ދިވެހި އިގްތިސާދުގައި ބޭރުފައިސާގެ މުހިންމުކަން

(ޚަބަރު ސިޓީ ވޮލިއުމް 01، ނަންބަރ 10 ގައި ޝާއިއުކޮށްފައި)

ދިވެހި އަދަބިއްޔާތުގެ ފުންނާބު އުސް ލިޔުންތެރިޔާ ބޮޑުފެންވަޅުގޭ ސީދީގެ ” މާމަކުނުދޫ ބޮޑު އީސަގެ ވާހަކަ” ކިޔާލުމުން އޭރުގެ ދިވެހިރާއްޖޭގެ އިގްތިސާދު ކޮންމެވެސް ވަރަކަށް ތަސައްވަރު ވެއެވެ. އަދި އީސަބޭގެ އިގްތިސާދީ ވިސްނުމަކީ ވަރަށް މުހިންމު ދަރުސެއް ކަމުގައި ބެލެވެއެވެ. އީސަބޭގެ ދިރިއުޅުމުގެ މިސާލުތަކުގައި މޫސުމުގައި ލިބޭ ކާނާ ބޭނުންކުރުން އެއީ ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމެކެވެ. ބަބުކެޔޮ މޫސުމުގައި ބަބުކެޔޮ، ކަށިކެޔޮ މޫސުމުގައި ކަށިކެޔޮ، މަދު މޫސުމުގައި މަދެވެ. މިއީ ވަރަށް ކަންޖޫސް ވިސްނުމެއް ކަމުގައި ދެކޭ ބަޔަކުވެސް ތިބޭނެއެވެ، އަޅުގަޑު ދެކެނީ އެއީ އިހްތިރާމް ކުރަންޖެހޭ ތަފާތު ވިސްނުމެއް ކަމެވެ.

އަޅުގަޑު ގަބޫލު ކުރާގޮތުގައި އެއީ އެއްގޮތަކަށްވެސް އީސަބޭ ކަންޖޫހަކީ ނޫނެވެ. އެއީ އެއްއުސޫލަކުން ބުނަނީނަމަ އިގްތިސާދު ކުރުމެވެ. އަދި އެދުވަސްވަރު ކަމުގައި ވިޔަސް ނުވަތަ މިދުވަސްވަރު ކަމުގައި ވިޔަސް ކަންކަމާމެދު ވިސްނާ ފިކުރު ހިންގާ މީހުން އެދުވަސްވަރެއްގެ އެބައެއްގެ ހާލަތު ނިޔާކުރާ ގޮތެއް ބަލާފައި އީސަބޭ ކަން ހިންގިގޮތް އެއީ އެންމެ ރަގަޅުގޮތް ކަމުގައި ބެލެވިދާނެއެވެ. އެދުވަސްވަރު ރާއްޖޭން ލިބޭ ކާނާ ކަމުގައިވަނީ ބަބުކޭލާ، ކަޑުލާ، ފަލަމަޑީގެ ބާވަތްތަކާއި އަދިވެސް ރާއްޖޭގައި ހެއްދޭ ބައެއް ބާވަތްތަކުގެ ތަރުކާރީއެވެ. މިބާވަތްތައް މިބިމުގައި ހައްދައިގެން ރާއްޖޭގެ އުފެއްދުންތަކުން ކައިބޮއި އުޅުމަކީ މިހާރަކަށް އައިސް ބައެއް ދިވެހިން ފިކުރާ ޚިޔާލް ކޮންމެވެސް ވަރަކަށް ގެންގުޅޭ ކަންކަން ކަމުގައި ވިޔަސް މާބޮޑު އަހްމިއްޔަތުކަމެއް ދޭ ކަންތައްތަކެއް ނޫން ކަމުގައި ދެންނެވިދާނެއެވެ.

