ރާއްޖޭގައި ނެގުނު އެމްޑީޕީގެ އެންމެ ބޮޑު ދިދަ ތ. އަތޮޅު ގުރައިދޫގައި ނަގައިފި.

މިހާތަނަށް ރާއްޖޭގައި ނެގުނު އެމްޑީޕީގެ އެންމެ ބޮޑު ދިދަ ތ. އަތޮޅު ގަުރައިދޫގައި ނަގައިފިއެވެ. އިިއްޔެ ހަވީރުގެ ވަގުތުގައި މި ބޮޑު ދިދަ ނަންގަވައިދެއްވީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ. ތ. އަތޮޅު ގުރައިދޫގައި ރައީސް ނަޝީދު ނަންގަވައިދެއްވި އެމްޑީޕީގެ ދިދައަކީ މިހާތަނަށް ރާއްޖޭގައި ނެގިފައިވާ އެންމެ ބޮޑު އެންމެ އުސް ދިދަ ކަމަށް މެދު ދެކުނު ޕްރޮވިންސްގެ އެމްޑީޕީގެ ރައީސް އަހްމަދު މުޖްތަބާ ވިދާޅުވިއެވެ.

މުޖްތަބާ ތ. އަތޮޅުގެ އެމްޑީޕީގެ ހާލަތު އޮތްގޮތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްޑީޕީއަށް ވަރަށް ބޮޑު ތާޢީދެއް ތ. އަތޮޅުން ދަނީ ލިބެމުންކަމާއި، އެމްޑީޕިގެ ވަފުދު )ރައީސް ނަޝީދުއާއި ވަފުދު( އަރާވަޑައިގަންނަވާ ކޮންމެ ރަށަކުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ވަރަށް ބޮޑު ތާއީދެއްކަމާއި، ތ. ބުރުނީއިން ފެނިގެންދިޔައީ އެމްޑީޕީއަށް ނިސްބަތްވާ ކުރިގެ ކައުންސިލަރެއް ޖުމްހޫރީ ޕާޓީއަށް ބަދަލުވެފައި އަނެއްކާ އެނބުރި އެމްޑީޕީއާއި ގުޅިވަޑައިގެންނެވިތަން އަދި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަރަށް ގިން އާއްމު މެމްބަރުންވެސް މިހާރު މިދަނީ އެމްޑީޕީއާ ގުޅޭތަން، އެހެންވީމާ އެމްޑީޕީއަށް މިއަތޮޅުން ފެނިގެން މިދަނީ ވަރަށް އުއްމީދީ ތަސައްވުރެއްކަމާއި، ގުރައިދުއިން ރައީސް ނަޝީދުއަށާއި ވަފުދަށް މަރުޙަބާ ކިޔުމަށް އެހެން ފަހަރުތަކާ ޙިލާފަށް މާގިނައިން މީހުން ނުކުއިންކަން ފާހަގަކުރެއްވިއެވެ.

