ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ވޭމަންޑޫ އަދި އޮމަދޫއަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކޮޅުމަޑުލު ވޭމަންޑޫ އަދި އޮމަދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ހުށައަޅާ ސިޔާސަތުތައް ތަޢާރަފްކުރައްވައި، ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭންގައި އެހީތެރިވާ ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމެވެ.

މިއަދު އެންމެ ފުރަތަމަ ރައީސް ނަޝިދު ވަޑައިގެންނެވީ ތ. ވޭމަންޑޫއަށެވެ. ވޭމަންޑޫއިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ވޭމަންޑޫގައި ރައްޔިތުންނާއި ބައްދަލުކުރައްވަވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ހިންގުން ރައްޔިތުންނާއި ހަވާލު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމުގައެވެ. އަދި އެމްޑީޕީގެ ގެސްޓްހައުސް ސިޔާސަތަށް އަލި އަޅުއްވާލައްވަވާ ދެއްކެވި ވާހަކަފުޅުގައި ގެސްޓް ހައުސަކީ ބޮޑު ބޯޓަކަށް ވުރެން ފައިދާ ހުރި ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ. ވޭމަންޑޫއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި ވޭމަންޑޫ އެމްޑީޕީ ކެމްޕޭން ޓީމާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ވޭމަންޑޫއަށްފަހު ރައީސް ނަޝީދު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް، ތ. އޮމަދޫއަށް ވަޑައިގެންނެވިއެވެ. އޮމަދޫއިންވެސް އެމަނިކުފާނަށް ވަރަށް ބޮޑޫ ތަރުޙީބަކާއި ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އޮމަދޫގައި އެމަނިކުފާނު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަވާ ދެއްކެވި ވާހަކަފުލުގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގެ އަމާޒަކަށް ވާނީ ސަރުކާރުގެ އާމްދަނީ ބޮޑުކުރުން ކަމަށާއި، މިގޮތުން ޓެކްސްގެ ނިޒާމް ތައާރަފްކޮށްގެން ސަރުކާރުގެ އާމްދަނީ މީގެ ކުރީގައިވެސް މައްޗަށް ގެންގޮސްފައިވާނެ ކަން ފާހަގަ ކުރެއްވެވިއެވެ. ރައީސް ނަޝީދުވަނީ އޮމަދޫގެ ކެމްޕޭން ޓީމާވެސް ބައްދަލު ކުރައްވާފައެވެ. އަދި އޮމަދޫގައި އެމްޑީޕީގެ ހަރުގެވެސް ހުޅުވައިދެއްވިއެވެ