މަތީ ތައުލީމު ހޯދާފައިތިބޭ މީހުން މަސައްކަތްކުރަން އެންމެ އެކަށީގެންވަނީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން ގައެވެ.

(ޚަބަރުސިޓީ ވޮލިއުމް 01، ނަންބަރު 10 ގައި ޝާއިއުކޮށްފައި)

ދިވެހީންގެ ތެރެއިން ބައެއް މީހުން، މަތީ ތައުލީމު ހާސިލު ކުރަނީ ހަމައެކަނި މައުލޫމާތު އުނގެނުމުގެ ބޭނުމުގައެވެ. ނަމަވެސް އަނެއްބައި މީހުން މަތީ ތައުލީމު އުނގެނުމުގެ ބޭނުމަކަށް ވަނީ ސަރުކާރުގެ އޮފީހަކުން މަތީ މަގާމެއް ހޯދުމަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި މިއަދު މަތީ ތައުލީމު ހާސިލުކުރުމަކީ ނުވަތަ ޕީއެޗްޑީ ނެގުމަކީ ފެޝަނެކެވެ. މާސްޓާރޒް ނުވަތަ ޕީއެޗްޑީއަކީ ސިޔާސީ މަގާމަކަށް ދިޔުމަށް ހޯދާ ޓިކެޓެކެވެ. ކޮންމެ މީހަކުވެސް މިފެންނަނީ މާސްޓަރޒް އަދި ޕީއެޗްޑީ ފަދަ ޑިގްރީތައް ނެގުމަށްފަހު ރައީސްކަމަށް ނުވަތަ މިނިސްޓަރަކަށް ނުވަތަ މަޖިލިހަށް ކުރިމަތިލާ ތަނެވެ. ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރާ ގިނަ ދިވެހީންނަކީ އެމީހުންނަށް އެފުރުސަތު ދިނުމަށް ރައްޔިތުންގެ ފައިސާއިން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރެވޭ ބައެކެވެ. ނަމަވެސް އެކަމަށް ޚަރަދުވާ ފައިސާއާ އަޅާ ބަލާއިރު މަތީ ތައުލީމު އުނގެނިގެން އަންނަ މީހުންގެ ފަރާތުން ގައުމަށް ނުވަތަ ރައްޔިތުންނަށް ލިބެންވާ ފައިދާ އޭގެ އެންމެ އެކަށޭނަ ގޮތަކަށް ނުލިބެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަން މިހެން ދިމާވަނީ މަތީ ތައުލީމު އުގެނިގެން އަންނަ މީހުންގެ ފައިދާ އެންމެ ރަގަޅުގޮތުގައި މުޖްތަމައަށް ހިފޭނެ މަގާމުތަކުގައި އެމީހުން މަސައްކަތް ކުރަމުން ނުގެންދިޔުމެވެ. އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށްގެން އައިސް ހިންގުމުގެ ދާއިރާގައި މަތީ ތައުލީމު ހާސިލުކުރުމުން އެ ތައުލީމަކުން ހިފޭ މާބޮޑު ބޭނުމެއް އޮންނާނެހެން ހިއެއް ނުވެއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި މަތީ ތައުލީމު، ޚާއްސަކޮށް ޕީއެޗްޑީ ހޯދާފައިތިބޭ މީހުން މަސައްކަތްކުރަން އެންމެ އެކަށީގެންވަނީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން ގައެވެ. އެ ކޮލެޖަކީ އެމީހުންނަށް ލިބިފައިވާ އިލްމު އެންމެ ގިނަ މީހުންނަށް ރައްދުކޮށްދެވޭނެ ތަނެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި މެރިން ރިސާޗް ސެންޓަރާއި، އެންވަޔަރަންމެންޓް ރިސާޗް އޭޖެންސީފަދަ ތަންތަނާއި ކުރީގައި ޕްލޭނިންގ މިނިސްޓްރީ ދަށުގައި އަދި މިހާރު ފިނޭންސް މިނިސްޓްރީގެ ދަށުގައި އެއޮތް ސްޓެޓިސްޓިކަލް ސެކްޝަން އާއި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުފަދަ ތަންތަން ވާންޖެހޭނީ މޯލްޑިވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިނގާ ތަންތަނަށެވެ.

ސަރުކާރު އޮފީހަކުން ވަކި ދާއިރާއަކާ ބެހޭ މައުލޫމާތު ހޯދަންވެއްޖެނަމަ ނުވަތަ ދިރާސާއެއް ކުރަންވެއްޖެނަމަ އެއޮފީހުން އެކަމަށް ކޮލެޖުގައި އެދޭނީއެވެ. ކޮލެޖުގައި އެ މަސައްކަތްކުރާނީ މާސްޓާޒް އާއި ޕީއެޗްޑީ ހަދާފައި ތިބޭ ޑޮކްޓަރުން ފަދަ މީހުންނެވެ. އަދި ކޮލެޖުގައި އެކި ދާއިރާތަކުން ކިޔަވަމުން ގެންދާ ދަރިވަރުން އެފަދަ މަސައްކަތްތަކުގައި އެހީވެވިދާނެއެވެ. ސަރުކާރު އޮފީސްތަކުން ދިރާސާއެއް ކުރަން ޖެހިއްޖެނަމަ ކޮލެޖާއެކު ކޮންޓްރެކްޓް ކޮށްގެން އެކަން ކުރެވިދާނެއެވެ. މިކަން މިހެން ކުރުމުން އެކި އޮފީސްތަކަށް ބޭނުންވާ މިފަދަ މައުލޫމާތު ހޯދުމަށް ކަނޑައެޅިފައިވާ ފައިސާ ކޮލެޖަށް ލިބޭނެއެވެ. އޭރުން މާލީގޮތުންނާއި މައުލޫމާތުގެ ގޮތުން ކޮލެޖު މުއްސަނދިވަމުން ދާނެއެވެ. މިހާރު މިފެންނަނީ މިފަދަ މަސައްކަތްތައް ކުރުމަށް ބޮޑު އަގު ދީފައި ބޭރުގެ ތަޖްރިބާ ކާރުން ގެންނަ ތަނެވެ. ހަގީގަތުގައި އެފަދަ މީހުންނަކީ މާ މޮޅު ބައެއް ނޫނެވެ. ނަމަވެސް އެކި މަޝްރޫއުތަކުން ރާއްޖެއަށް ދީފައި ހުންނަ ފައިސާގެ ބޮޑު ބައެއް މިފަދަ ކޮންސަލްޓަންޓުންނަށް ހުސްކޮށްލެވެއެވެ.

ވީމާ ރާއްޖޭގައި މާސްޓާޒް އާއި ޕީއެޗްޑީ ނަގާފައި ތިބޭ މީހުންގެ ދައުރަކަށް ވާންޖެހޭނީ އެމީހުންނަށް ލިބިފައިވާ މައުލޫމާތު އެހެން ދިވެހީންނަށް އުގަންނައިދީ ކޮލެޖުގައި ރާއްޖެއާ ބެހޭގޮތުން އެކި ދިރާސާތައްކޮށް ފޮތް ލިޔެ ދިވެހި މުޖްތަމައަށް މައުލޫމާތު ފެތުރުމެވެ. އަދި ރާއްޖެއާ ބެހޭގޮތުން ބޭރުގެ ގައުމުތަކަށް މައުލޫމާތު ދިނުމެވެ. އަދި މިފަދަ މީހުންނަކީ މީޑިޔާއަށް އެމީހެއްގެ ދާއިރާއާ ގުޅޭ ކަންކަމުގައި ޚިޔާލާއި ލަފާ ދެވޭނެ މީހުންނެވެ.

އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ބައިނަލް އަގްވާމީ މާލީ ޖަމިއްޔާތަކުން ރާއްޖެއަށް ވެދީފައިވާ އެހީގެތެރެއިން ބޮޑު ބަޔެއް ޚަރަދުކޮށްފައިވަނީ ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާއަށެވެ. ނަމަވެސް މި ދެ ދާއިރާއަކީ މިއަދު ދިވެހި މުޖްތަމައުގައި އެންމެ ފަހަތުގައިވާ ދެ ދާއިރާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މި ދެދާއިރާގައި ހިމެނޭ މަސައްކަތްތައް ކުރާނެ ފެންވަރު ރަގަޅު މީހުން ނެތުމެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ މި ދެދާއިރާއަށް ބިނާކޮށްފައިވާ މީހުންގެ ހުނަރާ މައުލޫމާތު އެދާއިރާތަކަށް ލިބިފައި ނެތުމެވެ. ތައުލީމީ ދާއިރާއަށް ނުވަތަ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމުން ކޮންމެހެންވެސް މަތީ ތައުލީމު އުނގެނުމުގެ ބޭނުމުގައި އެހެނިހެން ދާއިރާތަކަށް ޝައުގުވެރިވާ މީހުން މި ފުރުސަތުގެ ބޭނުން ކުރެއެވެ. އެމީހުން ސްކޮލަރޝިޕްތަކުގައި ބޭރުގެ ގައުމުތަކުން މަތީ ތައުލީމު ހޯދަން ފުރަނީ އެބުރިއައިސް ތައުލީމީ ނުވަތަ ސިއްހީ ދާއިރާގައި މަސައްކަތް ކުރުމަށް އިގްރާރުތަކުގައި ސޮއިކުރުމަށްފަހުއެވެ. ނަމަވެސް އެބުރިއައިސް ދެން ބަލަނީ މާސްޓާރޒްގެ ފުރުސަތެއް ކޮންމެވެސް ދިމާއަކުން ފެނޭތޯއެވެ. އެގޮތުން ސައިކޮލޮޖީއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށްފަހު މެރިން އިކޮލޮޖީއިން މާސްޓާރޒް އެއް ހަދަން ބޭރުގެ ކޮންމެވެސް ގައުމަކަށް ފުރައިގެން ހިގައިދާނެއެވެ. އަދި މާސްޓާރޒް ނިމުމަށްފަހު އެބުރި އައިސް ޕީއެޗްޑީ އަށް ކިޔަވަން ފުރައިގެން ހިގައިދާނެއެވެ. ބޭނުމަކަށް ވެފައި އޮންނަނީ ނަމުގެ ކުރިއަށް “ޑޮކްޓަރ” އިތުރު ކޮށްލުމެވެ.

ޔުނިވަރސިޓީއެއްގައި ކިޔަވާ ހުރިހާ އެންމެންނަކީ ކިޔެވުމަށް ޝައުގުވެރިވާ ބައެކޭ ނުވަތަ ތައުލީމީ ގޮތުން ގާބިލު ބައެކޭ ނުބުނެވޭނެއެވެ. އެއީ ޔުނިވަރސިޓީއެއްގައި ކިޔަވާ ބައެއް މީހުންނަކީ އަޅުގަނޑަށް ފެނުނު ތާގައި ފިލާވަޅުތައް ދަސްކޮށް، ފޮތްކިޔައި ދިރާސާތައް ކޮށް ތައުލީމީ ކަންކަމުގައި ބައިވެރިވާ ބައެއް ނޫނެވެ. ބައެއް މީހުންނަކީ ޔުނިވާރސިޓީއެއްގައި މަޖާކޮށްލަން ދާބައެކެވެ. އަނެއްބައި މީހުންނަކީ ކޮންމެވެސް ގޮތަކުން ޑިގްރީގެ ކަރުދާސްކޮޅު ހޯދާލުމަށް ދާ ބައެކެވެ. ބައެއް ޑިގްރީފާސް ހޯދަނީ ކިޔަވައިދޭ ލެކްޗަރައިންގެ ރުހުން ކޮންމެވެސް ގޮތަކުން ހޯދައިގެންނެވެ. ބައެއް މީހުން ކޮންމެވެސް ވަރަކަށް ކިޔެވުމަށް މަސައްކަތް ކޮށްފާނެއެވެ. އަދި ލިބޭ މާކުހާ މެދު ހިތްހަމަ ނުޖެހިއްޖެނަމަ ކިޔަވައިދޭ ޓީޗަރަށް އާދޭސްކޮށް ނުވަތަ ޒުވާބުކޮށްގެންވެސް މަތީ މާކްސް ހޯދާނެއެވެ. މިއިން ކޮންމެ މީހެއްވެސް ގްރެޖުއޭޝަން ގައުން ލާފައި އިން ފޮޓޯއަކާއި ޑިގްރީގެ ސެޓްފިކެޓް ފްރޭމަކަށްލައި ގެއަށް ވަންނަ އެންމެންނަށް ފެންނާނެހެން ސިޓިންގރޫމްގައި ބައިންދާފައި އިންނާނެއެވެ. އަޅުގަޑު ދެކޭގޮތުގައި ތައުލީމީ ފާހެއް ހޯދާ ކޮންމެ މީހަކީ ތައުލީމީ މީހެއް ނޫނެވެ. އަދި ހަމަ ގާބިލު މީހަކަށްވެސް ނުވެދާނެއެވެ. މީހަކަށް ލިބިފައިވާ ތައުލީމެއްގެ ސަބަބުން އެމީހަކީ ގާބިލު މީހެއްކަމަށް ވާނީ އެމީހަކު ކިޔެވިއެއްޗެއް އެމީހަކަށް ރަގަޅުގޮތުގައި ބޭނުންކުރަން އެނގުމުންނެވެ. ނުވަތަ އެމީހެއްގެ ބަހާ އަމަލުން ކިޔެވިއެއްޗެއް އެހެންމީހުންނަށް ދޭހަވާތަން ފެނުމުންނެވެ.

