ގއ. އަތޮޅުގެ ބައެއް ކައުންސިލަރުން އެމްޑީޕީއަށް މިރޭ ސޮއިކުރާނެ.

ގއ. އަތޮޅުގެ ބައެއް ކައުންސިލަރުން މިރޭ އެމްޑީޕީއާ ގުޅުމަށް ސޮއިކުރައްވާނެ ކަމަށް އެއަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެންޕެއިންޓީމުން މައުލޫމާތު ދެއްވިއެވެ. އެމްޑީޕީއާ އަލަށް ގުޅިވަޑައިގަންނަވާ ކައުންސިލަރުން ސޮއިކުރުން އޮންނާނީ ރައީސް ނަޝީދު މިއަދު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅުވައިގެން ގއ. ވިލިނގިލީގައި މިރޭ “އެއްބުރުން” މިނަމުގައި ބާއްވާ ޚާއްޞަ ޖަލްސާގައި ކަމަށް އެމްޑިޕީގެ ކެންޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.

ގއ. އަތޮޅުގެ ދެރަށަށް މިއަދު ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ގއ. މާމެންދޫއަށެވެ.
މާމެންދޫއަށް ވަޑައިގަތުމުން މާމެންދޫގެ އެމްޑީޕީގެ މެންބަރުން އިންތިޒާމްކޮށްގެން އެރަށުގެ ރައްޔިތުންނާ ރައީސް ނަޝީދު ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި އެމްޑީޕީން މިހާރު ރަށްޔިތުންނަށް ހުށަހަޅާ ދެއްވަމުން ގެންދާ ސިޔާސަތު ތަކާއިބެހޭ މައުލޫމާތު ދެއްވިއެވެ. އަދި މާމެންދޫ އެމްޑީޕީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމްތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު މާމެންދޫގައި ހަރަކާތްތެރިވާ އެމްޑީޕީގެ ދޭތިންފަހެތި ކެންޕެއިންޓީމާ ބައްދަލުކުރައްވާ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުންފިލުއްވިއެވެ. އަދި މާމެންދޫގެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ދޮރުން ދޮރަށް ހިންގަވާ މައުލޫމާތު އޮޅުންފިލުއްވިއެވެ.

ގއ. ގައި ހަރަކާތްތެރިވަމުންދާ އެމްޑީޕީގެ ކެންޕެއިން ޓީމުން މަޢުލޫމާތު ދެއްވި ގޮތުގައި މާމެންދޫއަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ގއ. ވިލިނގިއްޔަށެވެ. ވިލިގިލީގައި އެމްޑީޕީގެ ހަރުގެއެއް ހުޅުއްވައި ދެއްވުމާއި އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިންގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމާ ބައްދަލުކުރައްވާ މަޢުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގއ. ވިލިނގިލީގައި ދޮރުން ދޮރަށް ހިންގަވާ ބައެއް އާއިލާތަކާއި ބައްދަލު ކުރައްވާ މަޢުލޫމާތު އޮޅުން ފިލުއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

ގއ. އަތޮޅުގެ ދެރަށަށް މިއަދު ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސަ މަނިކު އައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއާއި އެމްޑީޕީ ޕާލިމެންޓްގްރޫޕްގެ ޑެޕިއުޓީ ލީޑަރ ޢަލީ ވަހީދު އާއި މަޖިލިސް ބައެއް މެންބަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.