ރައްޔިތުންގެ މަޖިލިހުގެ ހަގީގީ ދައުރާމެދު ރައްޔިތުންނަށް އޮޅުމެއް އޮވެގެން ނުވާނެ

(ޚަބަރު ސިޓީ ވޮލިއުމް 01، ނަންބަރ 10)

ތިންބާރުގެ ވާހަކައަކީ ދިވެހީންނަކަށް އައު ވާހަކައެއް ނޫނެވެ. ތިންބާރަކީ ކޮން އެއްޗެއްކަން ނޭގުނު ނަމަވެސް މިހާރު ރާއްޖޭގައި ހިންގާ ގާނޫނު އަސާސީއަކީ ތިންބާރު ވަކިވެފައި އޮންނަ އެއްޗެއްކަން އެންމެންވެސް ދަންނާނެއެވެ. ރާއްޖޭގައި އިޖްތިމާއީ އަދި ސިޔާސީ އިސްލާހަށް މަސައްކަތް ކުރި މީހުންގެ ހިންމަތާ މިންނަތުން ގާނޫނު އަސާސީގައި ވެރިކަމުގެ ތިން ބާރު އެއޮތީ ވަކިކޮށްފައެވެ. ފުރަތަމަ ބާރަކީ ވެރިކަން ހިންގުމުގެ ބާރު ނުވަތަ ސަރުކާރެވެ. ދެވަނަ ބާރަކީ ގާނޫނު ހެދުމުގެ ބާރު ނުވަތަ ރައްޔިތުންގެ މަޖިލިހެވެ. ތިންވަނަ ބާރަކީ އަދްލު އިންސާފުކުރުމުގެ ބާރު ނުވަތަ ކޯޓުތަކެވެ. ހިތާމައަކީ އަޅުގަނޑުމެންގެ މިހާރުގެ ޖީލުތައް އުމުރުގެ އެންމެ ފުރަތަމަ ދުވަހުންވެސް ދިރިއުޅެމުން މިއައީ ތިންބާރު މުށުތެރެއަށް ލައިގެން ހުރި ޚުދުމުޚްތާރު ވެރިއެއްގެ ވެރިކަމުގެ ތެރޭގައި ކަމުން އަޅުގަނޑުމެންގެ ވިސްނުމުގައި އަދިވެސް ތިންބާރު އެއްވެފައި އޮތުމެވެ.

ގައުމެއްގެ އަމާޒަކީ ރައްޔިތުންނެވެ. ގައުމެއްގެ ޖުމްލަ ތަސައްވަރަކަށް ވާނީ އެ ގައުމަކީ އަމިއްލަ ފައިމައްޗަށް ތެދުވެވި ފުދުންތެރި ތާހިރު ދިރިއުޅުމެއް އުޅެމުންދާ އެބައެއްގެ ތެރޭގައި ހިތްހަމަޖެހުމާ ހަމަޖެހުން އޮވެ އުފާވެރިކަމާ ފަސޭހަކަން މަތީ ދިރިއުޅެމުންދާ ބައަކަށްވުމެވެ. ގައުމެއްގައި އެއިރެއްގައި އޮންނަ ސަރުކާރުގެ ދައުރަކީ މިދެންނެވި ތަސައްވަރު ކާމިޔާބު ކުރުމެވެ. މިހާރުއޮތް ސަރުކާރުގެ ހަގީގީ ދައުރަކީ އެއީއެވެ. އެ ތަސައްވަރަށް ވާސިލުވުމަށް ކުރިއަށް އޮތް 5 އަހަރަށްވަނީ 5 ކަމެއް ރައްޔިތުން އިޚްތިޔާރުކޮށްފައެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު ވިދާޅުވަމުންގެންދެވި 5 ވައުދު ފުއްދައިދިނުމުގެ މަސައްކަތެވެ. އެކަންކަން ފުއްދައިދިނުމަކީ މިއަދުގެ ސަރުކާރު އަދާކުރަންޖެހޭ ދައުރެވެ.

ރައްޔިތުންގެ މަޖިލިހުގެ ދައުރަކީ ގާނޫނު ހެދުމެވެ. އެގާނޫނަކީ މިހާރު އަމަލުކުރެވެމުންދާ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި ހިމެނޭ ގާނޫނުތަކެވެ. މިއަހަރުގެ މޭމަހުގެ 9 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ ކުރިން ބޭއްވުނު އިންތިޚާބުތަކާ ވަރަށް ތަފާތު ކަމެކެވެ. ކުރިން 50 ގޮނޑިއަށް މީހުން އިންތިޚާބު ކުރާއިރު މިފަހަރު 77 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރަންޖެހެއެވެ. ކުރިން އިދާރީ ގޮތުން ރާއްޖެ ބައިވެފައިވާ އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ އަދަދަށް ބެލުމެއްނެތި ކޮންމެ އަތޮޅަކަށް 2 ގޮނޑި ދެވިފައި އޮތް އޮތުން މިއަދު މިވަނީ އަތޮޅެއްގައި ދިރިއުޅޭ ކޮންމެ 5000 މީހަކަށް ގޮނޑިއެއް ދީފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލާ ކޮންމެ މީހަކަށްވެސް އެމީހަކު ޖަވާބުދާރީ ވާންޖެހޭ ސަރަހައްދާއި މީހުން މިވަނީ އެހެން މީހަކާ ހިއްސާނުވާގޮތަށް އެމީހަކު ޒިންމާވެވިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބީ ހޫނުގަނޑު ގަދަވަމުން އަންނައިރު މިހާރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ރަށްރަށަށް އަރައި އެކިބާވަތުގެ ކަންކަން ކޮށްދޭނަމޭ ބުނަމުން ދާދިޔުމެވެ. ބޭސް ސިޓީއަށް ބޭސް ނަގައިދިނުމާއި، ބޭސް ދަތުރަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވައިދިނުމާއި، ގެދޮރު އިމާރާތްކޮށްދިނުމާއި ޒުވާނުންގެ ކުލަބުން ބާއްވާ ކުޅިވަރު މުބާރާތްތަކަށް އެހީވުމާ މިޒާތުގެ ކަންކަން ގެންދަނީ ކުރަމުންނެވެ. މި ވިސްނުން މިއަދުވަނީ ބަދަލުވާންޖެހިފައެވެ. އެ ފަދަ ކަންކަން ރައްޔިތުންނަށް ކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ނޫނެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ގާނޫނު ހަދާ ބައެކެވެ. އެ ގާނޫނުތަކަކީ ހުރިހާ ރައްޔިތުންވެސް އަމަލުކުރަން ޖެހޭނެ ގާނޫނުތަކެކެވެ. އެ ގާނޫނުތަކަކީ ގައުމުގެ ވެރިއެއްވިޔަސް ވަޒީރެއްވިޔަސް އަދި ސިފައިންގެ އޮފިސަރެއްވިޔަސް އެއިން ގާނޫނަކާ ޚިލާފުވެއްޖެނަމަ އެމީހަކާމެދު އަދްލުއިންސާފުގެ ނިޒާމުން ފިޔަވަޅު އެޅޭނެ އެއްޗެކެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރާއިރު މަޖިލިސް މެމްބަރުންގެ ހަގީގީ ދައުރާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހެއެވެ. މަޖިލިހުގެ މެމްބަރުންގެ ދައުރާމެދު ޓީވީއާއި ރޭޑިޔޯ މެދުވެރިކޮށް އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިފައި އޮންނަ ޚިޔާލާއި ބޭނުން ބަދަލުކޮށްލާންޖެހެއެވެ. ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް އަޑުއަހަމުން ދާއިރު ވާހަކަ ދެކެވޭ ބިލާމެދު ވާހަކަ ދައްކަނީ ކާކުތޯ ސުވާލުކުރެއެވެ. އެ ދައްކާ ވާހަކައާ ބިލާ އޮތީ ކޮން ގުޅުމެއްތޯ ސުވާލު ކުރަންޖެހެއެވެ. ބިލަށް މަޖިލިހުގެ މެމްބަރުން ހިއްސާވާން ޖެހެނީ ކޮންގޮތަކަށްތޯ ސުވާލު ކުރަންޖެހެއެވެ. ބިލަކަށް ވަކާލާތު ކުރަމުން ދާއިރު ވާހަކަ ދައްކަން ޖެހޭނީ ބިލާމެދުތޯ ނުވަތަ މާޒީގައި ކަންހިގާފައިވާ ގޮތާތޯ ނުވަތަ ބިލް ބިނާކޮށްފައިވާ މައުޟޫއަށްތޯ ސުވާލުކުރަން ޖެހެއެވެ.

އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދައުރަކީ ގާނޫނު ހެދުމެވެ. އެކަމަށް ބޭނުންވަނީ ގާނޫނެއް ހެދޭއިރު އެ ގާނޫނެއް ހެދެނީ ކޮންކަމަކާ މެދުތޯ ދެނެގަތުމެވެ. އަދި އެއީ ބޭނުންތެރި ގާނޫނެއްތޯ ދެނެގަތުމެވެ. އަދި އެގާނޫނަކުން ބައެއްގެ ހައްގުތަކެއް ގެއްލިގެން ދޭތޯއާއި ގެއްލޭނަމަ ގެއްލެނީ ކިހާވަރަކަށްތޯއާއި ބައެއްގެ ހައްގުތަކެއް ރައްކާތެރި ކުރެވޭތޯއާއި ރައްކާތެރި ކުރެވެނީ ކިހާ މިންވަރަކަށްތޯއާއި އެފަދަ ގާނޫނެއް ތަންފީޒު ކުރުމުގައި ހުރި ދަތިތަކަކީ ކޮބައިތޯއާއި އެގާނޫނެއްގައި ގާނޫނު އަސާސީ ނުވަތަ އެހެން ގާނޫނުތަކާ ތައާރަޒްތަކެއް ހުރިތޯ ބެލުމެވެ. އަދި އެފަދަ ގާނޫނަކުން މުޖްތަމައަށް ކުރާ ފައިދާއާއި ގެއްލުން އަދި އެކަންކަމުގެ މިންވަރު ބެލުމެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ އެ މަޖިލިހުގެ ކޮންމެ ޖަލްސާއެއްގައި އެމަޖިލިހުގެ ގަވާއިދު ހުއްދަކުރާ އެންމެ ގިނަ މިންވަރަށް އެމީހެއްގެ އަޑު އިއްވަން ތިބޭ ބައެއް ނޫނެވެ. (ނިމުނީ)