ސިޔާސީ ޕާޓީގެ ވެރިކަން

(ޚަބަރު ސިޓީ ވޮލިއުމް 01، ނަންބަރު 10 ގައި ޝާއިޢުކޮށްފައި)

ރާއްޖޭގެ ތާރީޚުގައި ވެރިކަން ކުރާ ޕާޓީގެ ނަން ލިބިގަތް ބަޔަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ނުވަތަ އެމްޑީޕީއެވެ. ނިމިގެން ދިޔަ މައުމޫނުގެ ވެރިކަމުގައި އޭނާ ނިސްބަތްވި ޑީއާރޕީއަކީ ވެރިކަން ކުރި ޕާޓީއެއް ކަމުގައި ދެކޭނެ ޖާގައެއް ނެތެވެ. ސަބަބަކީ ވެރިކަމުގައި ހުރި މައުމޫނަށް ސިޔާސީ ޕާޓީތައް ނުހަދާ ދިރިދެމި ނުހުރެވުމުން، ތިމާގެ މީހުންނާ ސަރުކާރު މުވައްޒަފުން އެއްކޮށް ޕާޓީއެއް ހަދައި އެޕާޓީގެ ޒައީމަކަށް އޭނާ ވެ، “ވެރިކަން ކުރަނީ މަގޭ ޕާޓީ” އޭ ބުންޏަސް އެހާ ހިސާބުން ޕާޓީގެ ވެރިކަމެއް ރާއްޖޭގައި ނުފެށެއެވެ. ޕާޓީގެ ވެރިކަމެއް ރާއްޖޭގައި ފެށުނީ 28 އޮކްޓޫބަރގައި އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ގ. ކެނެރީގޭ މުހަންމަދު ނަޝީދު ވެރިކަން ކުރަން ފެށުމުންނެވެ. އެހެންވީމާ މިހާރު ރާއްޖޭގައި މިއޮތީ ޕާޓީގެ ވެރިކަމެވެ. ބައެއް މީހުން ދެކޭގޮތުގައި ތިންޕާޓީ އެކުވެ އުފެދުނު އިއްތިހާދެއްގެ ވެރިކަމެކެވެ. ގިނަ ބަޔަކު ބުރަވާ ގޮތުގައި އެމްޑީޕީގެ ވެރިކަމެކެވެ.

ޕާޓީގެ ވެރިކަމެއް ފެށުނުކަމުގައި ވިޔަސް ރާއްޖޭގެ ގިނަ ބަޔަކަށް ޕާޓީގެ ވެރިކަމެއް ހިގާނީ ކިހިނެއް ކަމެއް ނޭގެއެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ރަޖިސްޓްރީ ވީފަހުން 3 އަހަރަށްވުރެ އިތުރުވެފައިވީ ނަމަވެސް ޕާޓީގެ ވެރިކަމާމެދު މީހުން އަހުލުވެރިކުރެވިފައެއް ނުވެއެވެ. ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ކުދިންނަށް އެކަމާ ބެހޭ މައުލޫމާތެއް ދެވިފައެއް ނެތެވެ. ސިވިލް ސާވިސްގެ މުވައްޒަފުންނަށްވެސް އެފަދަ މައުލޫމާތެއް އެގިފައެއް ނުވެއެވެ. މައުމޫނުގެ ސަރުކާރުގެ މުށުތެރޭގައި ސިވިލް ސާވިސްގެ ގިނަ ބަޔަކު ތަޅުލާފައި ތިބުމުގެ ހަގީގަތަކަށްވީ ރާއްޖޭގެ ނޫސްތަކުގައި ވޭތުވެ ދިޔަ ތިން އަހަރު ލިޔެވިގެންދިޔަ މައުލޫމާތުވެސް އެމީހުންގެ ލޮލުގައި އަޅައިނުގަނެ ދިޔުމެވެ.

2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ކައިރިވަމުން ދިޔައިރު އިންތިޚާބަށް ކެންޕޭން ނުކުރާކަމަށް މައުމޫނު ބުނަމުން ދިޔައެވެ. ނަމަވެސް ސަރުކާރުގެ ފައިސާއާއި މުދައު އަދި ވަގުތު ބޭނުން ކޮށްގެން އޭނާ ކެންޕޭން ކުރަމުން ދިޔައެވެ. ތަންތަން ހުޅުވުމާއި ތަންތަނަށް ޒިޔާރަތް ކުރަމުން ދިޔައިރު ޓީވީ ކްރޫ އޭނާގެ ފަހަތުން ދުވަމުން ގޮސް ބަރާބަރަށް ޓީވީން ފޮޓޯ ދައްކަމުން ދިޔައެވެ. ކެންޕޭން ނުކުރާ ނަމުގައެވެ.

މައުމޫނާ ޚިލާފަށް ރައީސް ނަޝީދު ވިދާޅުވަމުން ދަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އޭނާ ކެންޕޭން ކުރައްވާނެ ކަމުގައެވެ. އަދި އޭނާ ސިޔާސީ މަގާމުތަކަށް ލައްވާފައި ތިއްބެވި އެކިއެކި ބޭފުޅުންވެސް ގެންދަވަނީ ސަރުކާރުގެ ރަސްމީ ގަޑިތައް ނޫން ގަޑީގައި ކެންޕޭން ކުރައްވަމުންނެވެ. މިއީ ގާނޫނާ ޚިލާފް ކަމެއް ނޫނެވެ. މިއީ ޕާޓީގެ ވެރިކަން ހިގަމުންދާއިރު ކުރެވޭނެ ކަންކަމެވެ. މިކަމަކީ މައްސަލައެއް ކަމަށް ދެކި އުޅޭނެ ފުރުސަތެއް މިއަދަކު ނެތެވެ. ރައީސް ނަޝީދާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމަލުތައް މިނެކިރުމަށް މުސްތަގިއްލު ކޮމިޝަންތައް އެއޮތީ ހެދިފައެވެ. ނާޖާއިޒު ކަމެއް ކޮށް ގޯސްމަގުން ކަމެއް ދާނަމަ އެކަމެއް ހޯދާ ހަގީގަތް ހާމަކުރުމަކީ އެފަރާތްތަކުގެ ކަމެކެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އޭނާ ކޮށްދެއްވާނެ ކަމަށް ވިދާޅުވި 5 ވައުދަކައިގެންނެވެ. އަދި އެވައުދުތައް ފުއްދުމުގެ މަސައްކަތް އޭނާ އެގެންދަވަނީ ކުރައްވަމުންނެވެ. އެ ވައުދުތައް ވަށައިގެން ހުރި ކަންކަންވެސް އެގެންދަވަނީ ކުރައްވަމުންނެވެ. އޭގެ މައުލޫމާތުތައްވެސް މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވަމުންނެވެ. އަދި އެ ވައުދުތައް ފުއްދުމުގައި ހުރި ދަތިތަކުގެ ވާހަކަތައްވެސް އޭނާ ގެންދަވަނީ ދައްކަވަމުންނެވެ. މިކަންކަމަކީ ޕާޓީގެ ވެރިކަމުގައި ކުރެވޭނެ ކަންކަން ކަމުގައި އަޅުގަނޑުމެން ދެކެމެވެ.

ޕާޓީގެ ވެރިކަމެއް ފެށިފައިވާއިރު ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ސިޔާސީ މަގާމުތަކުގައި ތިއްބެވި ޕާޓީގެ މެމްބަރުންނާއި އާންމު މެމްބަރުންނަށް އެ މެމްބަރުންގެ ޕާޓީ ހަނދާން ނައްތާލެވޭކަށް ނޯންނާނެއެވެ. ވެރިކަން ވަރުގަދަ ކުރެވޭނީ ޕާޓީވެސް ވަރުގަދަ ވެގެންނެވެ. ޕާޓީ ހިންގުން ހަރުދަނާ ކުރެވޭނީ ޕާޓީގެ ގުނަންތައް ވަރުގަދަ ވެގެންނެވެ. ގުނަންތައް ވަރުގަދަވާނީ އެ ގުނަންތަކުގައި ތިއްބަވާ އެކިއެކި މެމްބަރުންގެ ދައުރު ފުރިހަމަ ވެގެންނެވެ. މިއީ ޕާޓީގެ މެމްބަރުން ވިސްނަންޖެހޭނެ ކަމެކެވެ.

ރާއްޖޭގައި ސިޔާސީ އެތައް ޕާޓީއެއް އުފެދިފައިވާއިރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހިގަމުންދާތީ އަދިވެސް ފެންނަނީ އެމްޑީޕީއެވެ. މިއީ ޕާޓީގެ ވެރިކަމެއް ދެމިއޮތުމަށް ޝައުގުވެރިވާ ފަރާތްތަކުން ވިސްނަންޖެހޭނެ ކަމެކެވެ. ރައްޔިތުންނަށް މަންފާކުރާ ވެރިކަމެއް ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއް އޮތުމުން ކަމަށްވާއިރު ރަގަޅު އޮޕޮޒިޝަނެއް ނުވަތަ އިދިކޮޅު ޕާޓީއެއް އޮތުމަކީ ހަމަ ޔަގީނުންވެސް ޕާޓީތަކުގެ ވެރިކަމެއް ކުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ. އެފަދަ އޮޕޮޒިޝަނެއްގެ ކޮޅުމަތި އަދި ފެންނާކަށް ނެތެވެ. (ނިމުނީ)