ތިންބާރު ވަކިވުމާއި ވިސްނުމުގެ އަރައިރުން

ތިންބާރު ވަކިވެއްޖެ ވާހަކަ އެންމެންވެސް ދައްކައެވެ. އެއީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި ސަރުކާރު ހިންގުމުގެ ބާރާއި، އަދްލުއިންސާފުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރު ވަކިވެފައިވާތީއެވެ. ނަމަވެސް އަޅުގަނޑުމެންނަށް މިކަން ފަހުމް ވެފައި ނުވަތަ ތަރުޖަމާ ކުރެވިފައި ވަނީ ކިހާ މިންވަރަކަށް ބާވެއެވެ. ޚުދު މަޖިލިހަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށެވެ.

ދައުލަތަށް ނިސްބަތްވާ ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުމަކީ އެ ދައުލަތެއް ހިންގާ ސަރުކާރެއްގެ ހަމައެކަނި މަސްއޫލިއްޔަތެވެ. އެ ޚިދުމަތްތަކަކީ ކާނާއާއި ބޯފެން، ބޯހިޔާވަހިކަން، ސިއްހީ ފަރުވާ ދަތުރުފަތުރު، ތައުލީމު އަދި އަމިއްލަ ނަފްސާއި މުދަލުގެ ރައްކާތެރިކަން ދިނުމާއި ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ މުދައު ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުން ފަދަ ކަންކަމެވެ. މިކަންކަން ރައްޔިތުންނަށް ލިބި ދިނުމަށް ސީދާ ނުވަތަ ނުސީދާ ދައުރެއް ސަރުކާރަށް އަދާކުރެވިދާނެއެވެ. ސީދާކޮށް ކުރާނަމަ ސްކޫލްތައް ހިންގުމާއި ހޮސްޕިޓަލްތައް ހިންގުމާއި ފިހާރަ ހިންގުމާއި ގެދޮރު އެޅުމާއި ޓެކްސީ އާއި ފެރީ ދުއްވުން ފަދަ ކަންކަން ކުރާނީ ސަރުކާރުންނެވެ. ނުސީދާކޮށް ކުރާނަމަ އެކަންކަން ކުރާނީ އަމިއްލަ ކުންފުނިތައް މެދުވެރިކޮށެވެ. ނުސީދާކޮށް ކުރާއިރު ސަރުކާރުން ކުރާނެ ކަމަކީ ހަމައެކަނި އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބިދޭންޖެހޭނެ ފެންވަރެއް ނުވަތަ މިންގަޑުތަކެއް ކަނޑައަޅައި ރައްޔިތުންގެ މަޖިލިހުން އެކަންކަމަށް ފާސްކުރާ ގާނޫނުތަކުގެ ޚުދޫދުތަކުގެ ތެރޭގައި އެ ޚިދުމަތްތައް ލިބިދެވޭތޯ ބަލަމުން ގެންދިޔުމެވެ. އަދި އެ ޚިދުމަތްތައް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ލިބިދިނުމަށް ކުންފުނިތަކަށް ސަބްސިޑީޒް ދިނުން ނުވަތަ އެފަދަ ފައިސާއެއް ރައްޔިތުންގެ އާމްދަނީއަށް ވަންނާނެ ގޮތަކަށް އިންތިޒާމް ކުރުމެވެ.

ކަން މިހެން އޮތްއިރުވެސް މަޖިލިހަށް ކުރިމަތިލައްވާ މެމްބަރުންގެ ދައްކަވަމުން މިގެންދަވަނީ ވަރަށް ހެއްވާ ވާހަކަތަކެކެވެ. ތިމަންނަ މަޖިލިހަށް ހޮވިއްޖެނަމަ މި ރަށުގައި ނުހެދިގެން އުޅޭ އެއާޕޯޓް އަޅައިދޭނަމެވެ. ތިމަންނަ މަޖިލިހަށް ހޮވިއްޖިއްޔާ މިރަށުގައި ޒަމާނީ ހޮސްޕިޓަލެއް ހަދައިދޭނަމެވެ. ތިމަންނަ މަޖިލިހަށް ހޮވިއްޖިއްޔާ މި ރަށުގެ މީހުން އެރިއުޅެން ސްވިމިންގ ޕޫލެއް ހަދައިދޭނަމެވެ. ތިމަންނަ މަޖިލިހަށް ހޮވިއްޖިއްޔާ މިރަށު މިސްކިތުގައި ލައުޑް ސްޕީކަރެއް ބަހައްޓައިދޭނަމެވެ.

މިފަދަ ވާހަކަތައް މަޖިލިހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފަރާތުން އިވުމުން އެއިން ވަރަށް ގިނަ ކަންތައްތަކެއް ދޭހަކޮށްދެއެވެ. ފުރަތަމައީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދައުރު ރައްޔިތުންނަށް އޮޅުވާލުމެވެ. ދެވަނައީ ސަރުކާރުން ލިބިދޭންޖެހޭ ޚިދުމަތްތައް ނުލިބިވާ އަދި މަޖިލިހުގެ މެމްބަރުންގެ ދައުރު ރަގަޅަށް ނޭގި ތިބި ރައްޔިތުންގެ ނާޖާއިޒް ފައިދާ ނެގުމެވެ. ތިންވަނައަށް ދައްކާނެ އެހެން ވާހަކައެއް ނޭގޭ ކަމެވެ. ނުވަތަ ގާނޫނު އަސާސީގައި އޮތް އެއްޗެއްވެސް ކެންޑިޑޭޓުންނަށް އޮޅުން ފިލާފައި ނެތުމާއި ނޭނގޭކަމެވެ.

ރާއްޖޭގައި މިހާރު މިއޮތީ ރިޔާސީ ނިޒާމެކެވެ. އެ ނިޒާމުގައި ސަރުކާރުގެ ވަޒީރުން މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭނެއެވެ. ނަމަވެސް ބައެއް ކެންޑިޑޭޓުން ވާހަކަ ދައްކަވާއިރު ރާއްޖޭގައި މިއޮތީ ބަރުލަމާނީ ނިޒާމެއް ކަމަށް ހީވާ ކަހަލައެވެ. އެއީ އެކި ރަށްރަށަށް މިވެނި، އެވެނި ކަމެއް ކޮށްދޭނަމޭ ނޫނީ ސިއްހީ ނުވަތަ ތައުލީމީ ނުވަތަ ވަޒީފާގެ މައިދާނުގައި މިވެނި ކަމެއް ކޮށްދޭނަމޭ ބުނަމުން ދާތީއެވެ. ރިޔާސީ ނިޒާމެއްގައި މަޖިލިހުގެ މެމްބަރުންގެ ހަމައެކަނި މަސްއޫލިއްޔަތަކީ ގާނޫނު ހެދުމެވެ. ސަރުކާރު ޒިންމާދާރު ކުރުވުމަކީ ހަމައެކަނި މަޖިލިސް މެމްބަރުންގެ ކަމެއް ނޫނެވެ. މުސްތަގިއްލު ކޮމިޝަންތަކާއި މީޑިޔާއާއި އަމިއްލަ ޖަމާއަތްތަކާއި ރައްޔިތުންނަށްވެސް އެކަން ކުރެވޭނެއެވެ. ވީމާ މަޖިލިހުގެ މެމްބަރުންނަކީ އާންމުންނަށް ޚިދުމަތްދީ އުމްރާނީ ކަންކަން ކޮށްދޭ ބަޔެކޭ ހީވާގޮތަށް ވާހަކަތައް ފަތުރައި ކެންޕޭން ކުރުމަކީ ދައުލަތް ހިންގާ ބާރު ނުވަތަ ސަރުކާރުގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް މަޖިލިހުން އުދުޅިބާނާ ނުފޫޒު ފޯރުވުމެވެ. ނަމަވެސް މިއާއި ޚިލާފަށް ބަރުލަމާނީ ނިޒާމެއްގައި މަޖިލިހުގައި ވަޒީރުން ހިމެނޭތީ އެފަދަ ނިޒާމެއްގައި މިދެންނެވި ޒާތުގެ ވާހަކަ ދެއްކުމަކީ ދެކޮޅުޖެހޭ ކަމަކަށް ވެދާނެއެވެ.

