ށ. މަރޮށީގައި “ނާދިލް މުއްތަހިދީން ޖަމިއްޔާ” އިން ހިންގަމުން ގެންދާ ކޭބަލް ޓީވީގެ ޚިދުމަތް ދެމުން ގެންދަނީ މީޑިޔާގެ ޤަވާއިދާއި ޚިލާފަށް ވަކި ބަޔަކު ވަކި ޗެނަލެއް ބެލުން މަޙުރޫމުވާ ގޮތަށް ކަމަށާއި އަދި، ރާއްޖެޓީވީ ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ޖަމިއްޔާއިން ދަނީ ޚަބަރާއި މަޢުލޫމާތު ލިބިގަތުމުގެ ޙައްޤަށް ސީދާ ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަންނަމުންކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(އިން މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލް )އެމްއެމްސީ(އަށް ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވެއެވެ.
އަދި އެ ޖަމިއްޔާއިން ކޭބަލް ޓީވީ ހިންގަމުން ދަނީވެސް ކުލަބް ޖަމިއްޔާތަކުން ވިޔަފާރި އުސޫލުން އެކަން ކުރުން ބްރޯޑްކާސްޓިންގެ ޤާނޫނާއި ޤަވާއިދުގައި އެކަން ކުރުން މަނާކޮށްފައި ވަނިކޮށްކަމަށް ބުނެ މިކަންކަން ހުއްޓުވައި ދެއްވާ، ޤާނޫނީ އިމުގެތެރެއިން ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުން އެދޭކަމަށްވެސް މި ސިޓީގައި ބަޔާން ކޮށްފައިވެއެވެ.
އެމްޑީޕީއިން މިއަދު އެމްއެމްސީއަށް ފޮނުވައިފައިވާ ސިޓީގައި އިތުރަށް އެދިފައިވާ ގޮތުން ށ. މަރޮށީގައި ޚަބަރާއި މަޢުލޫމާތު ލިބިގަތުމަށް ޤަސްތުގައި ހުރަސް އަޅަމުން ދާތީ މިކަމަށް ފިޔަވަޅު އަޅުއްވައި ދެއްވާ މިކަން ވީހާވެސް އަވަހަކަށް ޙައްލުކޮށް ދެއްވުން އެދި ދަންނަވާފައިވެއެވެ. އަދި ޚިދުމަތް ރައްޔިތުންނަށް ދިނުމުގެ ނަމުގައި ހިންގަމުން ދާއިރު ރާއްޖެޓީވީ ބަލަން ބޭނުންވާ އެންމެހާ ރައްޔިތުން މިޚިދުމަތުން މަޙުރޫމުވާ ގޮތަށް ޚިދުމަތް ދެމުން ގެންދާ ގެންދިއުން ވަގުތުން ވަގުތަށް ހުއްޓުވައި ދިނުމަށް އެދި ދަންނަވާފައިވެއެވެ.
މިކަމަކީ މިހާރަކަށް އައިސް ސިޔާސީ ޚިޔާލު ތަފާތުވާ ބައެއް ފަރާތްތަކުން ހިންގާ މިފަދަ ޚިދުމަތްދޭ ތަންތަނުން ޚާއްޞަކޮށް މިޕާޓީގެ މެމްބަރުންނަށް ވަރަށް ގިނައިން ކުރިމަތިވަމުންދާ ކަމަކަށް ވާތީ މިކަން ހުއްޓުވައި ދެއްވާ، ޤާނޫނީ އިމުގެތެރެއިން ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުން މި ޕާޓީއިން އެދޭތީ، މިކަމަށް ސަމާލުކަން ދެއްވުން އެދި ދަންނަވާފައިވެއެވެ.