އަބްދުﷲބެ: ހާޝިމް، އަނެއްކާވެސް މިއޮއް ދިމާވީ… ކޮބާ ކިހިނެތް ކިހިނެތް ކަންތައްތައް؟
ހާޝިމް: ވަރަށް ރަގަޅު… އަދިވެސް މިއަތޮޅުގައިތޯ؟ ހާދަ ދުވަހެއް ވެއްޖެއޭ…
އަބްދުﷲބެ: މިއުޅެނީ މިފަހަރު މިރަށުށް ކުރިމަތިލައިގެން… އަދި އެވާހަކަ ނުބުނެވޭދޯ؟
ހާޝިމް: އާނ… އެހެންވިއްޔާ މިރަށު ކުދިންނަށް އެހީވީ ހަމަ ރަގަޅަށްތާ… އެހާ ގިނަފަހަރު މިރަށަށް ވަޑައިގެން އުޅުންވަން ހެދީމާ މިރަށު ކުދިން ބުނެފިޔޭ މާލެއަށް ކުރިމަތިލައިގެން ނުހޮވޭނޭ… މިރަށަށް ހެންނޭ ހީވަނީ ކުރިމަތިލާނީ…
އަބްދުﷲބެ: މިރަށަށް ކުރިމަތިލީމާ ހާޝިމް މެނަށް މާރަގަނޅުވާނެނު… ކޮބާ ގެއާ ތަންތަން ހާދަ ބާވެއްޖެއޭ ދޯ… އާކޮށްލާކަށް ނުވޭތަ؟
ހާޝިމް: ނޫން.. ނޫން… އާކުރަންވީ… ދެން އިރާދަކުރެއްވިއްޔާ މާގިނަދުވަހެއް ނުވާނެ… ސަމްސީރާއާ އިދެގެން މިގެއަށް އައިތާ މިވީ ވިއްސަކަށް އަހަރު… ކޮންމެ ރޯދައަކަށް ބިތެއް ރާނާލެވޭ ވަރުވޭ..
އަބްދުﷲބެ: ކިހާވަރެއް ދޭންވީ؟ ބުނިވަރެއް ދެވިދާނެ…
ހާޝިމް: އަބްދުﷲބޭ… ފައިސާ ނުދެއްވިޔަސް އެންމެ ރަގަޅު… މިހާރު ސަރުކާރުވެސް މިއޮތީ ބަދަލުވެފަ… އަހަރުމެން ގެދޮރު ހަދާލާނެ ލޯނެއްވެސް މިހާރު ހީވަނީ ލިބިދާނެހެން… ތިޔަހެން އަބްދުﷲބެ މެން ފައިސާ ކޮޅެއް ދީފައި އެއަށްވުރެ މާބޮޑު އެއްޗެއް އަހަރުމެން އަތުން އެބަ ގެންދޭ… ނިކަން ބަލާބަލަ… 30 އަހަރުވަންދެން ތިޔަހެން ފައިސާ ދީގެން ވޯޓު ހޯދައިގެން އުޅެފައި އަހަރުމެންނަށް ޖައްސާފައި މި ތިބަ ހާލު…
އަބްދުﷲބެ: ދެން މިފަހަރު އަޅެ ވޯޓު ދީބަލަ… ހާޝިމުގެ އާއިލާ މިރަށުގައި ނުލާހިކު ބޮޑެއްނު…
ހާޝިމް: ވަރަށް ދެރަ އަބްދުﷲބޭ… މިއީ ރަށުކުދިންނަށް ވޯޓުލާފަހަރު… މިރަށު ކުދިންނަށް މިރަށު މީހުން މިފަހަރު ވޯޓު ދޭނީ…
————————————————–
އާބިދާ: މިފަހަރު ހާދަ ބައެކޭ މިއޮތީ ކުރިމަތިލާފަ…
މުހްސިން: އާނ ދެން… ޑިމޮކްރެސީ އައީމާ އެކަން ވާނީ އެހެންނު… މީގެ ކުރިން މީހުން ބިރުގަނޭ ވިއްޔަ ކަންކަމަށް ކުރިމަތިލާން… މިހާރު ބިރުފިލާ ދިޔައީމާ ވާގޮތް މީ… ރަގަޅެއްނު މީހުން ގިނައިން ކުރިމަތިލީމާ… ރަގަޅު މީހެއް ހޮވަން ރައްޔިތުންނަށް ފުރުސަތު އޮންނާނެނު
އާބިދާ: އަހަރެން ހައިރާންވަނީ އަމިއްލަ ގޮތުން މިހާ ގިނަ މީހުން އުޅޭތީ ކުރިމަތިލައިގެން
މުހްސިން: އެއީ އަމިއްލަ ގޮތުން ކުރިމަތިލައިގެން އުޅޭ ބައެއް ދޯ؟ އެއީ އެ ޕާޓީތަކުން ނުކުމެގެން އުޅޭ ބައެއް… ބެކަޕް ތަކެއް…އާނދެން… 30 އަހަރު ވެރިކަން ކޮށްފައި އޮތް ބަޔަކު ޕާޓީ ހަދައިގެން އެނަމުގައި ނުކުތީމާ މީހުން ފަހައިގަންނާނެކަން އެގޭނެއްނު… އަހަރުމެން ތިއްބާ އެހެން އޮޅުވާލެވޭނެތަ؟ ބަލާބަލަ އަމިއްލަ ގޮތުންނޭ ކިޔާފައި ތިބި މީހުންނަކީ ކޮންބައެއްތޯ؟ އެހެންޔާ ބިމަކުން، އެހެންޏާ ވިޔަފާރިއަކުން، އެހެންޏާ ކޯހަކުން، އެހެންޏާ ތަށިބަރި ފޮނުވާފަ އޮންނާނީ…
އާބިދާ: މޮޅު ވިސްނުމެއްވެސް ނާންނަނީ ދޯ ހަމަ އެމީހުންނަށް
މުހްސިން: އާނ ދެން… މޮޅު ވިސްނުން ގެންނާނީ ކިހިނެތް؟ އެހެރީ އަދިވެސް ޒައީމޭ ކިޔައިގެން… ހިތުން އަދިވެސް ވެރިޔާ ވިއްޔަ… އެއީއޭ މަމިބުނާ އެއްޗަކީ… އެތިބީ އަދިވެސް ގަހުން ނުފޭބި ވިއްޔަ…
————————————————
އަލިޖަބާ: އޭ އެޕާޓީން އެނެރެނީ ހާދަ ސަޅި ބައެކޭ… ޑޮކްޓަރު ޕާޓީން…
މުޝްތަރީ: ދެން ކީތް؟
އަލިޖަބާ: އަހަރެން ވޯޓު ލާނީ އޭނަގެ ކެންޑިޑޭޓުންނަށް؟
މުޝްތަރީ: އެޔޯ؟
އަލިޖަބާ: މޮޅުވާނެއްނު… އަހަރުމެންނަށް ރަގަޅުވާނެއެއްނު… އެހެންވީމާ… އޭނަ އެ ނެރެނީ ޕީއެޗުޑީންނާ މާސްޓާޒުންނާ ބިޒިނަސް ވިމެނުންނާ…
މުޝްތަރީ: އެހެންވީމަ ކަލެއަށް ހީވަނީ އެވަރެއް ނެތޭތަ؟ ކިހާ ދެރަކަމެއް އަލިޖަބާ… ބަލަ އިހަށްވެސް މިރަށުގައި ދީނީ އިލްމުގައި… ގުރުއާނުގެ އިލްމުގައި… ތަރިތަކުގެ އިލްމުގައި… އަރަތުގެ އިލްމުގައި… ތިމާވެށީގެ އިލްމުގައި… ޅެންހެދުމާ ފަރިހިގެ އިލްމުގައި… އަކުރުކަނޑާ ބިންވަޅު އެޅުމުގެ އިލްމުގައި އެވަރެއް ނެތް މީހަކު ވެރިކަން ކުރަމުން ދަނިކޮށެއްނު އެމީހާ ބާލާފަ މި ކިރިޔާ ހިންދެމިލެވުނީ… އަނެއްފަހަރު ކަލޭ އޭގެ ކްލޯން ދައްކާ ވާހަކަ ގަބޫލުކުރަން ތި އަރުވާޖަހަނީ…
އަލިޖަބާ: އެކަމަކު ޑޮކްޓަރ ޕާޓީން އެނެރެނީ އެހެން ބައެއް ނު…
މުޝްތަރީ: ވެދާނެ އެހެން ބަޔަކަށް.. އެކަމަކު އެއީ ކޮންބައެއްތޯ ބަލައިލިންތަ؟ އެހާ މޮޅު ބައެއްނަމަ ކުރިންވެސް އެމީހުންގެ މޮޅުކަން އޮންނާނީ ފެންނާށެއްނު… ބަލަ އެއީ ރޯނު އެދުރުންނޭ… ދަންނަކަމެއްވެސް ނޯންނާނެ… އާނ… ރީކޯ މޫސަ ބުނިހެން… ފިނިފެންމަލުގައި މީހުން ހިފާއުޅެނީ އާންމުކޮށް ދެއިގިލިންކަންވެސް ނޭގެ… އެއިންނަނީ ޕޯސްޓަރުތަކުގަ މޫސަ ބުނާހެން ފިނިފެންމަލެއްގައި ހަތަރެސް ފައިން ހިފަހައްޓައިގެން…ދެނޯ؟
އަލިޖަބާ: މަށަށް އަދި ކިރިޔާނު މިރޭކަލީ…!