ރާއްޖޭގައި މިހާރު މިއޮތް މާހައުލުގައި ރިޔާސީ ނިޒާމެއްގެ ތެރޭގައި ވެރިކަން ހިންގަމުން ދާއިރު ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނީ މަޖިލިހުގައި އެމްޑީޕީގެ އަޣްލަބިއްޔަތެއް ބޭއްވުމެވެ. މިކަމުގައި އެއްވެސް ޝައްކެތް ނެތެވެ. ސަރުކާރު ވެރިކަމަށް އައިސްފައިވަނީ 5 ކަމަކަށް ވައުދުވެ އެ ވައުދުތައް ރައްޔިތުން ބަލައިގަތުމުންނެވެ. ވީމާ ސަރުކާރަކަށް ވެރިކަމުގައި އޮވެވޭނީ އެ ވައުދުތަކާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ އެބައިމީހުންގެ އަޑުއަހައިގެންނެވެ. ސަރުކާރުން ކުރަމުން ގެންދާ ހުރިހާ ކަމަކަށް ފާރަވެރިވާނެ މުސްތަގިއްލު ކޮމިޝަންތަކާއި މިނިވަން މީޑިޔާއެއް މިހާރު އެބައޮތެވެ. ވީމާ ޒިންމާދާރު ކުރުވުމުގެ ބައި ކޮމިޝަނުންތަކުންވެސް ކުރާނެއެވެ. އަނެއްކޮޅުން މަޖިލިހުގެ ގޮނޑިތަކަށް މެމްބަރުން ހޮވެނީ ރައްޔިތުންގެ ވޯޓަކުންނެވެ. ވީމާ އެ ގޮނޑިތަކަށް މެމްބަރުން ހޮވެން ބޭނުންނަމަ ޖެހޭނީ އެމީހަކަށް ވޯޓުދިން ބައެއްގެ ރުހުންވެސް ހޯދާށެވެ. މީގެ އިތުރުން ރައްޔިތުންގެ ޚަރަދުތައް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހުންނާނީ ސަރުކާރުގެ ބެލެމުގެ ދަށުގައެވެ. ވީމާ ސަރުކާރުގެ ސިޔާސަތުތަކަކީ އެމްޑީޕީގެ ސިޔާސަތުތަކަށްވެފައި މަޖިލިހުގައި ތިބޭ އެމްޑީޕީގެ މެމްބަރުންނަކީވެސް އެ ސިޔާސަތުތަކުން ބަނދެވިފައި ތިބި ބަޔަކަށް ވުމާއެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ގާނޫނުތައް އޮމާންކަމާއެކު ފާސްވެގެންދާނީ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުން ތިބުމުންނެވެ. އެ ގާނޫނުތަކުގައި މައްސަލަތަކެއް ހުރިނަމަ އެކަން ސަމާލުކަމަށް ގެނައުމަށް މީޑިޔާ އާއި އަމިއްލަ ޖަމާއަތްތައް ނުވަތަ ސިވިލް ސޮސައިޓީ އަނެއްކާވެސް އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ 2009 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ލާމަރުކަޒީބިލާއި ބަޖެޓް ފާސްކުރުމުގެ ޖަލްސާތަކުގެ ޔައުމިއްޔާ ކިޔާލުމުންވެސް މަޖިލިހުގެ މެމްބަރުންނަށް މަލްޓިޕާޓީ ޑިމޮކްރެސީއާއި ތިންބާރާމެދު އޮޅުން އަރާފައިވާ މިންވަރު ދޭހަވެއެވެ. ސަރުކާރު ވެރިކަމަށް އައިސްފައިވަނީ އެމްޑީޕީގެ މެނިފެސްޓޯއާއި ރިޔާސީ 5 ވައުދުގައި ވާކަންކަން ރައްޔިތުން ބޭނުންވާތީއެވެ. އެހެންކަމަށް ވުމާއެކު ސަރުކާރުގެ ބަޖެޓް އެކުލަވާލާފައި އެވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް ބިނާކޮށެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް އޮތީ ސަރަހައްދުތަކަކަށް ބައިކޮށް ޕްރޮވިންސް ތަކެއް ފަދައިން ހިންގުމަށް ނިންމާފައެވެ. ވީމާ އެމްޑީޕީގެ އިއްތިހާދުން ވޯޓު ދިން ހުރިހާ އެންމެންގެ ވޯޓުން 7 ސަރަހައްދަކަށް ރާއްޖޭ ބައިކޮށްލުމަކީ ފެންނަ ކަމެއްކަން އެވަނީ ޔަގީން ކޮށްދީފައެވެ.
ދެން އޮތީ ބަޖެޓެވެ. ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް އެކި އޮފީސްތަކުން ދިރާސާތައް ކޮށް އެކުލަވާލާފައިވާ ބަޖެޓެކެވެ. ނަމަވެސް މަޖިލިހުގެ ތަޅުމަށް ބަޖެޓު ހުށަހެޅުމުން އެކި މެމްބަރުން އެމީހަކު ތަމްސީލުކުރާ އަތޮޅުގެ ކަންކަން ކުރުމަށް އެކި މިންވަރުގެ ފައިސާ ނުވަތަ ރައްޔިތުންނަށް އެވެނި ކަމެއް ނުވަތަ މިވެނި ކަމެއް ކޮށްދޭން ބޭނުމޭ ބުނެ އެއް ކަމަކަށް ލާފައި ހުންނަ ފައިސާ އަނެއް ކަމަކަށް ގެންގޮސް ވޯޓުލާތަން އެބަ ފެނެއެވެ. މިކަން މިހެން ކުރާނަމަ މަޖިލިހުގެ މެމްބަރުންނަށް އެ ބެހެވެނީ ސަރުކާރުގެ މަސްއޫލިއްޔަތާއެވެ. ނުވަތަ ގާނޫނު ހިންގާ ބާރުން ދައުލަތް ހިންގާ ބާރަށް ނުފޫޒު ފޯރުވަނީއެވެ. ކެންޑިޑޭޓުން ވައުދުވެވަޑައިގަންނަވާއިރު އެކަން އެކުރައްވަނީ ހަގީގީ މައުލޫމާތުގެ އަލީގައިތޯ ތިޔަބޭފުޅުން ވިސްނަވާށެވެ. ބަހުރުވަ ބޭނުންކުރައްވައިގެން ހަގީގަތް އޮޅުވާލެއްވުމަށް މަސައްކަތްކުރައްވާ ކެންޑިޑޭތުންވެސް މަދެކޭ ނުދެންނެވޭނެއެވެ. ތިންބާރު މަސައްކަތްކުރާ ހަމަތަކަކީ ކޮބައިތޯ ގާނޫނު އަސާސީން އެގެން އެބައޮތެވެ. (ނިމުނީ)