ޒަމާނީ ވިސްނުމަށް ބަދަލު ވާން ވެއްޖެ

ބައެއްގެ ތެރޭގައި ހުންނަ އާދަކާދަ ތަކަކީ އެތަކެއް ޒަމާނަކުން އެކަމަށް އެބަޔަކު ހޭނި ކަށީގައި ހިގާފައިވާ ކަންކަމެވެ. މިކަންކަމަކީ ދަރިދަރިކޮޅަށް ވާރުތަ ކުރަމުން އަންނަ ކަންކަމެވެ. މިގޮތުން ބަލާއިރު ދިވެހިން މިތިބީ ޚުދުމުޚުތާރު ވިސްނުމާއި ފިކުރުގެ ސަގާފަތުގެ ތެރެއަށް ވަދެ އެއާދަކާދައިގެ ސަގާފަތުގެ ތެރޭގައި ފިތިބާރު ވެފައެވެ. ދިވެހިންގެ އަމަލުތައް ވެސް ހުންނަނީ މިސަގާފަތާއި އެއްގޮތަށް ތަގުޅި އެޅިފައެވެ. ކަން މިހެން ހުރުމުން އެސަގާފަތުގެ ނުފޫޒުން ފިކުރާ ތަބީއަތް ކުއްލި ގޮތަކަށް ބަދަލު ކުރުމަކީ ނަފްސީ ހަގުރާމައަކަށް ނޫނީ ވާނެ ކަމަކަށް ނުބެލެވެއެވެ. މިގޮތަށް ބަލާއިރު އިންސާނުން ދަރަޖަ ކުރުމުގެ ސަގާފަތާއި އޭގެން އުފެދިގެން އަންނަ ކަންތައް ތަކެއް ހުންނަކަން ގަބޫލު ކުރަން ޖެހޭމެއެވެ. އަދި ބަޔަކު ކިތަންމެ މޮޅަށް ތައުލީމު ލިބިގަތަސް ފާހަގަ ކުރެވުނު ސިފަތަކުން ދުރަށް ދެވެނީ އެތަކެއް ޒަމާނަށް ފަހުގައި ކަމީ އިންސާނީ ތާރީޚުން ފެންނާން ހުރި ހަގީގަތެވެ.

މިރޮގުން އަޅުގަޑު ވިސްނާ ފިކުރު ހިންގާއިރު ދިވެހިރާއްޖޭގައި މިދެންނެވި ސަގާފަތް ބަދަލު ކުރުމުގެ ނަފްސީ ހަގުރާމަ ކުރެވެމުން އަންނަތާ އެތަކެއް ގަރުނު މާޒީވެ ހިގައްޖެއެވެ. ބޮޑުތަކުރުފާނުގެ ރަސްކަމުން ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރުގެ ލިޔުންތަކުން މިދަރުސުތައް ފާހަގަ ކުރެވެއެވެ. މިކަންކަމަށް ކުރިއެރުމާއި ފަހަތަށް ޖެހުމާއި މިކަންކަން ހިގަމުން އައިސް އަޅުގަޑުމެން ހޭލާގަތް ދުވަސްވަރުވެސް މިކަމުގެ ކުލަވަރު ވަރަށް ފާޅުކޮށް ފެންނާން ހުރެއެވެ. އަޅުގަޑު ކިރިޔާ ހަދާން ހުންނަ ދުވަސްވަރު އަޅުގަޑުގެ މަންމަގެ ބޮޑުދައިތަ އަރިހުގައި އީދު ދުވަހަކު މީގެ ގަޑުވަރަކަށް ގެންދެވިއެވެ. އެގަޑުވަރުގެ މަނިއްޕުޅުން އުދޯލި ދާންކޮޅުގައި އިންނަވާއިރު އަރިހަށް އައިސް ތިބޭ ބޭފުޅުންނާއި މީހުން ތިބޭން އެކި ދަރަޖައިގެ ގޮޑިކޮޅު ހުއްޓެވެ. ކަޅުވަކަރު ގޮދަޑިޖެހި ގޮޑި ކޮޅާއި، އަދަރާދަ ގޮޑި ކޮޅާއި ތިރި އަށި ފާޑުގެ ގޮޑިއެވެ. އަޅުގަޑަކީ ތިރިއަށި ދަރަޖައިގެ ކުއްޖެއް ކަމުން ބޮޑިބަތް ތައްޓެއް ދެއްވާފައި ބޭންދެވީ އޭގެ އަށްޓެއް ގައެވެ.

މިކަންކަން މިމަގުން ހިގަމުން އައިސް އަޅުގަޑުމެންގެ ހަޔާތުގައި މިދެންނެވި ސަގާފީ ހުރަސް އިންސާނީ ހަމަހަމަ ކަމުގެ ތެރެއަށް ފެތިގެން ދާން ފެށުމުގެ ކޮންމެވެސް ވަރެއްގެ ބަދަލެއް ފެންނާންފެށީ ތައުލީމު ދިނުމުގެ ބަދަލު އަންނާން ފެށި ދުވަސްވަރުން ފެށިގެން ކަމަށް އަޅުގަޑަށް ފާހަގަ ކުރެވެއެވެ. ރާއްޖޭގައި އިގިރޭސި ތައުލީމު ލިބެން ފެށި ފަހުން މިސަގާފަތަށް ބަދަލު ތަކެއް އަންނަން ފެށިއެވެ. އެއީ 1960 ގެ ދުވަސްވަރެވެ. މިކަމުގެ ސަބަބުން މިސަގާފަތުގެ ކުލަ ފަޑުވަމުން އައިސް މިހާރު މިސަގަފާތް މިވަނީ ރާއްޖޭގެ ސިޔާސީ މައިދާނާ ހަމައަށް ފޯރާފައެވެ. މިދެންނެވި އާދަކާދައިގެ ނުފޫޒު ސިޔާސީ މައިދާނަށް ފޯރި ކަމުގައި ވިޔަސް ސިޔާސީ މައިދާނުގައި ނުކުމެ ތިބި ފަހުލަވާނުންގެ ފިކުރާއި ނަފުސުގެ އަރާރުމަށް ކުރިއެރުން ލިބޭލެއް ލަސްކަން ފާހަގަ ކުރަން ޖެހެއެވެ.

ރިޔާސީ ނިޒާމަށް ވެރިކަން ހިންގަމުން އައި މިރާއްޖޭގެ ރައީސްކަން، ރައީސް އިބްރާހިމް ނާސިރުން ރައީސް މައުމޫނަށް ބަދަލު ވެގެން ދިޔައީ 1978 ގައެވެ. ކިތަންމެހާ އޮމާން ބަދަލަކަށް ވީނަމަވެސް މިދެންނެވި އާދަކާދައާއި ފިކުރީ ބަދަލު އަޅުގަޑުމެންގެ ތެރޭގައި ނެތްކަން ފާހަގަ ކުރަން ޖެހެނީ ހިތާމަ އާއި އެކުގައެވެ. ރައީސް ނާސިރަށް ދިވެހި ދައުލަތުންނާއި ސަރުކާރުން ދެއްވަން ޖެހޭ ހުރުމަތް ހަމަ އިސާހިތަކުމެ ކަޑާލެވިއްޖެއެވެ. ހަމަ އެއާއި އެކު ޚުދުމުޚުތާރު ކަމާއި އެކު އާއިލީ ވެރިކަމަކަށް ދިވެހި ޖުމްހޫރީ ވެރިކަން ބަދަލު ވެގެން ދިޔައެވެ. ޖުމްހޫރީ ވެރިކަމުގެ ބިންގައު ފުޑުފުޑުކޮށް މުގުރާ ވަޅުލީއެވެ. އާއިލީ ވެރިކަމުގެ ތަޚުތަށް ރަގަޅަށް ފެތި ހަމަ ޖެހިލިއިރު ދުނިޔޭގެ އެންމެ އަނިޔާވެރިންގެ ލިސްޓުގައި ރާއްޖޭގައި އަޮތް އާއިލީ ވެރިކަން ކަޅު އަކުރުން ލިޔެވެން ފަށައިފިއެވެ. ދިވެހިޖުމްހޫރީ އަކީ ބޭރުގައި ލާފައިއިން އޮފެއް ކަމުގައި ދުނިޔެ ގަބޫލު ކުރަން ފެށިއެވެ. ރައްޔިތުންގެ ޖީބުން ހޭދަކޮށްގެން ހަމަ އެރައްޔަތުންނަށް އަނިޔާ ލިބުނު ހިދުވެސް ރައްޔިތުންގެ ދިފާއުގައި އޮތް އެންމެ ބޮޑު މަޖްލިސް އޮތީ ޚުދުމުޚުތާރު ވެރިޔާގެ މަޖްލިހެއްގެ ގޮތުގައެވެ.

ހަގީގަތަށް ބުރަވެ ބަލާލާއިރު މަޖްލިސް އޮތީ ކޮންމެ ފަސްއަހަރަކުން ރައީސް މައުމޫނުގެ ވެރިކަން ސައްހަކޮށް ތައްގަޑު ޖަހާ މަޖްލިހެއްގެ ގޮތުގައެވެ. ރާއްޖޭގެ ވެރިކަމަށް ތިމަންނާ އައީ ފިސްތޯލަ ހިފައިގެން ތިބި ގުރޫޕަކާއެކު ވެރިކަން ހިފަން ކަމަށް މަޖްލިހުގައި ހާމަ ކުރުމުންވެސް ހަމަ ޗުއްޕު ބުނާނެ މެންބަރަކުވެސް ނުވިއެވެ. އެއަށް ފަހު ހޮވުނު މެންބަރަކަށް ވެސް އެކަމުގެ ވާހަކައެއް ނުދެއްކިއެވެ. ކަމުގެ ހަގީގަތަކީ މިއީ ކަން ނުދަންނަ ހަމަ އެކަކުވެސް މިރާއްޖޭގައި ކޮބައިތޯއެވެ؟ ރާއްޖެއަށް މިހާރު ލިބިގެން މިއުޅޭ މިނިވަން ކަމާއި އަދި ވަކިން ޚާއްސްކޮށް ރައްޔިތުންގެ މަޖްލިސްއަށް ގެނެސް ދެވުނު އާރާއި ބާރު ހޯދައިދިނުމުގެ ފެށުމަކީ އޭރުއޮތް އާއިލީ ވެރިކަމާ ވާދަ ކުރަން ނުކުތް އިދކޮޅު ސިޔާސީ ޕާޓީއެވެ. އަދި ހަމަ އެއާއި އެކު އިދިކޮޅު ސިޔާސީ ހަރަކާތުގެ ބައިވެރިވި އެންމެހާ ހަރަކާތްތެރިންނާއި ޖަމާއަތްތަކެވެ. މޮޅެތި ބޭފުޅުންނާއި މަޖްލިސް މެންބަރުން ގޮޑިކޮޅު ތަކުގައި ރައްޔިތުންގެ ޚަރަދުގައި ބޮޑެތި މުސާރަ ހިއްޕަވައިގެން ތިއްބެވީއެވެ. މޮޅެތި އިލްމު ވެރިން ރާއްޖޭގެ އަދުލުގެ އުސްގޮޑި ތަކުގައި ތިއްބަވައިގެން ރައްޔިތުންނަށް އަދުލުވެރި ވުމުގެ ބަދަލުގައި ފާޅުގައި ނުކުމެތިބެ ކުރީ އަނިޔާއެވެ. ތިޔަ ވިދާޅުވާ މޮޅެތި އިލްމުވެރިން ޚުދުމުޚުތާރު ވެރިކަމުގެ ވާގިވެރިން ގޮތުގައި ތިބެ އެތެރޭން ބަދަލު ގެންނަން މަސައްކަތް ކުރުމުގެ ގޮތުން އަދުލުވެރިކަން މިނިވަން ކޮށް އަދުލުވެރިކަމުގެ ދާއިރާ ރަގަޅު ނުކުރީ ކީއްވެތޯ ސުވާލު ނުކުރާނީ ކާކުތޯއެވެ؟

މައުލޫއަށް އިންސާފު ކުރުމުގެ މިސާލު ތަކުގެ ތެރެއިން މަޖްލިހުން ނިންމަން ޖެހޭ ކަމެއް ފާހަގަ ކޮށްލާނަމެވެ. އިސްލާހު ކުރެވުނު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ރިޔާސީ އިންތިޚާބު ނިމި ސިޔާސީ ބޮޑެތި ބަދަލުތަކެއް އައިހިދު އެކަމުގައި ކުރަން ޖެހިފައި ހުރި ކަންކަން ނުކުރެވި ހުރިކަމުގެ އައިބު ފާހަގަ ކުރެވެއެވެ. މިހެން މިދެންނެވީ ފުރިހަމަ ރިޔާސީ ނިޒާމަކަށް ދައުވާކޮށް ރިޔާސީ ނިޒާމް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ޕާޓީތަކާއި