އެމްޑީޕީގެ “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” އިފްތިތާޙް ކުރުން މާދަމާ އޮންނާނެ

health policy pc

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިއްޙަތާބެހޭސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” އިފްތިތާޙް ކުރުން މާދަމާ (31 މޭ 2013- ހުކުރު) ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއަރޕާސަން އިދާރީ ޢަލީ ޝީޔާމް ވިދާޅުވީ އެމްޑީޕީގެ ސިއްޙަތާގުޅޭ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” މިފަހަރު އިފްތިތާޙް ކުރުން ރަސްމީކޮށް ބާއްވަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ކަމަށާއި އަދި އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން ހަމަ އެދުވަހު ރާއްޖޭގެ 19 އަތޮޅާއި މާލޭ ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެ ކަމަށެވެ.

ޢަލީ ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސިއްޙަތާގުޅޭ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ކަމަށެވެ. އަދި އައްޑޫ ސިޓީގައި ރައީސް ނަޝީދު މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމާއި އެކު ރާއްޖޭގެ 19 އަތޮޅާއި މާލޭ ސިޓީގައި އެއްފަހަރާ ބޭއްވޭ ހަފްލާތަކެއްގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކަމަށެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޗެއަރޕާސަން އިދާރީ ޢަލީ ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް އެކުލަވައިލުމަށް މަސައްކަތް ކުރަމުން ގެންދާ ގޮތަކީ، ސިޔާސަތު އެކުލަވައި ލުމުގެ ކުރިން ރައްޔިތުން ކައިރީ އަހާ އޮޅުން ފިލުވުން ކަމަށެވެ. އެގޮތުން އެމްޑީޕީއަށް އެންމެ ފުރަތަމަ ދުވަހުއްސުރެ ފަށައިގެން ފާހަގަ ކުރެވުނު ކަމަކީ މީހުން ބަލިވުމަށްވުރެ އެމީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ނުވަތަ ފަރުވާ ހޯދަން އެއްތަނުން އަނެއް ތަނަށް ދިއުމަކީ މާ ބޮޑު ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓުވާލުން ކަމަށެވެ. އެއަމާޒަށް ވާޞީލް ވުމަށް އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ ކުރި ކަމަކީ މަދަނަ އުފައްދާ އެއަށްފަހު އާސަންދަ ތަޢާރަފް ކުރުން ކަމަށް ޢަލީ ޝިޔާމް ވިދާޅުވިއެވެ.

ޢަލީ ޝިޔާމް ވިދާޅުވީ ބަޣާވާތުގެ ސަރުކާރުގެ ސަބަބުން އާސަންދަ ނިޒާމު މުޅިންހެން ގެއްލިފައިވާ ކަމަށާއި ރައްޔިތުން ފަޤީރުކަންމަތީ ތިއްބާ އެކަމަށް އެމީހުންއަތުން ފައިސާ ނަގައިގެން ޑޮކްޓަރަށް ދެއްކުމަކީ ޑޮކްޓަރަށް ނުދެއްކުމާ އެއްފަދަ ކަމެއް ކަމަށް އަލީ ޝިޔާމް ވިދާޅުވިއެވެ. އެމްޑީޕީގެ އަމާޒަކީ ރައްޔިތުން އަތުން ފައިސާ ނުނަގާ އާސަންދައިގެ ނިޒާމް ޤާއިމް ކުރުން ކަމަށާއި އެކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި އިތުރަށް ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ކެންޕެއިން ކޮމިޓީގެ ނައިބް މުޤައްރިރު ޢަބްދުލްމާޖިދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ފުރަތަމަވެސް އަމާޒަކަށްވީ ރާއްޖޭގައި ލިބެންހުރި ސިއްޙީ ފަރުވާގެ ޚިދުމަތްތައް ރައްޔިތުންގެ އަތްފޯރާ ހިސާބަށް ތިރިކުރުން ކަމަށާއި އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ތިން އަހަރު އެކަން ފުރިހަމަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އެމްޑީޕީ ސަރުކާރުގެ މި ސިޔާސަތު އެކުލަވައިލުމުގައި މިފަހަރު ބޮޑަށް ބަލާފައިވަނީ ސިއްޙީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއެކު އާސަންދައިގެ ޚިދުމަތް ފުޅާކޮށް ވަރުގަދަކޮށް ދިވެހިރައްޔިތުންނަށް ލިބިދިނުން ކަމަށެވެ. އަދި ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހުންނަށް އެ ޚިދުމަތް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދިއުމާއި އިމަޖެންސީކޮށް ފަރުވާ ހޯދަން އަންނަ މީހުންނަށް އެކަން ކުރެވޭނެ ނިޒާމުވެސް މިފަހަރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމަށް ޢަބްދުލް މާޖިދު ވިދާޅުވިއެވެ.