ނޫސްބަޔާން: ފުލުހުންނަށް ވަކިން ވޯޓްލެވޭގޮތަށް ހެދުމަކީ އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅުން

noosbayan

ނަންބަރު:MDP-2013-PR-37
ތާރީޚް: 28 މެއި 2013 (އަންގާރަ)

ފުލުހުންނަށް ވަކިން ވޯޓްލެވޭގޮތަށް ހެދުމަކީ އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅުން

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފުލުހުންނަށް ޚާއްސަކޮށްގެން ވޯޓު ލެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަންސްގައި ފުލުސް އޮފީހުން އެދިފައިވާކަމީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ.

ފުލުހުން ވޯޓް ލުމަށް ވަކި އިންތިޒާމް ތަކެއް ހަމަޖައްސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާގޮތް ޤަބޫލުކޮށް، އިލެކްޝަންސް ކޮމިޝަނުން މިހާރު އާއްމު ކޮށްފައިވާ ޤަވާޢިދު ބަދަލުގެނެސް، އުފުރުޞަތު ފުލުހުންނަށް އެކަނި ފަހިކޮށްދިނުމަކީ އެއީ ރާއްޖޭގައި ވޯޓުލާ މީހުންގެ މެދުގައި ހަމަހަމަ ކަމާއި އިންސާފުން އެއްކިބާ ކުރުވާނެ ކަމެއްކަމުގައި އެމްޑީޕީން ދެކެމެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފުލުހުންނަށް ވަކި އިންތިޒާމްތަކެއްގެ މަތިން ވޯޓް ލެވޭގޮތަށް ހަމަޖެއްސުމަކީ މިއަހަރު ރާއްޖޭގައި ބާއްވާ އިންތިހާބްގެ ވޯޓް އޮޅުވާލުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިޔަ ނުދިނުމަށް ކުރަމުންދާ ހީލަތްތެރި މަސައްކަތުގެ ތެރެއިން ކުރާ ކަމެއްކަމުގައި މި މިޕާޓީން ދެކެމެވެ. އަދި ވަކި މުއައްސަސާއެއްގެ ބަޔަކު ވޯޓް ރަޖިސްޓްރީ ނުކޮށް ނުވަތަ އެމީހުން ބޭނުންތަނެއްގައި ވޯޓް ލެވޭގޮތަށް އޮތުމަކީ އެހެން ދިވެހި ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި އަދި މިކަމަކީ ޤާނޫނު އަސާސީން ކޮންމެ ދިވެހިރައްޔިތަކަށް ލިބިދީފައިވާ ހަމަހަމަ ކަމުގެ ޙައްޤު ނިގުޅައި ގަތުން ކަމަށް މި ޕާޓީން ދެކެމެވެ.

ރާއްޖޭގެ ރައްޔިތުންނަކީ އެމީހަކު ކުރާ މަސައްކަތެއްގައި އެމީހެއްގެ އަމިއްލަ ރަށްވެހިވަފައިވާ ރަށް ނޫން އެހެން ރަށްރަށުގައި އެކިއެކި މަސައްކަތުގައި ޝާމިލްވެއުޅޭ ބައެއްކަމުން ހަމަ އެކަނި ފުލުހުންނަށް ނޫނީ ވަކި މުއައްސަސާއެއްގެ ބަޔަކަށް ވަކި އިންތިޒާމްތަކެއް ހަމަޖެހިގެން ދިއުމަކީ މިއީ ރާއްޖޭގަ ވޯޓުލާ އެހެން ފަރާތްތަކަށް ލިބެން ޖެހޭ އަސާސީ ހައްގުން މަޙްރޫމުވެދާނެ ކަމެއް ކަމުގައި މި ޕާޓީއިން ދެކެމެވެ.

އެމީހަކު ރަޖިސްޓްރީ ކޮށްފައިވާ ރަށެއް ނޫނީ ތަނެއްގައި ރަޖިސްޓްރީ ވާން ޖެހޭނީ ހަމަ އެކަނި ފުލުހުން ނޫން ކަމާއި ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެމީހަކު ވޯޓުލާ ރަށެއް ނޫނީ ތަނެއްގައި ރަޖިސްޓްރީ ވާން އޮންނަ ޤަވާޢިދުން ވަކި މުއައްސާސައެއްގެ ބަޔަކު މި ޤަވައިދުން އިސްތިސްނާ ކުރުން އެއީ ރިޔާސީ އިންތިޙާބް ފަދަ ބޮޑު މުހިއްމު އިންތިހާބެއްގައި ކޮށްގެންނުވާނެ ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ.

ވީމާ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ސައްހަވާ ކޮންމެ މީހަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޤަވާޢިދުގެ ދަށުން އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނުވަތަ ތަނުގައި މިނިވަންކަމާ ހަމަހަމަ ކަމާއެކު، ވަކި ބަޔަކު ނުވަތަ ވަކި ފަރުދަކު އިސްތިސްނާ ނުވާނެހެން، އިލެކްޝަންސް ކޮމިޝަނުން ކުރިންވެސް ކަނޑައަޅައިފައިވާ ޤަވާޢިދުގެ ދަށުން އެންމެންނަށް މިނިވަންކަމާ ހަމަހަމަ ކަމާއެކު ވޯޓު ލެވޭގޮތަށް ބޭއްވުމަށް އިލެކްސަންސް ކޮމިޝަންސްއަށް މި ޕާޓީ އިން ގޮވައިލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް