އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއު ކުރެވިފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މި ރަޖިސްޓްރީގައި ސައްޙަ މައުލޫމާތު ހިމެނިފައިވޭތޯ ބެއްލެވުން މުހިއްމު ކަމުގައި އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާޙިމް ވަޙީދު އިލްތިމާސް ކުރައްވައެވެ.
ވޯޓްލާ މީހުން ރަޖިސްޓްރީގައި އެބޭފުޅެއްގެ ސައްޙަ މައުލޫމާތު ނެތްނަމަ އެމީހަކު ވޯޓް ލުމަށް ރަޖިސްޓްރީގައި ހިމެނުމަށް ދެވޭނީ ގިނަވެގެން 10 ދުވަހުގެ މުއްދަތު ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ބޭފުޅަކުވެސް ވީ އެންމެ އަވަހަކަށް ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭތޯ ބެއްލެވުން މުހިއްމު ކަމަށް ވަޙީދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ވޯޓްލާ މީހުންގެ ރަޖިސްޓްރީގައި ނަން ހިމެނިފައި ނެތްނަމަ ނުވަތަ ވޯޓްލާމީހުންގެ ރަޖިސްޓްރީގައި ހިމެނިފައި އޮތް މައުލޫމާތު ޞައްޙަ ނޫންކަމަށް ވާނަމަ 9 ޖޫން 2013ވާ އާދިއްތަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ފޯމް ހުށަހެޅުއްވުމަށް އެމްޑީޕީ އިންތިޚާބާ ބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ފޯމް ހުށަހަޅުއްވާއިރު ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅަންޖެހޭ ކަމަށްވެސް އިބްރާޙިމް ވަހީދު ވިދާޅުވިއެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ މިހާރު އެންމެ މުހިއްމު ކަމެއް ދޭންވި އެއްކަމަކީ އެމްޑީޕީގެ މެންބަރުންނާއި އެމްޑީޕީއަށް ތާއީދު ކުރައްވާ އެންމެހާ ރައްޔިތުން މިއަދުން ފެށިގެން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ވެފަވޭތޯ ބެއްލެވުން ކަމަށެވެ. އަދި ވޯޓް ލުމަށް އެބޭފުޅަކު ރަޖިސްޓްރީ ވެފައިވާކަން ގެޒެޓްގައި ޝާއިއު ކުރެވިފައިވާ ލިސްޓުން އެގިވަޑައިގަންނަވާނެ ކަމަށެވެ. އަދި 1414 އަށް އެސްއެމްއެސް ކުރެއްވުމުންވެސް މި މައުލޫމާތު ސާފުވެވަޑައިގަންނަވާނެކަމަށެވެ.
އެސްއެމްއެސް މެދުވެރިކޮށް ބެއްލެވުމަށް “ވީއައިއެސް ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަމްބަރު ޖައްސަވައި 1414 އަށް މެސެޖް ކުރެއްވުމަށެވެ.”
VIS (space) ID Number
އިލެކްޝަންސް ކޮމިޝަންގައި ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފޯމް އެމްޑީޕީގެ ވެބްސައިޓުން އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ އެވެ. މީގެ އިތުރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ކުން ހަވީރު 4ކަށް އެމްޑީޕީގެ މައި އޮފީހުންނާއި މާލޭގަ އުސްފަސްގަނޑުން ހަވީރު 4ކުން ރޭގަޑު 10ކަށް ފޯމް ލިބެންހުންނާނެއެވެ. އަދި ރަށްރަށުގެ ކައުންސިލް އިދާރާއިންވެސް މި ފޯމް ލިބެން ހުންނާނެ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.