އީސަބޭމެންގެ ޒަމާނާ ޚިލާފަށް އަޅުގަޑުމެންގެ ހަޔާތް ފެށުނީއްސުރެ ވެސް އާންމުކޮށް އަޅުގަޑުމެން ކައިބޮއި އުޅޭ އާންމު ބާވަތްތަކަކީ ހަޑޫ، ހަކުރު، ފުށެވެ. މިހުރިހާ ބާވަތަކީވެސް ރާއްޖެއިން ބޭރުން އިމްޕޯޓް ކުރާ ބާވަތްތަކެވެ. ފަހަކަށް އައިސް މިލިސްޓަށް އިތުރުވެފައިވާ އަނެއް ބާވަތަކީ ނޫޑްލްސެވެ. އެހެން ކަމުން އަޅުގަޑުމެންގެ ދިރިތިބުމުގެ އެންމެ އަސާސީ މާއްދާ، އާދެ ކާނާ ލިބެން މިއޮތީ ބޭރުފައިސާ ހޯދައިގެން ކަމާއި މެދު ޝައްކެތް ނެތް ނޫންތޯއެވެ؟

ކަން މިހެން އޮތުމާއިއެކު ބޭރުފައިސާ އަކީ އަޅުގަޑުމެން ވަރަށް ބޮޑަށް ސަމާލުކަންދީގެން ބަލަހައްޓައިގެން ގެންގުޅެންޖެހޭ އަޅުގަޑުމެންނަށް މުހިންމު އެއްޗަކަށް މިވަނީ ވެފައެވެ. ވީމާ ބޭރުފައިސާ ލިބޭނެ ގޮތްތައް ހޯދައިގަތުމާއި ގައުމަށް ލިބޭ ބޭރުފައިސާ ގައުމުގެ ބޭނުންތައް ފުއްދުމަށް ލިބުމަކީ އެފަދަ މުހިންމު ކަމެކެވެ. ހަމަ އެފަދައިން އަޅުގަޑުމެންގެ މުއްސަދިކަމާއި ތަނަވަސްކަން އިތުރުކުރުމަށްޓަކައި ބޭރުފައިސާ ކޮންމެހެން ހޭދަ ނުކޮށް ނުވާނޭ ކަންކަމަށް ނޫނީ ބޭރުފައިސާ ހޭދަ ނުކުރުމާއި ބޭރުފައިސާ އިސްރާފު ނުކުރުން މުހިންމެވެ.

މިގޮތުން ބަލާއިރު ބޭރު ފައިސާ ހޭދަ ކުރުން މަދުކޮށް ގައުމުގެ ރައްޔިތުންގެ މުއްސަދިކަން އިތުރު ކުރުމުގެ މާތް މަގްސަދަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އެދުން ކަމުގައި ވާނެ ކަމާއިމެދު ޝައްކެއް ނެތެވެ. އަދި ބޭރު ފައިސާ ގިނައިން ހޯދައިގަނެވޭނެ އިތުރު މަގުތައް ހޯދުމާއި ގައުމުން ބޭރުފައިސާ ބޭނުންނެތް ކަންކަމުގައި ހޭދަ ނުކޮށް ފުއްދޭނެ ގޮތްތައް ހޯދުމަކީވެސް އެންމެހައި ދިވެހި ރައްޔިތުންގެ އެދުން ކަމުގައި ވާނެ ކަމާއިމެދު ޝައްކުކުރާނީ ކާކުތޯއެވެ؟ މިގޮތުން ދިވެހި ގައުމު ތަނަވަސް ކުރުމާއި މުއްސަދި ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތް ތައް ހޯދާ އެކަންކަން ކުރުމުގެ މަސައްކަތްތައް ރާވާ ހިންގޭނެ ގޮތް ވުމަކީ ބޭނުން ތެރި ކަމެކެވެ.

