ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވި ބަޠަލުންނަށް ވޯޓު ދެއްވާށެވެ.

(މިއީ 7 އޭޕްރީލް 2009 ގައި ދިވެހި އޮބްޒާވަރ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާ އިނގިރޭސި ލިޔުމެއް އަސްލަކަށް ބަލައިގެން ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ.)

ކުރިމަތިވަމުން އަންނަ ރައްޔެތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިން ކުރިމަތިލާ އިމްތިޙާނަކަށް ވާނެއެވެ. މި އިންތިޚާބު ކައިރިވަމުން އަންނަވަރަކަށް ހަލަބޮލިކަން އިތުރުވާނެކަމާމެދު ޝައްކެތް ނުކުރެވެއެވެ. އެހެންނަމަވެސް، މި އިންތިޚާބަކީ ފުދޭވަރެއްގެ މިނިވަންކަމަކާއެކީ ހިންގިދާނެ އިންތިޚާބެއްކަމުގައި ބެލެވެއެވެ. ޚާއްޞަކޮށް، ކުރީގެ މައުމޫނުގެ ސަރުކާރުގެ ދުވަސްވަރުގައި، ސަރުކާރުގެ ނުފޫޒުގެ ދަށުގައި ބޭއްވުނު އިންތިޚާބުތަކާއި ބަލާފައި މިއަންނަ އިންތިޚާބު ވަރަށްވެސް މިނިވަންވާނެއެވެ. ކުރިމަތީގައި އޮތް އިންތިޚާބުގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓުލިޔަސް ވިސްނާލަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް، ޑިކްޓޭޓަރު މައުމޫނުގެ ހިޔަނީގައި ތިބެގެން ރައްޔެތުންނަށް އޮޅުވާލާ ރައްޔެތުންގެ ނާޖާއިޒު ފައިދާ ނަގާ ޤައުމުގެ މުއްސަނދިކަމުން ފޭރިގަނެ ޤައުމު ދާވާލާ ހަފުސްކޮށްލުމުގައި އެކިގޮތްގޮތުން ބައިވެރިވީ އެއްވެސް ފަރާތަކަށް އަންނަ އިންތިޚާބުގައި ވޯޓު ނުދިނުން މަޖުބޫރުވާ ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މިހެންކަމުން، ކުރިއަށް އޮތް ރައްޔެތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެކިއެކި ގްރޫޕްތަކުގައި ހިމެނޭ އެކިއެކި ފަރާތްތަކަށް ކުރުގޮތަކަށް ބަލާލަމާތޯއެވެ.

މާ ޢިލްމީ ބައެއްކަމުގައި ބުނެ، ސީދާ ޙަރަކާތްތަކުގައި ބައިވެރިވުމަށް މަގުމައްޗަށް ނުނުކުންނާންތިބި މީހުން
މި ގްރޫޕުގައި ހިމެނޭ ފަރާތްތަކަކީ މައުމޫނުގެ ސަރުކާރުގެ އެތެރެއިން ބަދަލުގެނައިކަމަށް ނުވަތަ ބަދަލުގެންނަށް މަސައްކަތް ކުރި ކަމަށް ދައުވާ ކުރާ ބައެކެވެ. މިމީހުންނަށް ލިބިފައިވާ މަތިވެރި ޢިލްމަކާއި ވިސްނުމެއްގެ ބޭނުން ހިފައިގެންކަމަށް ބުނެއެވެ. މިމީހުން ތައްޔާރުކޮށްގެން ނެރުނު މަގު ޗާޓު އެންމެފަހުން އެއްވެސް ތާކު ލައްވައެއް ނުލިއެވެ. އެއަށް ބަލައިގެން އަޅުގަނޑުމެން ދިވެހިން ދަތުރު ކުރިނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ އެފްރިކާ ބައްރާއި ދިމާލުން އެންމެ ކުރިން ޖެހޭ ފަރަށް އަރާ ހިކިފައެވެ. އަދި ރާއްޖެއަށް ޑިމޮކްރެސީ އައުމަށް މި ފަރާތްތަކުން ޙަޤީޤަތުގައިވެސް ބޭނުންވިތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ސަބަބަކީ މުޅި ދުނިޔޭގެ އެންމެން ޑިކްޓޭޓަރ މައުމޫނަށް މަލާމާތް ކުރަމުން ގެންދިޔައިރުވެސް، މިމީހުން ދިޔައީ މައުމޫނުގެ ތަޞައްވަރު ރަނގަޅުކޮށް އޭނާ ޕްރޮމޯޓް ކުރުމަށްޓަކައި ފޫގަޅައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދައުލަތުގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ބޭނުން ކޮށްގެން އިނގިރޭސި ވިލާތުގެ ހިލް އެންޑް ނޯލްޓަން ކިޔާ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ލައްވާ މައުމޫނުގެ ގެއްލިފައިވާ އަބުރު ސިއްރު ކުރުމަށް އަދި އޭނާއޭ ކިޔައިގެން އެކި ޒާތްޒާތުގެ ސަނާތައް ކިޔާ މުޅި ދުނިޔެއަށް ފަތުރަމުންނެވެ. އަދި މިމީހުން މައުމޫނަށް ‘ޑިމޮކްރެސީގެ ބައްޕަ’ގެ ލަގަބުވެސް ދިނެވެ. ޑިމޮކްރެސީއަށްޓަކައި އެތައް ޤުރްބާނީއެއްވި އެތައް އެކްޓިވިސްޓުންނެއް ޖަލައްލުމުގައި މިމީހުން އިސްރޯލެއް ކުޅުނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިވަންކަމާއެކު ސިޔާސީ ބަހުޘްތައް ކުރެވެން ފެއްޓުނު އެމްޑީޕީގެ ‘ހަރުގެ’ ރޫޅާލުމުގައި މިމީހުން އިސްވެހަރަކާތްތެރިވިއެވެ. މިމީހުންނަކީ ހަމަ ގައިމުވެސް ޑިމޮކްރެސީއަށް މާބޮޑު ޝައުގުވެރިކަމެއް ހުރި ބައެއް ނޫނެވެ. މިމީހުންނަކީ އެހެން ކޮންމެވެސް އުޞޫލުތަކަކަށް ތަބާވާ ބައެކެވެ. ވީމާ މިމީހުންނަށް ވޯޓު ލުމުގެ ކުރިން ކޮންމެވެސް ފުންކޮށް ރަނގަޅަށް ވިސްނާލައްވައްޗެވެ.

ރައީސް ކަމުން ދުރުކުރެވިފައިވާ ޑިކްޓޭޓަރ މައުމޫނާއި އޭނާގެ އާއިލާއާއި އެކުވެރިން
މި ގްރޫޕުގައި ހިމެނެނީ މިހާރު ރައީސްކަމުގެ މަޤާމުން ދުރު ކުރެވިފައިވާ ޑިކްޓޭޓަރ މައުމޫނާއި އެކި ގޮތްގޮތުން އެހީތެރިވެދީ މިދިޔަ 30 އަހަރު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްޓަކައި އެކިގޮތްގޮތުން މަސައްކަތްކޮށް އަދި ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެފައިވާ ޑިކްޓޭޓަރ މައުމޫނުގެ އާއިލާގެ މެމްބަރުންނާއި އޭނާގެ އެކުވެރިންނެވެ. އެމީހުން މިހާރުވެސް ދިރިއުޅެމުން އެގެންދާ މުއްސަނދި ދިރިއުޅުން ނިކަން ބައްލަވާށެވެ. އެމީހުންނަކީ ރައްޔިތުންނަށް އިޚްލާޞްތެރި ބައެއް ނޫނެވެ. އަދި އެމީހުން ދުވަހަކުވެސް ރައްޔިތުންނަކަށް އިޚްލާޞްތެރިއެއް ނުވާނެއެވެ. އަދި އިޚްލާޞްތެރިވާކަށް ނުވެސް އެނގޭނެއެވެ. އެމީހުން ހަމައެކަނި ބޭނުންވަނީ ޤައުމުގެ މުއްސަނދިކަމަށް އަތްފޯރާ ހިސާބުގައި ތިބެގެން، ޑިކްޓޭޓަރ މައުމޫނުގެ ޒަމާނުގައި ދިރުއުޅެމުން ގެންދިޔަ މުއްސަނދިކަމާއި އަރާމުގައި މިހާރުވެސް ދުވަސްތައް ގުނާށެވެ. ދިވެހިންނަކީ ގަމާރު ގުނބޯތަކެކޭ މި ގްރޫޕުގައި ހިމެނޭ ފަރާތްތަކަށް ހީވާ ކަހަލައެވެ.

އަމިއްލަގޮތުން ވާދަކުރައްވާ ތެދުވެރި ކެންޑިޑޭޓުންނާއި މަޖިލިސް މެމްބަރުންގެ ބޮޑު މުސާރައިގެ ދަހިވެތިކަމުގައި އުޅޭ ކެންޑިޑޭޓުން
އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އިޚްލާޞްތެރި ކެންޑިޑޭޓުން ތިއްބެވިތޯ ތިޔަބޭފުޅުން ނިންމަވަންވާނީ މި ކެންޑިޑޭޓުންގެ ފުރިހަމަ ދިރާސާއެއް ކުރެއްވުމަށްފަހުގައެވެ. މި ކެންޑިޑޭޓުން އަމިއްލަގޮތުން މި ވާދަކުރަނީ ޕާޓީގެ ޓިކެޓު ނުލިބިގެންތޯއެވެ؟ ނޫނީ މި މީހުންނަކީ ޕާޓީ ސިސްޓަމް ޤަބޫލު ނުކުރާ ބަޔަކީތޯއެވެ. އަދި މީގެ ތެރެއިން މަޖިލީހުގެ މެމްބަރުންގެ ބޮޑެތި އިނާޔަތްތަކާއި މުސާރައިގެ ދަހިވެތިކަމުގައި އިންތިޚާބަށް ކުރިމަތިލައިގެން އުޅެނީ ކިތައް މީހުންތޯވެސް ރަނގަޅަށް ބައްލަވާލާށެވެ.

ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވި ބަތަލުން
އަޅުގަނޑުމެން ދިވެހި މުޖްތަމަޢުއަށް ދިމާވެފައިވާ ބޮޑު ބިރުވެރިކަމުން ސަލާމަތްކޮށްދީ، ޖާހިލުކަމުން ނެރެ ތަހުޒީބުގެ މަގަށް އެޅުވީ އަދި އަޅުގަނޑުމެންނަށް ދިމާވެފައިވާ ފަޤީރުކަމުން ނުކުމެވުމުގެ އުންމީދެއް ކިރިޔާވެސް މިއަދު އާލާވެފައި އޮތްނަމަ، އެކަން އެގޮތަށް މިވީ 2003 ވަނަ އަހަރު އެމްޑީޕީ ރެޖިސްޓްރީ ކުރެވި ރާއްޖެއަށް އިޞްލާޙް ގެނައުމަށްޓަކައި އެޕާޓީން އިސްނަގައިގެން ކުރެވުނު ގިނަގުނަ މަސައްކަތްތަކާއި ހެދިއެވެ. މި ދެންނެވި ޙާރަކާތްތަކުގައި އެތައް ޤުރްބާނީތަކެއްވި ބަޠަލުން އެގޮތަށް އެ މަސައްކަތް ނުކުރެއްވިނަމަ، އަދިވެސް އަޅުގަނޑުމެން ތިބޭނީ ފުލުހުންނާއި ސިފައިންދެކެ ބިރުންނެވެ. ހިތުގައިވާ ޝުއޫރެއް ފާޅުކޮށްލުމަށް ނުވަތަ ސިކުނޑީގައިވާ ޚިޔާލެއް ފާޅުކޮށްލުމަށް އަނގަ ހުޅުވާލަން ނުކެރިފައެވެ. ޑިކްޓޭޓަރު މައުމޫނާއި އޭނާގެ އާއިލާ އަދި އެކުވެރިން އުފަލާއި އަރާމާއި މުއްސަނދިކަމުގައި ދިރިއުޅެމުން ގެންދާއިރުގައި، އެތަން ބަލަން އަމިއްލަ ވަޒަނުގައިވެސް ބީރައްޓެހިންގެ ގޮތުގައެވެ. އެމްޑީޕީގެ އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ ތެރެއިން ބޮޑުބައެއް އެކަތި ގަނޑަކަށް ހަދާ އެއް އަމާޒަކަށް ދަތުރުކުރުވާ، ޑިކްޓޭޓަރު މައުމޫނު ވެރިކަމުން ދުރުކުރުވާ ޞުލްޙަވެރިކަމާއި ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ބަދަލުކޮށްލިކަމެވެ. ޕާޓީއެއް ހިންގުމުގެ އަސާސީ އޮނިގަނޑެއް ފުރަތަމަ ތައްޔާރުކޮށް، އެއޮނިގަނޑުގެ މަތީގައި ޕާޓީ މިހާތަނާ ޖެހެންދެންވެސް ހިންގިފައިވާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއެވެ. ތެދެކެވެ. އެމްޑީޕީގައިވެސް އުނިސިފަތަކެއް، ނުވަތަ ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ ރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފް ކުރުވުމުގައި އަދި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމެއް އަށަގެންނެވުމުގައި މިހާތަނާ ޖެހެންދެންވެސް އެންމެ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވަނީ އެމްޑީޕީ ކަމެވެ.

މިހެންކަމުން، ކުރިމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަންތައް ކުރަންވީގޮތް ވަރަށްވެސް ސާފެވެ. ޑިމޮކްރެސީގެ ހަމަތައް ޤަބޫލު ކުރައްވާނަމަ، އަދި ދިވެހީންނަށާއި ދިވެހިރާއްޖެއަށް ރަނގަޅު ގޮތްތަކެއް މެދުވެރިވާނީ ޑިމޮކްރެސީގެ މަގުގައި ކުރިއަށް ދެވިގެންކަމުގައި ޤަބޫލު ކުރައްވާނަމަ، ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދިނުމުގައި މަތިވެރި ބޮޑެތި ޤުރްބާނީތައް ވެފައި ތިބި ކެންޑިޑޭޓުންނަށް ވޯޓު ދެއްވާށެވެ. މިއަދު ޅަފަތުގައި މިއޮތް ޑިމޮކްރެސީއަށް ރަނގަޅު ކުރިމަގެއް ހޯދައިދީ، މުސްތަޤްބަލްގައި ގައުމު ހިންގުމުގެ ކަންކަން ރައްޔިތުންގެ އިޙްޞާޞްތަކާއި އެއްގޮތް ކުރެވޭނީ އޭރުންނެވެ.
(ނިމުނީ)