަށުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ތާޢީދު އިތުރު ކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ހިންގުމާއި އެމްޑީޕީއަށް މެންބަރުން އިތުރު ކުރުމަށް ހަރަކާތްތަކެއް ހިންގުމަށްވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

“މެނިފެސްޓޯ އޮޑި” ރަސްމީކޮށް އިފްތިތާޙް ކުރުމަށް ހއ. ހޯރަފުށީގައި ޚާއްޞަ ޖަލްސާއެއް ބޭވުމަށް ހަމަޖެހިފައިވާ ކަމަށާއި “މެނިފެސްޓޯ އޮޑި” ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ކެންޕެއިން ކޮމިޓީން މައުލޫމާތު ދެއްވިއެވެ.

ތިލަދުންމަތިން ފަށާ މެނިފެސްޓޯ އޮޑި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އެކި ސަރަޙަށްދުތަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިދަތުރު ތަކުގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ސިޔާސަތު ކޮމިޓީއާއި ކެންޕެއިން ޓީމްގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ ކެންޕެއިން ކޮމިޓީން މައުލޫމާތު ދެއްވިއެވެ.