ނޫސްބަޔާން: މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަދި މި ޕާރޓީގެ ސްޕޯކްސް ޕާރސަން އިމްތިޔާޒް ފަހުމީގެ މައްޗަށް ކޯޓުގެ ޙުރުމަތްކެނޑިކަމަށް ހުށަހެޅި މައްސަލަ ކުށްވެރިކުރުން

noosbayan

ނަންބަރު:MDP-2013-PR-39
ތާރީޚް: 4 ޖޫން 2013 (އަންގާރަ)

މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަދި މި ޕާރޓީގެ ސްޕޯކްސް ޕާރސަން އިމްތިޔާޒް ފަހުމީގެ މައްޗަށް ކޯޓުގެ ޙުރުމަތްކެނޑިކަމަށް ހުށަހެޅި މައްސަލަ ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ އަދި މި ޕާރޓީގެ ސްޕޯކްސް ޕާރސަން އިމްތިޔާޒް ފަހުމީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅުވައި، އެމަނިކުފާނު ޝަރުޢީ ކޯޓުތަކުގެ ޙުރުމަތް ކެނޑުއްވިކަމަށް ބުނެ ސްޕްރީމް ކޯޓުގެ އެދުމުގެމަތިން އެމަނިކުފާނުގެ މައްޗަށް ޕްރޮސިކިޔުޓަރ ޖެނެރަލް ޖިނާޢީ ކޯޓަށް ދައުވާކޮށް މައްސަލަ ހުށަހަޅާފައިވާތީ، މި ޕާރޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އިމްތިޔާޒް ފަހުމީގެ މައްޗަށް މިދެންނެވި ދައުވާ އުފުލާފައިވަނީ، ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް އދ. އިން ކަނޑައަޅުއްވާފައިވާ ޚާއްޞަ ރެޕަޓުއަރ މިސް ގެބްރިއެލާ ކްނައުލް އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުއްވި ރިޕޯރޓުގައި ރާއްޖޭޖޭގެ ޝަރުޢީ ނިޒާމާ ބެހޭގޮތުން ފާހަގަކުރައްވާފައިވާ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން އެކަމުގެ މައްޗަށް އިމްތިޔާޒު ފަހުމީ މިޕާރޓީގެ ފަރާތުން އިއްޔެ (3 ޖޫން 2013 ވަނަ ދުވަހު) ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި މަޖިލީހުގައި އެކުއްލި މައްސަލައަށް ބަހުސްކުރެވިފައިވަނިކޮށެވެ. އަދި އިމްތިޔާޒު ފަހުމީގެ މައްޗަށް ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ވެސް ހަމަ އެދުވަހުގައިކަން ފާހަގަކުރަމެވެ. އެހެންކަމުން އެއީ އިއްތިފާގެއްކަމަށް ބެލެވުމަށްވުރެ ބޮޑަށް ރޭވިގެން ހިންގާ ބިރުދެއްކުމެއްކަމަށް ބެލުމުގެ ޖާގަބޮޑުކަމުގައި މި ޕާރޓީއަށް ދެކެމެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާ ބެހޭގޮތުން ރައްޔިތުންނާއި ބައިނަލް އަޤުވާމީ ފަރާތްތަކުން ތަކުރާރުކޮށްގެންދަނީ ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން އެންމެ ފަހުން އދ. ގެ ޚާއްޞަ ރެޕަޓުއަރ ގެ ރިޕޯރޓުގައި ވެސް ބޮޑެތި ކަންބޮޑުވުންތައް ވަނީ ފާހަގަކުރައްވާފައެވެ. އެކަންތައްތަކުގެ ތެރޭގައި ކޯޓުގެ ޙުރުމަތްކެނޑުންކަމަށް ބުނެ އޭގެ ބޭނުން ހިފައިގެން ވަކީލުންގެ އަނގަ ބަންދުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސްޕްރީމް ކޯޓުން އަރައިގަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޕްރޮސިކިޔުޓަރ ގެނެރަލް ވަކި އަތަކަށްޖެހިގެން ވަކި ފަރާތްތަކަކަށް އަމާޒުކޮށްގެން ދައުވާއުފުލާކަމާއި، ފަނޑިޔާރުންގެ މިނިވަންކަމުގެ މަފުހޫމު ހުދު ފަނޑިޔާރުންނަށްވެސް އެގިވަޑައިނުގަންނަވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ވަރަށް ގިނަ މައްސަލަތަކުގައި ސްޕްރީމް ކޯޓުން “ޑިއު ޕްރޮސެސް” އަށް އަމަލުކޮށްފައިނުވާކަމާއި، އަމިއްލަ މަންފާއަށްޓަކައި ސްޕްރީމް ކޯޓުން ވަރަށް ޚުދުމުހުތާރު ގޮތެއްގައި އަމަލުތައްކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އެމް.ޑީ.ޕީގެ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ އަދި މި ޕާރޓީގެ ސްޕޯކްސް ޕާރސަން އިމްތިޔާޒް ފަހުމީގެ މައްޗަށް ސްޕްރީމް ކޯޓުގެ އެދުމުގެމަތިން ޕްރޮސިކިޔުޓަރ ޖެނެރަލް ދައުވާ އުފުލާފައިވަނީ މިރާއްޖޭގެ ޝަރުޢީ ނިޒާމް މިނިވަންކޮށް ރަނގަޅުކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތަށް ހުރަސް އަޅައި ބިރުދެއްކުމުގެ ގޮތުންކަމަށް މި ޕާރޓީން ދެކެމެވެ.

އެމް.ޑީ.ޕީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް މިނިވަންކޮށް އަދި ހަރުދަނާކުރުމަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކޮށް އެމޭރުމުން މަސައްކަތްކުރާ ޕާރޓީއަށްވީހިނދު، މި ޕާރޓީން ހެޔޮ ނިޔަތުގައި ކުރަމުންގެންދާ މަސައްކަތަށާއި، މުޅި ދުނިޔެއަށާއި އަދި އިންސާފަށް ގޮންޖަހައި، މި ޕާރޓީގެ އިންތިޚާބީ މެމްބަރުންގެ މައްޗަށް ނުޙައްޤު ދަޢުވާކުރުމާއި ބިރުދެއްކުން ކުއްޓާލުމަށް މި ޕާރޓީން ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް