ބަޣާވާތަށްފަހު ލާމަރުކަޒީ ނިޒާމު ގަޑުބަޑުވެފައިވާކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ވެރިކަން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ބަޣާވާތްކޮށްގެން ވައްޓާލުމަށްފަހު ފާއިތުވީ އަހަރުގެ ތެރޭގައި ލާމަރުކަޒީ އުސޫލު ގަޑުބަޑު ކުރަން ފަށާފައިވާކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ.ކަނޑޫދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ލާމަރުކަޒީ އުސޫލަކީ އެމްޑީޕީގެ ފިކުރެއްކަމަށާއި އެއީ ދެވަނަ އެހެން އެއްވެސް ޕާޓީއެއްގެ ފިކުރުނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޤަނޫނު އަސާސީގައި ލާމަރުކަޒީ އުސޫލުގެ ބާބު ހިމެނުނީ އެމްޑީޕީއާއި އެމްޑީޕީއަށް ތާޢީދުކުރާ މީހުންގެ މަސައްކަތުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޚާއްޞަ މަޖިލިހުގައި ލާމަރުކަޒީ އުސޫލާ ގުޅޭ ބަހުސްތަކުގައި އެމްޑީޕީގެ ވާދަވެރިން ބުނަމުން ދިޔައީ ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމުނެ ލާމަރުކަޒީ އުސޫލަށް ދައުލަތް ނުހިންގޭނެ ކަމުގައެވެ. އަދި އެބޭފުޅުންގެ ވިސްނުމަކީ މާލޭގައި ހުންނަ މީހަކު ރަށްރަށުގައި ކަތީބަކު އައްޔަނުކޮށް އަތޮޅުވެރިން ބައިތިއްބައިގެން ރައްޔިތުން އަޅުވެތިކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބުރަ މަސައްކަތުން ލާމަރުކަޒީ އުސޫލުގެ ބާބު ޤާނޫނު އަސާސީގައި އެކުލެވި ކައުންސިލްތައް އިންތިޚާބު ކުރެވުނު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިހިނގަމުންދާ އަހަރަށް ބޮޑު ބަޖެޓެއް ހުށައެޅި ނަމަވެސް މިއަހަރުގެ ތެރޭގައި ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ކަން މިހެން އޮތްހިނދުވެސް ޓުއަރިޒަމް ޖީއެސްޓީ 15 ޕަސެންޓަށް އިތުރުކުރަން ހުށައަޅާފައިވާ އިރު އެމްޑީޕީގެ ވެރިކަމުގައި ފަތުރުވެރިކަމުގެ އާމްދަނީން ނެގޭ ޓޭކްސް އިތުރު ނުކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގެ އަމާޒަކީ ތަރައްޤީކަމަށާއި ވެރިކަމުގެ އަސާސް ބިނާވެފައި އޮންނާނީ މާތްވެގެންވާ އިސްލާމްދީނުގެ މައްޗަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހީންގެ ހިތްތަކުގައި އެންމެ މަތިވެރިކަން ދީފައިވަނީ އިސްލާމްދީނުގެ މައްޗަށްކަމަށާއި އިސްލާމްދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ސިޔާސީ މަޤްޞަދު ހާސިލްކުރުމަށް ބޭނުންކުރަމުން އަންނަކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަކީ ދިވެހީން އެއްވެސް ޙާލެއްގައި ބޭނުންނުވާނެ ކަންކަންކަމަށާއި އަދި ދިވެހީން އެދޭ ގޮތްނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހީންނަށް މިއަދު ތަންދޮރު އޮޅުންފިލާކަމަށާއި ޝޭޚުންގެ ގޮތުގައި ތާކިހާ އަޅައި ފަގުޑި އަޅައި ސިޔާސީ ފުރުޞަތު ހޯއްދަވަން އުޅޭ މީހުންނަކަށް ދިވެހީން ތަންނުދޭނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކަނޑޫދޫގައި ރޭ ދެއްކެވި ވާހަކަފުޅުގައި ހައްދަފަހަނައަޅާފައިވާ ވަތަނީ ކިބުރުވެރިކަމުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅޭނެ ކަމަށާއި ދިވެހިންގެ މިލްކުގައިވާ އެއްޗެއް އަތުގައި ބޭއްވުމުން ރަންގަނޑެއްވެސް ވާނީ ހިލަގަނޑަކަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ކުރިމަތިވާނެ އެންމެ މުހިއްމު ދުވަސްތައް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “90 ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ މިސްރާބު، އަޅުގަނޑުމެންގެ މަންޒިލް މިނިންމަނީ. ބޭނުމީ މަޑުދުވެލިގައި ތިބެންތޯ؟ ނުވަތަ އަވަސް ތަރައްގީތޯ؟ މުޅިރާއްޖެ މިޖަވާބު ދެމުން – ބޭނުންވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވެރިކަން އިއާދަވުމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސްޕީޑަކީ 3 ފޫޓުގެ ފިޔަވަޅުކަމަށާއި މަޑުން ތިބޭނެ، ހުއްޓިފައި ތިބޭނެ ޕާޓީއެއްނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.