އިއްޔެ ބުރުނީގައި އެމްޑީޕިގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވަރަށް މުޙިންމު ޕޮލިސީއެއް އިއުލާނު ކުރެއްވިކަމާއި، މި ޕޮލިސީ އިިއުލާނު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުން ކިޔަވަންދާ ކުދިންނަށް، މަތީ ތައުލީމް ހާސިލް ކުރުމަށް އެހެން ރަށްރަށަށް ދާ ކުދިންނަށް ފުރުސަތު ދޭނެކަމަށައި، އަދި އެކުދިން ތިބުމަށް ހޮސްޓެލްތައް ޤާއިމު ކޮށްދެއްވާނެކަމެށެވެ. ކުރިޔަށް މި އޮތް ދައުރުގައި އެމްޑީޕީ ވެރިކަމަށް އައުމާ އެކު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގަ ހަޔަރ ސްޓަޑީޒްއަށް ކިޔެވުމުގެ ފުރުސަތު މިހާރަށް ވުރެ ފުޅާކޮށްދެއްވާނެކަމަށައި، އަދި އެކުދިންނަށް ކުރަންޖެހޭ ޙަރަދު ދައުލަތުން ކުރާގޮަތަށް ހަމަޖައްސަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިކަމަށެވެ.
މި މޭރުމުން ރައީސް ނަޝީދު ވާހަކަފުޅު ގެންދަވަމުން ވިދާޅުވީ، މިހާރު ދިވެހިރާއްޖޭގައި ފެނިގެން މިދަނީ އިޖްތިމާއީ ދާއިރާތައް، ޙާއްސަކޮށް ތައުލީމުގެ ދާއިރާއަށް ކުރެވޭ ޙަރަދު މަދުވެ، މިހާރު ތަޢުލީމުގެ ޙިދްމަތުގެ ފެންވަރު ދައްވަމުން މިދާ އެންމެ ބޮޑު އެއްސަބަބެއްކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވެނީ، ވެރިކަން ދެމެހެއްޓުމަށްޓަކައި މިހާރު މިއޮތް ސަރުކާރު ދައުލަތަށް ލިބޭ ފައިސާ ނަހަމަގޮތުގަ ބޭނުންކޮށް ފައިސާ ބޭކާރު ކުރަމުންދާތީވެކަމަށެވެ. އެހެންވީމާ އެކަންތައްތައް އިސްލާޙް ކުރެއްވުމަށް އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.

އެމްޑޕީއަށް ވަރަށް ބޮޑު ސަޕޯޓެއް ތ. އަތޮޅުން އިތުރުވެފައިވާ ކަމާއި، ވިލުފުށީން ވެސް އެމްޑީޕީއަށް ލިބޭ ތާއީދު އެއްދުވަހުން އަނެއްދުވަހަށް މިދަނީ ބޮޑުވަމުންކަމާއި، މިހާރު ތ. އަތޮޅުން މި ފެންނަ އުފާވެރި މަންޒަރުން 60% އެމްޑީޕީއަށް ލިބޭނެކަމާއި، އަޅުގަނޑުމެންގެ ގިނަ ރައްޔިތުންނެއް ސަރުކާރު ވެއްޓިގެން ދިޔަ ގޮތް ޤަބޫލެއް ނުކުރާކަމާއި، މީހުން އެހާބޮޑު މަސައްކަތެއްކޮށް، ގުރުބާން ވެގެން ޑިމޮކްރަސީ ޤާއިމް ކުރުމަށްފަހު ޑިމޮކްރަސީ ބީވެގެންދާނެކަމަކަށް އަދި ރައްޔިތުންގެ ކުރިމަތީގައި އެގޮތަކަށް ސަރުކާރު ވެއްޓިގެން ދާކަން ރައްޔިތުންނެއް ބޭނުމެއްނުވާކަމާއި، މިހާރު ފެނިގެން މިދަނީ އަޅުގަނޑުމެންގެ މެމްބަރުންނަށް ނުވާ ވަރަށް ގިނަ ޒުވާނުންތަކެއް އެމްޑީޕިގެ މެމްބަރުންނަށް ވަމުންދާތަންކަމާއި، މިކަން މިހެން މި ދިމާވަނީ އެމްޑީޕި ސަރުކާރު ހިންގި ދުވަސްވަރު އެމްޑީޕީއިން ރައްޔިތުންގެ ލާބައަށް ކަންތައްތައް ކޮށްދިން ގޮތާއި މީޑިއާ މެދުވެރިކޮށް އެމްޑީޕީއާއި ދެކޮޅަށް އިދިކޮޅު މީހުން ދައްކާ ވަހަކަ ޤަބޫލު ނުކުރެވޭތީއާއި، ވަރަށް ދަށު ދަރަޖައަކަށް މީޑިއާގަ އެމްޑީޕީގެ ސަރުކާރާއިބެހޭ ގޮތުން އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ނުކޮށް ދައްކަމުންދާ ވާހަކައާހެދިކަމާއި، މި ހިރަ ކަންކަމާއި ހުރެ މިއަދު އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ އެމްޑީޕީއާ ރައްޔިތުން ގުޅެމުންދާތަންކަމުގަ މުޖްތަބާ ވިދާޅުވިއެވެ.