ރިޔާސީ ނިޒާމް ވިއްކަން އުޅުނު ނޫސްތަކުންވެސް މިދަންނަވާ ކަންކަމަށް ބާރު އަޅުއްވާފައި ނުވާކަމެވެ. ރައީސަކާ ނާއިބު ރައީސެއް ހުންނަވާއިރު ގައި އެބޭފުޅުންނަށް ދައުލަތުން ދެއްވާ އިނާޔަތްތައް ކަޑައަޅާ ނިންމުމާއި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދޭން ޖެހޭ އިނާޔަތްތައް ކަޑައަޅާ ގާނޫނީ ނިންމުމެވެ. މިޒާތުގެ ކަންކަމަކީ ބޮޑެތި އުދަގޫ ކަންކަމަށް ނުވާހިދު މިކަންކަން ހަމަޖެހިފައި ނެތުމަކީ ކުރިލިބެމުން އައި ޒަމާނީ ވެރިކަމުގެ އާދަކާދައާއި ދުރަށް ދެވިފައިވާ ކަމެއް ކަމުގައި ބެލެވެއެވެ.
ރާއްޖޭގައި ޒަމާންތަކަކަށް ހިންގަމުން އައި ޚުދުމުޚުތާރު އާއިލީ ވެރިކަން އިންތިޚާބަކުން ބަދަލު ކުރުމަށް ފަހު މިހާރު މިތިބީ މުޅިން އައު ސިޔާސީ މާހައުލަކަށް ކުރިމަތިލާން ޖެހިފައެވެ. މިފަދަ ބޮޑެތި ބަދަލު ހަޖަމު ކުރަން ދަތި އެތަކެއް ބަޔަކު ތިބޭނެއެވެ. މީގެ ތެރޭގައި ދައުލަތާ ސަރުކާރުގެ އެކިއެކި ދާއިރާތަކުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންވެސް ހިމެނޭނެކަން ކަށަވަރެވެ. މިކަންކަމަކީ ވަކިމީހެއްގެ ކުށެއް ކަމަށް ބެލޭން ނެތް ކަމާއި ކަމަކީ އިންސާނީ ތަބީއީ ކަމެއް ކަމުގައި ބަލަން ޖެހެއެވެ. އަދި ސަރުކާރުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާން ބޭނުނުް ވެގެން އެމަސައްކަތް ކޮށްދެއްވާން ތިއްބެވި ބޭފުޅުންނެވެ. އެހެން ކަމުން ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް އެބޭފުޅުން ޚިދްމަތް ކުރެއްވުމަކީ އެބޭފުޅުންގެ މަގްސަދެވެ. ކަން އެހެން އޮތް ކަމުގައި ވިޔަސް މިފަދަ ބޮޑު ބަދަލަކަށް ކުއްލި ގޮތެއްގައި ވަނުމަކީ މިއާދަކާދަ ނެތް ބައެއްގެ ތެރޭގައި ނުވެ ނުދާނެ ކަމެކެވެ. އެހެންކަމުން ޒަމާނީ ވެރިކަމުގެ ސަގާފަތަށް އަޅުގަޑުމެން ބަދަލުވަމުން މިދާ މަރުހަލާގައި ފިކުރީ ބަދަލަށް ހޭނުވުމުގެ ކައުންސިލިންގް ލިބުމަކީ ބޭނުންތެރި ކަމެކެވެ. އެހެނީ މިފަދަ ބަދަލުތަކަށް ވިސްނުން ހޭނުމަށް ޓަކައި އެކި މީހުން އެކި މުއްދަތު ނަގާނެ ކަމަށް ބެލެވޭތީ އާއި މިޒާތުގެ ބަދަލުތަކަށް އަހުލުވެރި ކުރުމުގެ ސައިންޓިފިކް ޕްރޮގްރާމްތަކުގެ ބޭނުން މިޒަމާނުގައި ހިފޭނޭތީއެވެ.