ނަންބަރު:MDP-2013-PR-41
ތާރީޚް: 9 ޖޫން 2013 (އާދީއްތަ)
ސިއްޙީ ނިޒާމް ފެއިލްކޮށް ރައްޔިތުން ތަހައްމަލް ކުރުމަށް ޖައްސާފައިވާ ނިކަމެތި ޙާލާމެދު ކަންބޮޑުވުން ފާޅުކުރުން
ދިވެހިރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ހިމެނޭ މި ގައުމުގެ ސިއްޙީ ނިޒާމް ފެއިލްކޮށް، ރައްޔިތުން ތަހައްމަލް ކުރުމަށް ބާޣީ ސަރުކާރުން ޖައްސާފައިވާ ނިކަމެތި ޙާލާމެދު މިޕާޓީން އިންތިހާއަށް ކަންބޮޑުވެ، އެކަންކަން އެންމެ މަތީ ދަރަޖައިގާ ކުށްވެރިކުރަމެވެ.
ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށް ނުދީ ރައްޔިތުން ވާވައްދާލުމުގައި ސަރުކާރުގެ މާލީ ތަނަވަސްކަން ނެތުމަކީ ރައްޔިތުންގެ ކުށެއްކަމަށް ސިފަކޮށް ފައިސާ ހޯދުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ހަދައިގެން ފާއިތުވި ދިގު30 އަހަރު ކަންކުރި ބީދަޔަށް ޤައުމު ގެންދާ ގެންދިއުން ހުއްޓާލުމަށް ގޮވާލަމެވެ.
ދިވެހިރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނޭ އިންތިޒާމް ހަމަޖައްސައި ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލުމަކީ މިޕާޓީގެ އެންމެ އިސް އެއް ވައުދެވެ. އެކަން ކުރުމަށްޓަކައި މިޕާޓީން ކަނޑައަޅާފައިވާ ދިގު މުއްދަތުގެ ސިޔާސަތުގެ ދަށުން މަދަނަ ތަރައްޤީކޮށް މަދަނަ ޕްލަސް ފުޅާކުރެވިފައިވެއެވެ. އަދި އެމްޑީޕީ ސަރުކާރުގެ ވެރިކަމުގެ މުއްދަތު ހަމަނުވަނީސް ވެރިކަން ބަޣާވާތަކުން އަދި ގަދަކަމުން ފޭރިގަތް އިރު ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އައިޑީކާޑު ދައްކާލުމުން އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ހިލޭކުރެވޭނޭ އިންތިޒާމް މިޕާޓީގެ ސަރުކާރުން ވާނީ ޤާއިމް ކޮށްދީފައެވެ. ބޭސްފަރުވާ ނުކުރެވިފައިތިބި ނިކަމެތި ރައްޔިތުންނަށާއި ދުވަހުން ދުވަހަށް ބޮޑެތި ފަރުވާތައް ބޭނުންވާ ފަރާތްތަކަށް އާސަންދައިގެ ނަމުގައި ދޭންފެށި މިޚިދުމަތުންވެސް ނުފުދޭ ފަރާތްތަކަށް އެމްޑީޕީ ސަރުކާރުގެ އެންސްޕާއިން ދިޔައީ އެހީ ފޯރުވަމުންނެވެ.
މިކަންކަން ހަމަޖައްސަމުން ގެންގޮސްފައިވާނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކަންކުރަމުން އަންނަ ބީދައިންނެވެ. ފައިސާހޯދަން ދުނިޔޭގެ އެހެން ހުރިހާ ތާކުންވެސް ކަންކުރާ އުސޫލުންނެވެ. މުއްސަނދި މީހާގެ އަތުން ސަރުކާރަށް ނެގޭ ޓެކްސްގެ ފައިސާއިންނެއެވެ.
މަދަނައާއި އާސަންދައަކީ ރާއްޖެއިން ލިބެންހުރި ސިއްޙީފަރުވާވެސް ހިލޭ ކުރެވޭނޭގޮތެއް ހަދައިދިނުމަށް ދޭންފެށި ޚިދުމަތެކެވެ. އެކަން ކާމިޔާބުވެ ހިލޭ ބޭސްފަރުވާ ކުރެވޭނޭގޮތް ވުމާއެކު އެމްޑީޕީގެ ސަރުކާރުން ދެން އެންމެބޮޑު އިސްކަމެއް ދިނީ ރާއްޖޭގެ ސިއްޙީ ޚިދުމަތް ރަނގަޅުކުރުމަށެވެ. ރާއްޖެއިން ލިބެން ހުންނަ ސިއްޙީ ފަރުވާ ހަރުދަނާކޮށް އަވައްޓެރި ޤައުމުތަކަށް ބޭސްފަރުވާއަށްދާން ނުޖެހޭވަރު ކުރުމެވެ. އެގޮތުން 2012 ވަނަ އަހަރަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޮޑު އިންގިލާބެއް ގެންނުވާނޭ އަހަރެއްގެ ގޮތުގައި ކަނޑައަޅައި އެއަހަރުގެ ބަޖެޓުގައިވާނީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ވަރަށްބޮޑު ބަޖެޓެއް ކަނޑައަޅައި އެކަން ކުރާނޭގޮތުގެ ޕްލޭންތައް އެކުލަވާލާފައެވެ.
ނަމަވެސް އެއަހަރު ފެށުމާއެކު ބަޣާވާތަކުން ވެރިކަން ބަދަލުކޮށް މިހާރު މިވަނީ ރާއްޖޭގެ ސިއްޙީ ޙާލަތު އެފުށް މިފުށަށް ޖަހައި، މިޕާޓީން ހިލޭ ބޭސްފަރުވާކުރުމަށް ޤާއިމްކޮށްފައިވާ އާސަންދަ ބައި- ސަންދައަކަށް ބަދަލުކޮށްފައެވެ. މުޅި ސިއްޙީ ނިޒާމް މިހާރު މިވަނީ ބޮއްސުންލާފައެވެ. އާދައިގެ ދެތިން ފަރުވާއަކަށް ބޭސްކޮށްލާއިރު އާސަންދަ ހުސްވެއްޖެކަމަށް ބުނެ ރައްޔިތު މީހާ ނިކަމެތި ކުރުވާފައެވެ. ދިރިހުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ޑައިލިސިސް ފަދަ ޚިދުމަތްތަކުގެ އަގުތައް ދެގުނައަށް ވުރެ ބޮޑުކޮށް، އެޚިދުމަތްތައް ލުއި ގޮތަކަށް ލިބެމުންދާތީ ހިނިތުންވެފައި ތިބި މީހުންގެ އުއްމީދުތައް ނަގާލާފައެވެ. ރަށްރަށުގައި ޑޮކްޓަރަކު ނެތުމުގެ އިތުރުން ބޭސްފިހާރަތައް ބަންދުކުރާ ދަރަޖައަށްގޮސް އާދައިގެ ހުމަކަށް ބޭސްގުޅައެއްވެސް ލިބޭނޭފަދަ ގޮތެއް ނެތި ރައްޔިތުން މިވަނީ ބިކަ ކުރުވާފައެވެ. ދައުލަތުގެ ހޮސްޕިޓަލް އައިޖީއެމްއެޗުން ސީޓީ ސްކޭނެއް، އެކްސްރޭއެއް ނުހެދިގެން ބަލިމީހުންނަށް ކުރަންވީ ފަރުވާނޭނގި އެތައް ބަޔަކުވަނީ އާދައިގެ ކަންކަމުގައި ހަދާނެ ނަހަދާނެ ނޭގޭ ހިސާބަށް ކަންގެންގޮސްފައެވެ. ޢާއްމު ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހަންޖެހޭ ނިޒާމް އަލުން މިވަނީ ޤާއިމްކޮށްފައެވެ. އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދިޔަ ދީލަތި އެހީތައް ފޭރިގަނެ ރައްޔިތުން ބިކަކޮށް މަގުމަތި ކުރުވުން ހުއްޓުވުމަށް ކަމާގުޅުންހުރި އެންމެހާފަރާތްތަކަށް މިޕާޓީން ގޮވާލަމެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާ ބޮއްސުންލައިގެންގޮސް މުޅި އެދާއިރާ މިވަނީ ފެއިލްވެފައެވެ. ސިއްޙީ ދާއިރާއަށް ރައްޔިތުން ކުރަމުންދިޔަ އިތުބާރު މިވަނީ ގެއްލިފައެވެ. ސަރުކާރުގައި ފައިސާ ނެތްކަމުގެ ބަހަނާ ދައްކައިގެން ސިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ބާޣީ ސަރުކާރުން މަސައްކަތެއް ނުކުރާއިރު ބަޣާވާތުގެ ބައިވެރިންނަށް އަދިވެސް ސިޔާސީ ބޮޑެތި ވަޒީފާތައް ދިނުން ކުރިއަށް ގެންދާތީ ރައްޔިތުން ވަނީ ނުރުހިފައެވެ.
ޓެކްސްގެ ގޮތުގައި ސަރުކާރަށް ނަގާ ފައިސާއިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ދިގު ތިރީސް އަހަރު ކަންކުރި ބީދައިން ފައިސާ ނެތްކަމަށްބުނެ ރައްޔިތުންގެ އަތުން ފައިސާ ނަގަން ފެށުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ފަންޑުފޮށި ހުޅުވައިގެން ވެނުމަސް ވެނަށް ކާންދޭ ސިޔާސަތު މިޕާޓީގެ ސަރުކާރުން ނިމުމަކަށް ގެނެސްފައިވަނިކޮށް އަލުން އަނބުރާ އެނިޒާމް މިވަނީ ފަށާފައެވެ. ހެލްތު ޓްރަސްޓް ފަންޑުގެ ނަމުގައި ފަންޑު ފޮއްޓެއް ބަހައްޓައިގެން ރައްޔިތުން ވާވެއްދުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. މީގެ އިތުރުން މިސްކިތު ފަންޑަށް ހޯދި ފައިސާފަދަ ފައިސާއަށް މިސަރުކާރުން ކަންކުރި ގޮތާމެދު ސުވާލު އުފެދިފައިވާއިރު މިފަންޑުން ލިބިދާނެ ފައިސާއަށް ވެދާނެ ގޮތަކާމެދުވެސް މިވަނީ ކަންބޮޑުވުން އުފެދިފައެވެ.
ސަރުކާރަކަށް ޓެކްސް އަދާކުރާ ރައްޔިތުން އޭގެ އިތުރަށް އެގޮތްމިގޮތުން ތަކެއްޗާއި ފައިސާ ހަމަ އެސަރުކާރަށް ދޭންޖެހޭނެ ކަމަށް އަންގާ އޮޅުވާލުންތައް ވަގުތުން ހުއްޓާލުމަށާ ރައްޔިތުންގެ އަތުން ނާޖާއިޒުގޮތުގައި ބާޣީ ސަރުކާރުން ޖަމާކުރި ހުރިހާ އެއްޗެއް އޮޑިޓްކުރެވި އެކަންކަމުގައި އިންޞާފުގާއިމުކުރެވޭނޭ މަގުން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ދައުލަތުގެ ރަސްމީ ހުރިހާ މުއައްސަސާއަކަށް މިޕާޓީން ގޮވާލަމެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް