މީހެއްގެ މަރުގެ މައްސަލަ ނިންމާނީ ކަނޑައެޅޭ، ވަރަށް ވަރުގަދަ ހެކިތަކެއް ލިބިގެން – ޝައިޙް ހުސައިން ރަޝީދު

މީހެއްގެ މަރުގެ މައްސަލަ ނިންމާނީ ކަނޑައެޅޭ، ވަރަށް ވަރުގަދަ ހެކިތަކެއް ލިބގެން ޝަރީއަތުން ސާބިތު ކުރާއެއްޗެއް ކަމަށް އައްޝައިޙް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ. ޝައިޙް ހުސައިން ރަޝީދު މިހެންވިދާޅުވީ ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައިޙް ހުސައިން ރަޝީދުގެ ވާހަކަފުޅުގައި ދާދިފަހަކުން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީއަށް ނިސްބަތްކޮށް ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ތުހުމަތު އެމްޑީޕީއާއި އެމްޑީޕީ މެންބަރުންގެ ބޮލުގައި ސިޔާސީ ބައެއް ފަރާތްތަކުން އަޅުވަމުން ގެންދަވާތީ، އެކަމާ ކަންބޮޑުވެ ވަޑައިގެން، ސިޔާސީ ޕާޓީއެއްގެ ނުވަތަ އެތައް ބައެއްގެ ބޮލުގައި މީހެއްގެ މަރުގެ ތުހުމަތު އަޅުވަމުންދާއިރު އެ ދެއްކެނީ ދީނާ ޚިލާފު ވާހަކައެއް ކަމަށް ނޭނގެނީތޯ ވިދާޅުވެ ސުވާލު ކުރެއްވިއެވެ.

ޝައިޙް ހުސައިން ރަޝީދު ވިދާޅުވީ ﷲ ގަންދީ ހުވާކޮށް ޑރ. އަފްރާޝީމްގެ އަލީ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތުން ދެފަހަރު ދެގޮތަށް ވާހަކަ ދައްކާފައިވާ އިރު އެވާހަކަ ދެއްކި ކުއްޖާގެ ސިކުނޑި ރަނގަޅުތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގައި ދޮގު ހުވާކޮށްފައި ނުވަތަ ދޮގު ހެކިދީފައިވާ ކަމަށް ސާބިތު ވެއްޖެނަމަ ޝަރީޢަތުގައި ހެކިބަސް ޤަބޫލު ނުކުރެވޭނެ ކަމަށެވެ.

ހުސައިން ރަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް ކުރިމަތި ލައްވައިގެން އުޅުއްވާ ފަރާތްތަކުގައި ރައްޔިތުންނަށް ހުށަހަޅާނެ މެނިފެސްޓޯއެއް ނެތުމުން އެމްޑީޕީގައި މަސައްކަތް ކުރާ ބޭބޭފުޅުންގެ ހިތުގައި ޝައްކުތަކާއި ނުތަނަވަސްކަން އުފެއްދުމަށް ކޮންމެވެސް ކަހަލަ ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ބޭރަށް ވަޑައިގެން ދެއްކި ވާހަކަފުޅެއް އޮޅުވާލައިގެން ދައްކަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޥާހަކަ ދައްކަވަމުން ހުސައިން ރަޝީދު އަޙްމަދު ވިދާޅުވީ ރައީސް ނަޝީދު ޢާއްމުކޮށް ވާހަކަ ދައްކަވާއިރު ތަފާތު ގޮތެއް ގެންގުޅުއްވާ ޢާއްމު ބަހުރުވަތެއް ބޭނުން ކުރައްވާ ކަމަށާއި އަދި ޢިބާރާތް ވަރަށް ތަފާތު ކަމަށް ވިދާޅުވިއެވެ. އަދި ހަޤީޤަތުގައިވެސް ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ތެދު ވިދާޅުވެފައިވާ ކަމަށާއި ރައީސް ނަޝީދުގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގައި ހައްދު ފަހަނައަޅާފައިވާމީހުން ތިބި ކަމަށެވެ. އަދި އެއަށް ޝައްކެއް ނެތް ކަމަށް ޝައިޙް ޙުސައިން ރަޝީދު ވިދާޅުވިއެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ އިސްލާމް ދީނޭ ކިޔައިގެން ބަޣާވަތް ކުރުން ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ހައްދު ފަހަނަ އަޅާފައިވާ ތިބި މީހުން އުޅޭ ވާހަކަ އަކީ ރައީސް ނަޝީދު އަލަށް ދެއްކެވި ވާހަކަފުޅެއް ނޫން ކަމަށާއި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމުވެސް އެވާހަކަތައް ދައްކަވާފައިވާ ކަމަށެވެ.

ޝައިޙް ހުސައިން ރަޝީދު ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަފުޅުގައި ދައްކަވާފައިހުރީ ރަނގަޅު ވާހަކަފުޅުތަކެއް ކަމަށާއި އެއިން މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަރި ހުސައިން ރަޝީދު ވަނީ ރައީސް ދެއްކެވި ވާހަކަފުޅު ތަކުގައިވާ ބައެއް މުހިއްމު ނުގުތާތައް ފާހަގަ ކުރައްވާ އޭގެ ބައެއް ތަފްޞީލް އާއި ބައެއް މިސާލު ނަންގަވާ ދައްކަވާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ކަމުގައި ހުސައިން ރަޝީދު ހުންނެވިއިރު ޕާޓީގެ އިސްބޭފުޅުންނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު މަޝްވަރާކޮށްލުމަށް ބޭއްވި ބައްދަލު ވުމެއްގެ މައްޗަށް އަލި އަޅުއްވާ ލެއްވިއެވެ. އަދި އެ ބައްދަލުވުމުން ނިމުމަށްފަހު ދެކެވުނު ވާހަކައެއްގައި މިހާރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނަށް އަމާޒުކުރައްވާ ރާއްޖޭގައި މިހާރު ފެތުރިފައިއޮތް މަސްތުވާތަކެތީގެ މަސަލައިގެ ތުހުމަތު އެޅުއްވި ކަމަށެވެ. އަދި އެ މައްސަލާގައި ޢަބްދުﷲ ރިޔާޒްގެ މައްޗަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ދައުވާ ކުރައްވާނަމަ ޢަބްދުﷲ ރިޔާޒް އާއި ދެކޮޅަށް ކޯޓްގައި ހެކިބަސް ދެއްވާނެ ކަމަށް ޙުސައިން ރަޝީދު ވިދާޅުވިއެވެ.