އެމްޑީޕީ ސަރުކާރުން ތަރައްޤީގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވައި ކެނޑިނޭޅި އެމަސައްކަތް ކުރައްވާނެކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރުގައި ތަރައްޤީގެ ހުރިހާ މަސައްކަތެއްވެސް ބާރަށް ކުރިއަށް ގެންދަވައި ކެނޑިނޭޅި އެމެސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ ހުވަދުއަތޮޅު ވިލިގިލީގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް ރާއްޖޭގެ ހިންގުން ކުރިއަށް ގެންދިއުމަށް ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތްކުރާ ބައެއްކަމުގައެވެ.

އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ތަރައްްޤީގެ ތަޞައްވުރެއް އޮވެގެން ކަމަށާއި އެމްޑީޕީއަކީ ކަންކަން ކުރާން ނިކުންނަ ބައެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެެވެ. އެގޮތުން 2008 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި އިރު ސަރުކާރުގެ އާމްދަނީ އަކީ 6 ބިލިއަން ރުފިޔާ ކަމަށާއި އެމަނިކުފާނުގެ ތިން އަހަރުގެ ތެރޭގައި ދަައުލަތުގެ އާމްދަނީ އެތައް ގުނައަކުން އިތުރުކުރެއްވި ކަމުގައި ވިދާޅުވިއެވެ. ޓެކްސްގެ ނިޒާމު ދިވެހިރާއްޖެއަށް ތަޢާރަފް ކުރައްވައި ދައުލަތުގެ އާމްދަނީ އިތުރުވުމުގެ ސަބަބުން ދިވެހިރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވެން ފެށޫނުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ މީހުންނަށާއި ނިކަމެތިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަތާ މިހާރު ފަސް އަހަރު ވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވިސްނުމަކީ ޢުމްރާނީ ބޮޑެތި މަސައްކަތް ކުރެވޭނީ އަމިއްލަ ފަރާތްތަކާ ގުޅިގެން ކަމަށާއި އެގޮތުގެ މަތީން އެމްޑީޕީ ސަރުކާރުގެ 3 އަހަރުގައި ތަރައްޤީގެ ބޮޑެތި ޢުމްރާނީ މަސައްކަތް ކުރުމަށް ނިންމީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ކޫއްޑޫ އެއަރޕޯޓަކީވެސް އެއުސޫލުގެ މަތިން ތަރައްޤީކުރެވުނު ތަނެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހުޅުލެ އެއަރޕޯޓުވެސް އެންމެ ފައިދާހުރި ގޮތަށް ތަރައްޤީކުރެވޭނީ އަމިއްލަ ފަރާތްތަކާ ގުޅިގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ހުޅުލެ އެއަރޕޯޓު ތަރައްޤީކުރުމަށް މަދުވެގެން 500 މިލިއަން ޑޮލަރު ބޭނުންވާކަމަށާއި އެފައިސާ ލޯނުގެ ގޮތުގައި ސަރުކާރުން ނެގުމުން ތަރައްޤީގެ އެހެނިހެން މަސައްކަތް ކުރުމަށް ސަރުކާރުން ލޯނު ނެގުމަށް ހުރަސް އެޅޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޑޮކްޓަރުންނާއި ޓީޗަރުންނާއި އިނޖިނިއަރުން ފަދަ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ފައިސާ ނުހުންނާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި ކުރުމަށް ނިިންމި އެތައް މަސައްކަތެއް ނުކުރެވި އަދި ހިނގަމުން ދިޔަ ކިތަންމެ ކަމެއް ހުއްޓިފައިވާކަމުގައިވެސް ރައީސް ނަޝީދު ރޭ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު މިހާރު ވަޑައިގަންނަވާ ރަށްރަށުން ފެނިވަޑައިގަންނަވަނީ ބަނދަރުތަކާއި ސަހަރާގެ ވަށާފާރު ރޭނުމާއި އަދި ތަރައްޤީއާއި ގުޅިފައިވަ މުހިއްމު ބޮޑެތި ޢުމްރާނީ މަސައްކަތްތައް ހުއްޓިފައިވާ މަންޒަރުކަމުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ވާދަވެރިންގެ ވިސްނުމަކީ ބޯލާކޮޅުގައާއި ބަދިގޭގައި ދޯނިފަހަރު ބަނދެ، އެއަރޕޯޓު ތަރައްޤީކުރުން ކަމުގައި ރައީސް ނަޝީދު ސިފަކުރެއްވިއެވެ. އަދި ދެއުޅިއެއްނުވާ 30 އަހަރުގެ ސަރުކާރުން ވިލިގިލީ އެއަރޕޯޓު ތަރައްޤީ ކުރަން މަސައްކަތް ކުރީ ވިލިގިލީގައި ކަމުގައި ވިދާޅުވިއެވެ. ނަމަވެސް ކޫއްޑޫގައި އެއަރޕޯޓު ތަރައްޤީކުރުމުން އެތަން އިތުރަށް ބޮޑުކޮށް ތަރައްޤީކުރުމަށް ފުރުޞަތު ލިބޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަރޕޯޓާއި ދަތުރުފަތުރު ކުރުމުގެ ނިޒާމަކީ ވިޔަފާރި ކުރިއެރުވުމަށް ނުހަނު މުހިއްމު ކަމެއް ކަމަށާއި ވިޔަފާރި ކުރެވޭނީ މުދަލާއި ޚިދުމަތް ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ތެރެއިން ބަދަލު ކުރެވިގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހުޅުވިފައިވާ މާޙައުލެއްގައި ވާދަވެރިކަމާއެކު ވިޔަފާރި ކުރެވެން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މަސްގަތުމާއި އެކްސްޕޯޓު ކުރުމުގެ ސިޔާސަތައްވެސް ވާދަވެރިކަން ތަޢާރަފްކުރުމުން މަހުގެ އަގު 20/25 ރުފިޔާއަށް އުފުލިގެން ދިޔަކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ހިކިކަނޑުމަހުގެ އަގު ދަށްވަމުންދާކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ހިކިކަނޑުމަހުގެ އަގު އެންމެ ދަށްވެގެން 80ރ ގައި ހިފެހެއްޓޭނެ ސިޔާސަތު ތަޢާރަފް ކުރައްވާނެ ކަމުގައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ސަރުކާރު ހިންގަނީ މަސްބާނާ، މަސްވެރިންނަށް ކަމުގައެވެ. އަދި ބަޣާވާތަށްފަހު މަހުގެ އަގު އަނެއްކާވެސް ދަށްވެ މަސްވެރިންގެ އާމްދަނީ އެތައް ގުނައަކުން ދަށްވެފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާކުރާނީ އެއްބުރުން ކަމުގައި ރައީސް ނަޝީދު ތަކުރާރު ކުރެއްވިއެވެ. އަދި އިންސާފުވެރި އިންތިޚާބެއްގެ ނަތީޖާ އެމްޑީޕީން އުފަލާއެކު ޤަބޫލު ކުރާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.