ޝްރީލަންކާގައި އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން އިފްތިތާޙް ކޮށްފި.

photo-8

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ “އެއްބުރުން” ކެމްޕެއިންގެ އިފްތިތާޙީ ބައްދަލުވުން މިއަދު )1 ޖޫން 2013-ހޮނިހިރު(ހަވީރު ސްރީލަންކާގައި ބާއްވައިފިއެވެ.

މިއަދު ހަވީރު 4 ޖެހިއިރު ފެށުނު މި އިފްތިތާޙި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި ޝްރީލަންކާގައި އެމްޑީޕީގެ ކެމްޕެއިން ރާވާ ކުރިޔަށް ގެންދާނެ ގޮތާއި، ވޯޓަރ ރެޖިސްޓްރޭޝަންގެ މައުލޫމާތު ދިނުމާއި، އަދި ބައްދަލުވުމުގެ ބައިވެރިންނަށް އެމްޑީޕީއިން މިހާތަނަށް ހާމަ ކޮށްފައިވާ ސިޔާސަތުތަކުގެ މައުލޫމާތުދިނުން ކުރިޔަށްގެންދިޔައެވެ.މީގެ އިތުރުން ޝްރީލަންކާގައި ކެމްޕެއިންގެ މަސައްކަތްތައް ކުރުމަށް ވޮލަންޓިއަރުންގެ ޓީމު އެކުލަވާލެވުނެވެ.

މިއަދުގެ މި ކެމްޕެއިން ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ރައީސް ނަޝީދުގެ ޝްޕެޝަލް އެޑްވައިޒަރ އިބްރާޙިމް ހުސެން ޒަކީއެވެ. އަދި މީގެ އިތުރުން މި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ލީޑަރ އިބްރާޙިމް މުޙައްމަދު ސޯލިހުއާއި، ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އަލީ ސިޔާމުއާއި، ޗެއަރޕާސަންގެ ނައިބު މާލީ އަޙުމަދު މައުސޫމުއާއި، ޕާޓީގެ އިންތިޚާބު ކޮމިޓީގެ މުޤައްރިރު އިބްރާޙިމް ވަޙިދުއާއި އަދި އެމްޑީޕީގެ އެއްބުރުން ކެމްޕެއިންގެ އިންޓަރނެޝަނަލް ކޯޑިނޭޓަރ މަރިޔަމް ސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި” އެއްބުރުން” ކެމްޕެއިންގެ އިފްތިތާޙީ ބައްދަލުވުމަށް ވަރަށް ބޮޑު ތަރްޙީބެއް ލިބުނުކަމަށް ލަންކާއަށް ވަޑައިގެންއުޅުއްވާ އެމްޑީޕީގެ ކެމްޕެއިން ޓީމުގެ ބޭފުޅުން ވިދާޅުވިއެވެ.