ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރެއްގައި ރޯމަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް އަދި ހިކިމަސް ކިލޯއެއް 80 ރުފިޔާއަށްވުރެ ދަށުން ނުވިއްކޭނެ ސިޔާސަތު ތަންފީޒުކޮށްދެއްވާނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ގއ. މާމެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް މަހު ހަމަ އަގުގައި ވިޔާފާރި ކުރެވޭނެ އުސޫލު ކަނޑައަޅުއްވައިދެއްވާނެ ކަމުގައެވެ.
2008 ވަނަ އަހަރުވެސް އެމްޑީޕީން ވަޢުދުވީ މަހުގެ ހަމައަގު ހަމަޖެއްސުންކަމަށާއި އަދި އެމްޑީޕީގެ ސަރުކާރުގައި ރޯމަހުގެ ކިލޯއަކަށް 25-30 ރުފިޔާއަށް ގެނެސްދެވުނުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަހުގެ އަގު އަރައިގެން ދިޔައީ މަހުގެ ވިޔަފާރިކުރުމުގެ ސިޔާސަތައް ގެނެވުނު ބަދަލުތަކުގެ ސަބަބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. “ރޯމަސް ގަނެ އެކްސްޕޯޓު ކުރުން އޮންނަނީ ދެތިން މީހެއްގެ އަތްމަތީގައި. ސިޔާސަތައް ގެނައި ބަދަލުގެ ސަބަބުން އިތުރު ފަރާތްތަކަށް ރޯމަސް އެކްސްޕޯޓުކުރުމުގެ މަގު ފަހިވެގެންދިއުމުން މަހުގެ އަގު އުފުލުނު” މަސް ގަތުމުގެ ވިޔަފާރިއަށް ވާދަވެރިކަން ތަޢާރަފްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދަޅުވީ އެމްޑީޕީ ސަރުކާރުގައި މަހުގެ އަގު ހުރި މިންވަރާ ގާތަށްވެސް މިހާރު މަހުގެ އަގު ނުހުންނަ ކަމުގައެވެ. އަދި ހިކިމަހުގެ އަގު ވެއްޓެމުންދާކަން ފާހަގަ ކުރެއްވިއެއެވެ. ހިކިމަހުގެ އަގު މައްޗަށް ހުރުމުން އެކަމުގެ ފައިދާ މަސްވެރިންގެ އިތުރުން އަންހެނުންނަށްވެސް ކުރާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މަސްވެރިންގެ އާމްދަނީ ދަށްވެގެންދާނަމަ އެއީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެޅޭ ހުރަހެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިގު 30 އަހަރުގެ ވެރިކަމުގެ މަސްވެރިކަމުގެ ސިޔާސަތައް އަލިއަޅުއްވައި ވިދާޅުވީ “މީގެ ކުރިން އެސްޓީއޯއިން ގަންނަމުން ދިޔައީ ހަމައެކަނި ހިކިކަނޑުމަސް. 1990 ވަނަ އަހަރުވެސް 7 ރުފިޔާއަށް ކިލޯއެއް. އެއަށްވުރެ މައްޗަށް ހިކިކަނޑުމަސް ގަތުން މަނާ. އަޅުގަނޑުމެން މިބުނަނީ 80 ރުފިޔާއަށްވުރެ ދަށުން ހިކިކަނޑުމަސް ގަތުން މަނާ ކުރާނަމޭ. އަދި 20 ރުފިޔާއަށްވުރެ ދަށުން ރޯމަސް ކިލޯއެއް ގަތުން މަނާ ވާގޮތަށް ސިޔާސަތު ތަންފީޒުކޮށްދޭނަން” ކަމުގައެވެ.
މާމެންދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަދައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތަކުން ސަރުކާރު ވައްޓާލުމާއެކީ މަހުގެ އަގުވެސް ކިލޯއަކަށް 5 ރުފިޔާއަށް ތިރިވިކަމުގައެވެ. އަދި ބަޣާވާތް ކުރީ މަސް ގަންނަމީހާ ކަމަށާއި ބަޣާވާތުގެ ބައިވެރިންނަށް 15 ރުފިޔާ ޖެހި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަޣާވާތުގެ އަގު ހިލޭ ޖެހިފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުން އުފައްދާ ވެރިކަމެއް އުފެއްދުމަށް އެމްޑީޕީން މިއަދު ވަކާލާތުކުރަނީ ރައްޔިތުންގެ ހަލާލު މަސައްކަތުގެ އުޖޫރަ އެރައްޔިތުންނަށް ހޯދައިދިނުމަށެވެ. އަދި ޤައުމެއް ތަރައްޤީވެދަނީ އެޤައުމުގެ ގިނަ ބައިވަރު މަސައްކަތް ކުރާ މީހުންގެ އާމްދަނީ އިތުރުކުރެވުނީމާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މާމެންދޫގައި މިއަދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ތަޢާރަފްކުރި ޓެކްސްގެ ނިޒާމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރެވި އެތައް ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ޔަގީން ކުރެވިފައިވާކަމުގައެވެ. އަދި ޓެކްސްގެ ނިޒާމުގެ އެންމެ މުހިއްމު ބޭނުމީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދައުލަތުން ފޯރުކޮށްދިނުން ކަމުގައެވެ. ފަތުރުވެރިކަމުގެ އާމްދަނީން ނެގޭ ޓެކްސް 15 ޕަސެންޓަށް އިތުރުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށައަޅާފައިވާ އިސްލާހާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން ލިބޭނެ ކަމުގައެވެ. އަދި މިހާރުވެސް ރައްޔިތުންގެ މަޖިލިހަށް ހުށައެޅިފައިވާ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސްގެ ބިލު ފާސްކޮށްފައިނުވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. “އިތުރު ކުރަންވީ އާމްދަނީން (ފަރުދުންގެ އާމްދަނީ) ނެގޭ ޓެކްސް. އަޅުގަނޑުމެން ހުށައެޅީ މަހަކު 30 ހާސް ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން ކޮންމެ ރުފިޔާއަކުން 30 ލާރި ޓެކްސްގެ ގޮތުގައި ދެއްކުމަށް. އެ 3 ލާރި ނުދައްކާން ބަޣާވާތް ކުރީ. 15 ރުފިޔާ މަސްކިލޯއަކުން ނަގަން ބަޣާވާތް ކުރީ. ރައްޔިތުން ސަލާން ޖަހުވަން ބަޣާވާތް ކުރީ. ” ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އަމާޒަކީ ރައްޔިތުމީހާގެ އަމިއްލަ ހަލާލު މަސައްކަތުން ދިރިއުޅޭ ފަޚުރުވެރި ދިވެހިމީހާ އުފެއްދުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ ހަލުވި ތަރައްޤީކަމަށާއި “ރައްޔިތުންނަށް އިނގޭ އެމްޑީޕީއަކީ ހަލުވި ތަރައްޤީ ގެނެސްދޭނެ ސަރުކާރެއް އުފައްދާނެ ޕާޓީކަން” ރައީސް ނަޝީދު ވިދާޅުވިއެވެ. ބޮޑު އަޣްލަބިއްޔަނުން އިންތިޚާބު ކާމިޔާބު ކުރާއިރު އެމްޑީޕީން އުފައްދައިދޭ ވެރިކަމަކީ މުޅި ދިވެހިރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ ވެރިކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.