ނަންބަރު:MDP-2013-PR-40
ތާރީޚް: 5 ޖޫން 2013 (ބުދަ)
ބަހަނާއެއް ކުރިމަތި ކުރުވައިގެން އައިޑީކާޑް ހެދުން ހުއްޓާލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ގިނަ ޢަދަދެއްގެ ބަޔަކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު)ހެދުމަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ބަހަނާތަކެއް ކުރިމަތި ކުރުވައިގެން ކާޑު ހެދުން ހުއްޓާލުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ވަރަށް ކަންބޮޑުވާ ކަމެކެވެ.
ގިނަ އަދަދެއްގެ ބަޔަކު އައިޑީ ކާޑޫ ހެދުމަށްޓަކައި ނެޝަނަލް ރެޖިސްޓްރޭޝަންއަށް ގޮސްތިއްބާ އައިޑީ ކާޑު ހަދަދޭ ޔުނިޓުގެ ކައުންޓަރުތަކުގައި ހިދުމަތް ދޭން ތިބި މުވައްޒަފުން މަސައްކަތް ހުއްޓާލައި ނިކުމެ ހިދުމަތް ދެވެން ނަތްކަމަށް ބުނެ ހިދުމަތް ހުއްޓާލުން މިއީ އާއްމު ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑެ ބޭއިންސާފެއްކަމުގައި މިޕާޓީއިން ދެކެމެވެ. އަދި މިޕާޓިއިން ޤަބޫލުކުރާ ގޮތުގައި މިކަމަކީ ވޯޓަށް ނުފޫޒު ފޯރުވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ތިބި އެތައް ދިވެހި ރައްޔިތަކު ވޯޓުލުމަށް ހުރަސް އެޅުމަށް ރާވައިގެން ހިންގާ ދަށު ދަރަޖައިގެ ފިނޑި ޢަމަލެއްކަމާއި، އަދި މިކަމުން ދިވެހި އެތައް ރައްޔިތެއްގެ އަސާސީ ޙައްގު ގެއްލިގެންދާނެ ކަމެއްކަމުގައި މި ޕާޓީއިން ދެކެމެވެ. އަދި މިފަދަ ކަންތައްތައް މީގެ ކުރިންވެސް މިސަރުކާރުން ވަނީ ކޮށްފައެވެ. މިގޮތުން ފުލުހުންނަށް ވޯޓުލުމުގައި ޚާއްޞަގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރިކުރުން މިކަމުގެ ހެއްކެއްގެ ގޮތުގައި މި ޕާޓީއިން ފާހަގަކުރަމެވެ.
ނެޝަނަލް ރެޖިސްޓްރޭޝަންގެ އޭސީތައް ހަލާކުވެފައި ހުންނަތާ ހަތަރު ވަރަކަށް ދުވަސް ވެއްޖެކަމާއި، މި ދުވަސްތަކުގައި ވެސް ހުރިހާ ކައުންޓަރުތަކުން ހިދުމަތް ނުދެވޭ ކަން އެއީ މި ޕާޓީއިން އެއްގޮތަކަށްވެސް ޤަބުލު ކުރާނެކަމެއްނޫން ކަމާއި، އަދި އިންތިޚާބީ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާތިބި މީހުންގެ ގިނަ ބަޔަކަށް އަދިވެސް ސިޔާސީ ބޮޑެތި މަޤާމުތައް ދެމުންދާއިރު ދުވަހުން ދުވަހަށް ކޮށްދޭން ޖެހޭ ކަންތައްތަކާއި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް މެދު ކެނޑޭކަން މިއީ މި ސަރުކާރުގެ ނުކުޅެދުންތެރިކަން ވަންހަނާ ކުރެއްވުމަށް ހިންގަވާ ރޭވުންތައް ހާމަވާ ވަރަށް ބޮޑު ހެއްކެކެވެ.
މިދަނޑިވަޅަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުދޭން ތިބި އެތައް ބަޔަކު އައިޑީކާޑު ހެދުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ކަމަށާއި، އަދި އަތޮޅުތަކުންވެސް ގިނަ ޢަދަދެއްގެ ބަޔަކު އައިޑީކާޑު ހެދުމަށް މާލެ އަންނަމުންދާ ދުވަސްވަރެއް ކަމަށާއި، މީގެ އިތުރުން ކުރިއަށް އޮތީ ސްކޫލްތައް ބަންދުވެ ޗުއްޓީ ދުވަސްވަރުކަމުން ގިނަ ޢަދެއްގެ ބަޔަކު އައިޑީ ކާޑު ހެދުމަށް އަންނާނެ ކަމުން މިހާރުން މިހާރަށް އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަށް ފެއްޓުމަށް ކުރަންވަންޖެހޭ ހުރިހާކަމެއް ކުރެއްވުމަށް ދައުލަތުގެ މުއައްސަސާތަކަށައި މިކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކަށް މި ޕާޓީއިން ގޮވާލަމެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް