ޑީއާރުޕީގެ ދެކައުންސިލަރަކު ސޮއިކުރުމާއެކު ކެޔޮދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ

photo-8

ވ ކެޔޮދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެކައުންސިލަރަކު އެމްޑީޕީއަށް ސޮއި ކުރެއްވުމާއެކު އެކައުންސިލްގެ މެޖޯރިޓީ މިޕާޓީއަށް ލިބިއްޖެއެވެ.

ރޭ ޕާޓީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓީއާ ގުޅިވަޑައިގެންނެވީ ޑީއާރުޕީގެ ޓިކެޓްގައި ހޮވިވަޑައިގެންނެވި އިބްރާހީމް ޖަލީލާއި އާދަމް ޒަކީއެވެ. އާދަމް ޒަކީއަކީ ޑީއާރުޕީގެ ކެޔޮދޫ ގޮފީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އަދި އިބްރާހީމް ޖަލީލަކީ ރެއާހަމައަށްވެސް ޑީއާރުޕީގެ ކެޔޮދޫ ގޮފީގެ ނައިބު ރައީސެވެ.

ސޮއިކުރެއްވުމަށްފަހު މިދެބޭފުޅުންވެސް ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ޤައުމަށާއި އަތޮޅަށް އަދި ޚާއްޞަކޮށް މުޅި ރައްޔިތުންނަށް އެންމެބޮޑު ފައިދާއެއް ލިބެން އޮތީ އެމްޑީޕީއަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވިގެން ކަމަށްވާތީ ކަމަށެވެ. އަދި އެބޭފުޅުންގެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަކީ އެބޭފުޅުންގެ މިނިންމެވުން މިގޮތައް ނިންމެވުމަށް ބާރުލިބިގެންދިޔަ އެއް ސަބަބު ކަމަށްވެސް އެދެބޭފުޅުން ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި މިޕާޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި ޗެއަރޕާސަންގެ ނައިބު އިދާރީ ޢަލީ ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހިދު ވިދާޅުވީ ކެޔޮދޫގެ ދެކައުންސިލަރަކު އެމްޑީޕީއާ ގުޅިވަޑައިގެން އެކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނީތީ އެދެބޭފުޅުންނަށާއި މުޅި ވ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވާކަމަށާއި މިއީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދިޔަ އިތުރު ބާރެއް ކަމަށެވެ. އަދި ރަށްރަށަަށް އެމްޑީޕީން މިހާރު ކުރަމުންދާ ދަތުރުތަކުގައި ވަރަށް ގިނަ ޢަދަދަދެއްގެ މެންބަރުން އެމްޑީޕީއާ ގުޅެމުންދާ ކަމަށާއި ދޮރުންދޮރަށް ހިނގައިގެން ލިބެމުންދާ މައުލޫމާތުގެ އަލީގައި އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދު ވަރަށްބޮޑު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ދެކައުންސިލަރުންގެ އިތުރުން ވ އަތޮޅުގެ މީހުން ރޭ ޝީބިލްޑިންގުގައި ބޭއްވި ބައްދަލުވުމެއްގައިވެސް އެއަތޮޅުގެ ގިނަ ޢަދަދެއްގެ ބަޔަކުވަނީ އެމްޑީޕީއާ ގުޅިފައެވެ. ބަޣާވާތްކޮށްގެން ގަދަބާރުން ވެރިކަމަށް އަރާތިބި މީހުންގެ ޢަމަލުތަކުގެ ސަބަބުން އެމްޑީޕީން ކުރަމުން އައި ހެޔޮވެރިކަމުގެ ލުއިފަސޭހަ ކަމާއި އޯގާތެރިކަމާއި އަޅާލުން، ނެތެމުންދާތީ ގިނަ ޢަދަދެއްގެ ބަޔަކު ދަނީ އަނބުރާ އެމްޑީޕީ ވެރިކަމަށް ގެނައުމަށް މިޕާޓީއާ ގުޅެމުންނެވެ.