ކޮންމެ މުޖްތަމައެއްގައިވެސް މަތީފަންތިއަކާއި މެދު ފަންތިއަކާއި ދަށު ފަންތިއެއް އޮންނައިރު މަތީ ފަންތިއަށް ނިސްބަތްވުމަކީ މީހެއްގެ ގަދަރު އުފުލޭ ކަމެކެވެ. އަދި މަތީ ފަންތިއަކަށް ނިސްބަތްވުމުން ލިބޭ ފައިދާތަކާއި އިމްތިޔާޒުތައް އެހެން ފަންތިތަކަށްވުރެ އިތުރުވެއެވެ. މީހަކު ނިސްބަތްވާ ފަންތިއެއް ކަނޑައެޅިފައި އޮންނަނީ އެމީހެއްގެ އިގްތިސާދީ ކެރިފޯރުންތެރިކަން އޮންނަ މިންވަރަކަށެވެ. ނުވަތަ އެމީހެއްގެ މައިންބަފައިންނަށް ޚާއްސަކޮށް ބައްޕައަށް ލިބޭ އާމްދަނީއެއްގެ މައްޗަށެވެ. ނުވަތަ އެމީހަކަށް އާމްދަނީ ލިބޭ މިންވަރަކަށެވެ. ވީމާ މާސްޓާރޒް އެއް ނުވަތަ ޕީއެޗްޑީއެއް ނަގައި މަތީތައުލީމު ހާސިލު ކުރުމަކީ މަތީ ފަންތިއަށް ވަދެވޭ ކަމެކެވެ. މަތީފަންތިއަށް ދަތުރުކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ހައްގެއްކަން ގަބޫލުކުރަމެވެ. ނަމަވެސް މި ހައްގު ލިބުމުގައި ފުރުސަތު އޮންނަނީ އެކި މީހުންނަށް އެކިވަރަކަށެވެ. ރާއްޖޭގައި 30 އަހަރަށް ދެމިއޮތް މައުމޫނުގެ ޚުދުމުޚްތާރު ވެރިކަން ނިމުނުއިރު ތައުލީމީ ގޮތުންވެސް ވިޔަފާރީގެ ގޮތުންވެސް ފުރުސަތެއް ވިއްޔާ ގިނަފަހަރަށް ލިބިފައި އޮތީ އެވެރިކަމާ ގާތްތިމާގެ މީހުންނަށެވެ. ނުވަތަ އެވެރިކަން ނަގަހައްޓަން މަސައްކަތް ކުރި މީހުންނަށެވެ. ވެރިކަމާ އިދިކޮޅުވެއްޖެ ކޮންމެ މީހަކަށް ނުވަތަ އެފަދަ މީހަކު ހުރި އާއިލާއެއް ނަމަވެސް އެ ފުރުސަތު އޮތީ ބަންދުކޮށްލާފައެވެ. (ނިމުނީ)