މިހާރު ފެންނަން ހުރި ކަންކަމުގެ ތެރޭގައި އަޅުގަޑުމެންގެ ހުނަރު ބޭނުން ކުރެވެން ހުރި މަސައްކަތްތަކާއި އަމަލީ އަދި ޖިސްމާނީ މަސައްކަތް ވެސް ކުރުވެން ހުރި މިންވަރަކުން ކުރުމަކީ ބޭނުންތެރި ކަމެކެވެ. އަދި އަޅުގަޑުމެންގެ ބިމުން ލިބެން ހުރި ނިޢުމަތްތައް ހޯދައިގަތުމަކީ އެހާމެ މުހިންމު ކަމެކެވެ. މިގޮތުން ދަޑުވެރިކަން ކުރުމަކީ އޭގެ މަންފާ އަޅުގަޑުމެންނަށް ލިބޭނެ ކަމެކެވެ. މިހާރަކަށް އައިސް ފަލަމަޑީގެ ބާވަތްތަކަކީ ވެސް ރާއްޖެއިން ބޭރުން އިމްޕޯޓް ކުރެވޭ ތަކެތި ކަމުގައި ވަނީ ވެފައެވެ. އެއާއި ޚިލާފަށް އަޅުގަޑުމެންގެ ޅައުމުރުގައި އަލަ ، ކައްޓަލަ އަކީ ރާއްޖޭގައި އުފައްދާ ބާވަތް ތަކެވެ. އަޅުގަޑަށް ގަބޫލު ކުރެވޭ ގޮތުގައި ދަޑުވެރިކަމަށް ސަރުކާރުގެ ދާއިރާއިން އެހީތެރިވެދެއްވުމަކީވެސް ބޭނުން ކަމެކެވެ. އަދި ހަމަ އެއާއިއެކު ޖަމާއީ ރޫހުގައި ރަށުފެންވަރުގައި ދަޑުވެރިކަމުގެ މަސައްކަތް ކުރުމަކީ ފައިދާ ވާނޭ ކަމެކެވެ. ޖަމާއީ ރޫހޭ އަޅުގަޑު މިދަންނަވަނީ ކޯޕަރޭޓިވް އުސޫލުން ދަޑުވެރި ކަމާއި މަސްވެރިކަމުން އުފެއްދޭ ބާވަތްތައް އުފެއްދުމާއި އަތްތެރި މަސައްކަތުގެ ބާވަތްތައް އުފެއްދުމަކީ ރަށެއްގެ ޖަމުއިއްޔާ އަކުން ކޯޕަރޭޓިވް އުސޫލާއި ގަވާއިދުގެ މަތިން ކުރެވިދާނެ ކަންކަމެވެ. މިހެން ހެދުމުން ރަށުގައި އާމްދަނީ ނުލިބި ތިބި ބަޔަކަށް އާމްދަނީ ލިބޭނޭ ގޮތްވެސް ތަނަވަސް ކޮށްދެވުނީއެވެ. މިފަދަ ކަންކަން މިގޮތުގެ މަތިން ކޮށްގެން އަޅުގަޑުމެންނަށް ލިބޭ އެއްޗަކުން ފުއްދައިގެން ދިރިއުޅުން އެއީ ފުރަތަމަ ފިޔަވަޅު ކަމަށް ދެކެވިގެން އަޅުގަޑުމެން ތަނަވަސްކަން ހޯދުމުގެ ތަސައްވުރު ކާމިޔާބު ކުރުމަށް ޓަކައި އިސްރާފު މަދުކުރުމާއި އަޅުގަޑުމެންގެ މުސްތަގްބަލަށްޓަކައި މަސައްކަތް ކުރެވޭނެ ހާލުގައި ތިބި އެންމެން މަސައްކަތް ކޮށްގެން ނޫނީ އަޅުގަޑުމެން އުންމީދު ކުރާ ތަނަވަސްކަން ލިބި ދެމެހެއްޓޭނެ ގޮތެއް ނުވާނެއެވެ.

ޅެންވެރިޔާގެ އިބްރަތްތެރި ބައިތުން އަޅުގަޑުގެ ގަލަން މިވަގުތު ބާއްވާލަނީ އަޅުގަޑު މިފާޅުކުރި ޚިޔާލުން ރައްޔިތުންނަށް މަންފާއެއް ދެއްވުމަށް އެދި މާތް ކަލާނގެ ކިބަފުޅަށް ދުއާދަންނަވަމުންނެވެ “ލިބޭ މިންވަރު ނިކަން ދެނެގެން ވިބޭނުންތައް ބަހާލައިގެން، ތިބޭ ނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސް ވާނޭ” (ނިމުނީ)