ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނީ އިލެކްޝަންސް ކޮމިޝަނުން ގެޒެޓްގައި ޝާއިއު ކޮށްފައިވާ ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީގައި ނަން ހިމެނިފައިވާ ފަރާތްތަކަށް އެކަނި

ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނީ އިލެކްޝަންސް ކޮމިޝަނުން ގެޒެޓްގައި ޝާއިއު ކޮށްފައިވާ ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީގައި ނަން ހިމެނިފައިވާ ފަރާތްތަކަށް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަ ކުރައްވާފައެވެ. ވީމާ އިލެކްޝަންސް ކޮމިޝަނުން ގެޒެޓްގައި ޝާއިއު ކޮށްފައިވާ ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީގައި ނަން ހިމެނިފައިވޭތޯ ބެއްލެވުން ވަރަށް މުހިއްމުކަމުގައި އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާޙިމް ވަޙީދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ވޯޓްލާ މީހުންގެ ރަޖިސްޓްރީގައި ނަން ހިމެނިފައި ނެތްނަމަ ނުވަތަ ވޯޓްލާމީހުންގެ ރަޖިސްޓްރީގައި ހިމެނިފައި އޮތް މައުލޫމާތު ޞައްޙަ ނޫންކަމަށް ވާނަމަ 9 ޖޫން 2013ވާ އާދިއްތަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ފޯމް ހުށަހެޅުއްވުމަށް އެމްޑީޕީއިން އެދެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ފޯމް ހުށަހަޅުއްވާއިރު ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެކަމަށް ވަޙީދު ވިދާޅުވިއެވެ.
ވޯޓް ލުމަށް އެބޭފުޅަކު ރަޖިސްޓްރީ ވެފައިވާކަން ގެޒެޓްގައި ޝާއިއު ކުރެވިފައިވާ ލިސްޓުން އެގިވަޑައިގަންނަވާނެއެވެ. އަދި 1414 އަށް އެސްއެމްއެސް ކުރެއްވުމުންވެސް މި މައުލޫމާތު ސާފުވެވަޑައިގަންނަވާނެއެވެ.
އެސްއެމްއެސް މެދުވެރިކޮށް ބެއްލެވުމަށް “ވީއައިއެސް ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަމްބަރު ޖައްސަވައި 1414 އަށް މެސެޖް ކުރައްވާށެވެ.
VIS (space) ID Number
އިލެކްޝަންސް ކޮމިޝަންގައި ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފޯމް އެމްޑީޕީގެ ވެބްސައިޓުން އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ކުން ހަވީރު 4ކަށް އެމްޑީޕީގެ މައި އޮފީހުންނާއި މާލޭގަ އުސްފަސްގަނޑުން ހަވީރު 4ކުން ރޭގަޑު 10ކަށް ފޯމް ލިބެންހުންނާނެއެވެ. އަދި ރަށްރަށުގެ ކައުންސިލް އިދާރާއިންވެސް މި ފޯމް ލިބެން ހުންނާނެ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.